ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ވެސް ހައްދެއް އޮވޭ: މިސްރު

މިސްރުގެ ރައީސް ޖެނެރަލް ފައްތާހު އަލް ސީސީ--

ގާހިރާ (އޮކްޓޯބަރު 28): ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ލިބިފައި އޮތް ނަމަވެސް، އެ ހިޔާލެއްގެ ސަބަބުން 1.5 ބިލިއަނަށް ވުރެ ގިނަ މީހުން ނުރުހިއްޖެ ނަމަ އެއީ އެ މިނިވަންކަން ހުއްޓޭ ހިސާބު ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ވިދާޅުވެއްޖެ އެވެ.

ސީސީ އެފަދައިން ވިދާޅުވީ، ރަސޫލާއަށް ފުރައްސާރަކޮށް ކުރަހާފައިވާ ކާޓޫނުތަކެއް ފްރާންސުގެ ސްކޫލެއްގައި ދެއްކި ޓީޗަރަކު މި މަހުގެ 16ގައި މަރާލުމާ ގުޅިގެން އޭނާގެ ދިފާއުގައި ރައީސް އިމަނުއެލް މެކްރޮން ދެއްކެވި ބައެއް ވާހަކަފުޅުތަކާ ގުޅިގެންނެވެ. އެގޮތުން މެކްރޮން ވިދާޅުވި ގޮތުގައި ޓީޗަރު ސެމުއެލް ޕެޓީ "ދަސްކޮށްދިން މިނިވަންކަން ފްރާންސުން ދިފާއުކޮށް، ކާޓޫނުތަކާއި ކުރެހުންތައް ދޫކޮށްނުލާނެ" އެވެ.

ސީސީ ވިދާޅުވި ގޮތުގައި މުސްލިމުންނަށް ވެސް ހައްގުތަކެއް ލިބިފައިވެ އެވެ. އެގޮތުން މުސްލިމުންގެ އިހުސާސްތަކާއި ގަބޫލު ކުރުންތައް އެހެން މީހުންގެ އިހާނެތިކަމުން ރައްކާތެރިކުރުމަކީ މުސްލިމުންނަށް ލިބިފައިވާ ހައްގެކެވެ. އަދި ބައެއް މީހުންނަށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ލިބިފައި އޮތަސް، އެ ހިޔާލެއްގެ ސަބަބުން 1.5 ބިލިއަނަށް ވުރެ ގިނަ މުސްލިމުން ނުރުހޭ ނަމަ އެ މިނިވަންކަން އެހާ ހިސާބުން ހުއްޓޭނެކަން ގަބޫލު ކުރައްވާ ކަމަށް ސީސީ ވިދާޅުވި އެވެ.

"އަދި ބައެއް މީހުންނަށް އެމީހުންގެ ފިކުރުތައް ފާޅު ކުރުމުގެ މިނިވަންކަން ލިބިފައި ވިޔަސް، އެ [ފިކުރުގެ] ސަބަބުން 1.5 ބިލިއަނަށް ވުރެ ގިނަ މީހުން ނުރުހުންވާ ނަމަ އެ [މިނިވަންކަން] އެހާ ހިސާބުން ހުއްޓޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން." ސީސީ ވިދާޅުވި އެވެ.

އިސްލާމް ދީނާއި މުސްލިމުންނާ ބެހޭ ގޮތުން މެކްރޮން ދެއްކެވި ވާހަކަފުޅާ ގުޅިގެން ފްރާންސުގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ގޮވާލާ ކެމްޕޭންތައް މުސްލިމުންގެ އާބާދީ ބޮޑު ބައެއް ގައުމުތަކުގައި ވަނީ ފަށައިފަ އެވެ. އަދި މެކްރޮންއާ ދެކޮޅަށް މުޒާހަރާތައް ބާއްވާފައިވާ ގައުމުތަކުގެ ތެރޭގައި ފަލަސްތީނާއި އިރާގާއި ތުރުކީ އާއި ބަންގުލަދޭޝް ހިމެނެ އެވެ.

comment ކޮމެންޓް