380 ރެންޑަމް ސާމްޕަލް ނެގެޓިވްވެ، ކުޅުދުއްފުށި މޮނިޓަރިން އިން ނަގައިފި

ކުޅުދުއްފުށި ސިޓީ -- ފޮޓޯ/ ޕީއެސްއެމް

ކޮވިޑް19 ގެ ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެންދިޔަ ކުޅުދުއްފުށި ސިޓީގެ މޮނިޓަރިން ނިމުމަކަށް ގެނެސްފިއެވެ.

މިމަހުގެ ފަސްވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދެއްކި ފުލުހަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެންދިޔައެވެ.

ނަމަވެސް ޖެހިގެން އައި ދުވަހު މޮނިޓަރިން އުވާލުމަށްފަހު، އަލުން އޮކްޓޫބަރު 17 ވަނަ ދުވަހު އެ ސިޓީ ވަނީ މޮނިޓަރިން އަށް ލައިފައެވެ.

އަދި އެ ސިޓީގައި ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާކަން ހާމަކޮށް، ހާއްސަ ޓާސްކް ފޯސް އެއް ވެސް އެކުލަވައިލިއެވެ. އެ ސިޓީން 15 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ.

ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ސިޓީ އިތުރަށް މޮނިޓަރިންގެ ހާލަތުގައި ބާއްވަން ޖެހޭ ސަބަބެއް ނެތުމުން މިރޭ 19:12 އެ ސިޓީގެ މޮނިޓަރިން ވަނީ ނިމުމަކަށް ގެނެސްފައެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުނީ، ކުޅުދުއްފުށިން މިހާތަނަށް ޓެސްޓުކުރި 380 ރެންޑަމް ސާމްޕަލް ވެސް ނެގެޓިވް ވެފައިވާ ކަމަށެވެ.

comment ކޮމެންޓް