ގައުމުގެ ހާލަތު ރަނގަޅުކުރެވޭނީ ކޮންމެ ރައްޔިތެއްގެ ފަރުދީ ބައިވެރިވުން ލިބިގެން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެ މިހާރު އޮތް ހާލަތަށް ވުރެ ރަނގަޅު ހާލަތަކަށް ގެންދިއުމަށް، ކޮންމެ ރައްޔިތެއްގެ ފަރުދީ ބައިވެރިވުމަށް ނުހަނު ބޮޑަށް ބޭނުންވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތޯބުގައެވެ.

ރައީސްގް ހިތޯބުގައި ވިދާޅުވީ ރަސޫލާގެ ސީރަތުން ފެންނަ އެންމެ މަތިވެރި ނަމޫނާއަކީ، މީސްތަކުންގެ މެދުގައި އޮންނަންވީ އެއްބަނޑުއެއްބަފާކަމުގެ ގުޅުމާއި، އަދުލު އިންސާފަށް ލޯބިކުރުމާއި، އަނެކުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ މާތް ސިފަ ކަމަށެވެ.

އަދި އެކަކު އަނެކަކަށް އެހީތެރިވެ އުޅުމާއި، ދަތި އުނދަގޫ ހާލަތްތަކުގައި ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމުގެ ރިވެތި ސިފަތަކާއި ވަކިން ހާއްސަ ގޮތެއްގައި، އާއިލީ ގުޅުންތައް ބަދަހިކުރުމާއި، އަނެކުންނަށް މައާފްކުރުމާއި ހިތްހެޔޮކަމާއެކު މުއާމަލާތުކުރުމުގެ އަހްލާގީ ނަމޫނާތައް ކަމަށެވެ.

ދީނީ ވާޖިބުތަކަށް ފަރުވާތެރިވާ ފަދައިން، ދުނިޔަވީ ދިރިއުޅުން ބާއްޖަވެރިކުރުމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމަކީ، ނަބަވީ ސީރަތުން ލިބިދޭ އެންމެ މުހިންމު ފިލާވަޅު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރާއްޖެވެސް މިއަދު މިއޮތީ، މިއަށްވުރެ ރަނގަޅު ހާލަތަކަށް ގެންދިޔުމަށްޓަކައި، ކޮންމެ ރައްޔިތެއްގެ ފަރުދީ ބައިވެރިވުމަށް ނުހަނު ބޮޑަށް ބޭނުންވެފައެވެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން، ގައުމުގެ ހާލަތު ރަނގަޅުކުރެވޭނީ، އިސްލާމީ ދައުލަތް ފެށިގެން އައިއިރު، އެ ދައުލަތް ބިނާކުރުމަށްޓަކައި މުސްލިމުން ދެއްކި ފަދަ، ހިތްވަރުގަދަކަމާއި މަސައްކަތްތެރިކަމުގެ ނަމޫނާއެއް ދިވެހިންގެ ފަރާތުންވެސް ފެނިގެން ކަމަށެވެ.

އަދި މިއީ، ދިވެހިންގެ މެދުގައި އިޖުތިމާއީ އަދާލަތު ގާއިމުކޮށް، ހަމަޖެހުމާއި ސުލްހަ މަސަލަސްކަންމަތީ ދެމިތިބުމަށްޓަކައި، ކޮންމެ މީހެއްގެ ކިބައިގައި ހަރުލައްވަންޖެހޭ މުހިންމު ސިފަތަކެއް ކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީރަސޫލާ ދެއްކެވި މަތިވެރި ނަމޫނާތަކުން، ދެ ދުނިޔޭގެ ބާއްޖަވެރިކަން ހާސިލުކުރުމަށްޓަކައި، އެކަލޭގެފާނުގެ ވަސްމީރު ޒިކުރާއިން ލިބިދޭ މިފަދަ ފިލާވަޅުތަކުން، އެންމެންގެ ދުނިޔަވީ ހަޔާތުގެ އާބާތުރަ ފިލުވައި، އެކަލޭގެފާނުގެ މަތިވެރި ރިސާލަތަށް ފުރިހަމައަށް ތަބާވާ ބަޔަކަށް ވުމަށް ގަދައަޅާ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

comment ކޮމެންޓް