ޠަލާލް އަލް ޖެރީ އިން ރާއްޖެއަށް 10،000 މުސްހަފް ހަދިޔާކޮށްފި

ޠަލާލް އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަންގެ ފަރާތުން ރާއްޖެއަށް 10،000 މުޞްޙަފް ހަދިޔާކުރުން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ޠަލާލް އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަންގެ ފަރާތުން އިސްލާމިކް މިނިސްޓްރީއަށް 10،000 މުޞްޙަފް ހަދިޔާކޮށްފިއެވެ.

ޠަލާލް އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަނަކީ ހިލޭ ސާބަހަށް އިންސާނީ ހިދުމަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.

އިސްލާމީ ތައުލީމާއި ތަރުބަވީ ތައުލީމު ފުޅާކުރުމަށް މުޖުތަމައަށް އެހީތެރިވުމަކީ ވެސް އެ ޖަމިއްޔާގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ނާއިބު ރައީސް ފައިސަލް ނަސީމް މިއަހަރުގެ ޖެނުއަރީ މަހު ކުވޭތަށް ކުރެއްވި ދަތުރުފުޅުގައި އެ ފައުންޑޭޝަންގެ އޮނަރަރީ ޕްރެޒިޑެންޓް ޠަލާލް އަލް ޖެރީ އާ ބައްދަލުކުރައްވައި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ރާއްޖެއަށް ލިބިގެން ދިޔަ އެހީއެއް ކަމަށެވެ.

އެ މުޞްޙަފްތައް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރުއާ ހަވާލުކުރެއްވީ މިއަދު އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ފައުންޑޭޝަންގެ ރައީސް ޑރ. އަބްދުﷲ ރަޝީދު އަހްމަދެވެ.

ޠަލާލް އަލް ޖެރީ އަކީ ކުވޭތުގައި ފުޅާ ދާއިރާއެއްގައި ތައުލީމު ފެތުރުމުގެ މަސައްކަތްކުރައްވާ ބޭފުޅެކެވެ. އެގޮތުން ކުވޭތުގެ އެކި ސަރަހައްދުތަކުގައި 20 ސްކޫލް ހިންގަމުންދެއެވެ. އޭގެތެރޭގައި އިންޓަނޭޝަނަލް ސްކޫލްތައް ވެސް ހިމެނެއެވެ.

ޠަލާލުގެ ނަމަށް ނިސްބަތްވާ "ޠަލާލް އަލް ޖެރީ ހިއުމެނިޓޭރިއަން ފައުންޑޭޝަން" އަކީ ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ މަގްސަދުގައި ޠަލާލް އަލް ޖެރީ އާ ގުޅިގެން ހިންގުމަށް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާއެކެވެ.

ޠަލާލް އަލް ޖެރީ އަކީ ކުވޭތުގެ ޗެމްބާ އޮފް ކޮމާސްގެ މެމްބަރެކެވެ. މީގެއިތުރުން ޠަލާލަކީ ކުވޭތާއި އަރަބި ދުނިޔެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

comment ކޮމެންޓް