130 ކިލޯ ޑްރަގް: އިތުރު ހެކި ހުށަހެޅުމުން ވެސް ޝަހީބު ދޫކޮށްލައިފި

ހުޅުމާލޭ ފަޅުން އަތުލައިގަތް 130 ކިލޯގެ ޑްރަގުގެ މައްސަލައިގައި ހައްޔަރުކުރި ޝަހީބު އިބްރާހިމް --

ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބު އިބްރާހިމް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ޝަހީބު ދޫކޮށްލަން އަމުރުކުރީ، އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ، ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.

އޭނާ ދޫކޮށްލަން އަމުރު ކުރީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝަހީބު ދޫކޮށްލީ ހެކި ހުރެގެން ފުރަތަމަ ފަހަރަށް މުއްދަތު އިތުރުކޮށްދިނުމަށް ފަހު، ތަހުގީގަށް މިހާރު އިތުރަށް ލިބިފައިވާ ހެކިތަކާއެކު މިއަދު ކޯޓަށް ހުށަހަޅާފައި ވަނިކޮށް ކަމަށެވެ.

އެ މައްސަލައިގައި ޝަހީބު ހިމެނޭގޮތަށް ހަތް މީހަކު ފުލުހުން ހައްޔަރުކުރި އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރާ 48 އަހަރާ ދެމެދުގެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.

އެ ތަކެތި ރާއްޖެ އެތެރެކުރުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރަނީ ޝަހީބް އިބްރާހިމް އާއި ވައިލެޓްވިލާ/ ހއ. ހޯރަފުށި، އަހްމަދު މޫސާ އަށެވެ.

ކުރީ ސަރުކާރުގައި ހައުސިންގް މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރި ޝަހީބު މިވަގުތު ހުތީ ޕީއެންސީގެ ކައުންސިލް މެމްބަރު ކަމުން ސަސްޕެންޑު ކޮށްފައެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބުގައިވެސް ވާދަކުރި، ޝަހީބް އިބްރާހިމްއަކީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި އިރާނު ބޯޓަކުން އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅުން އޮތް މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

މިދިޔަ އަހަރު ތެރޭ މަސްތުވާތަކެއްޗާއެކު ރާއްޖެ ސަރަހައްދުން އަތުލައިގަތް އިރާންގެ ބޯޓާ ޝަހީބު ހަވާލުވެ އެ ބޯޓު މިހާރު ސަފާރީއަކަށް ބަދަލު ކުރާކަން ވެސް ވަނީ ހާމަވެފައެވެ.

އިތުބާރު ހުރި މަސްދަރުތަކުން "ސަން"އަށް ކަށަވަރުކުރެވިފައިވާ ގޮތުގައި، އެ ބޯޓު މިހާރު އޮތީ ހިންމަފުށީ އޮޑި ހަރުގެއެއްގަ އެވެ. އެކަން އެ ރަށު ކައުންސިލުން ވެސް "ސަން"އަށް ކަށަވަރުކޮށްދެ އެވެ.

އެ ބޯޓުން އީރާންގެ ހަތް މީހުން ހައްޔަރު ކުރި އިރު، އެ މައްސަލައިގައި ކޯޓުން ޖާމިނުވީ، ޝަހީބް އިބްރާހިމެވެ.

"ސަން"އަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ޝަހީބް އިބްރާޙިމް އެ ބޯޓާ ހަވާލުވުމަށްފަހު، އޭނާ ވަނީ އެ ބޯޓު ސަފާރީއަކަށް ބަދަލު ކުރުމަށް ހިންމަފުށީ ވަޑާން ކުރާ މީހަކާ ހަވާލުކޮށްފަ އެވެ. އަދި އެ މަސައްކަތް ހިނގަމުންދެ އެވެ. އަދި އެކަމުގައި މެދުވެރިއަކަށްވީ، ޝަހީބްގެ ނެޓްވޯކުގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތު ކުރާ އިސްމާއިލް ރަޝީދު ކިޔާ މީހެކެވެ. އޭނާއަކީ ހިންމަފުށިން އެއް ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުވެސް ކުރި މީހެކެވެ.

"ސަން"އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މިހާރު އެ ބޯޓުގެ ވަޑާމުގެ މަސައްކަތްކޮށް ވަރަށް ބޮޑަށްކޮށް ބޯޓުގެ ބޮޑު ބައިވަނީ ސަފާރީއަކަށް ބަދަލުކޮށްފަ އެވެ. އެ ބޯޓު ސަފާރީއަކަށް ބަދަލު ކުރުމަށް ޝަހީބް ވަނީ ވަޑާން ކުރާ މީހާއަށް ގިނަ އަދަދެއްގެ ފައިސާ އެޑްވާންސަށް ދީފައިކަން ވެސް އެނގިފައިވެ އެވެ.

comment ކޮމެންޓް