އިންޑިއާގެ ކޮންމެ މީހަކަށްވެސް ކަޝްމީރުން ބިން ގަނެވޭ ގޮތް ހަދައިފި

އިންޑިއާގެ ކޮންމެ މީހަކަށްވެސް ކަޝްމީރުން ބިން ގަނެވޭ ގޮތް ސަރުކާރުން ވަނީ ހަދާފަ -- ފޮޓޯ: އޭޕީ

ސްރީނަގަރު (އޮކްޓޯބަރު 28): ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅިން، އެގައުމުގެ ކޮންމެ މީހަކަށްވެސް ބިން ގަތުން ހުއްދަ ކުރާ ގާނޫނަކަށް އިންޑިއާއިން އަމަލު ކުރަން ފަށައިފި އެވެ.

އިންޑިއާގެ ގާނޫނުތަކުގައި މީގެ ކުރިން އޮތް ގޮތުން ކަޝްމީރުން ބިން ގަނެވޭނީ އެ ސަރަހައްދުގެ ދާއިމީ ރަށްވެހިންނަށެވެ. ނަމަވެސް އެގައުމުގެ ފެޑެރަލް ހޯމް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން ކަޝްމީރުގެ ބިމާ ބެހޭ ބައެއް ގާނޫނުތައް ވަނީ އިސްލާހުކޮށްފަ އެވެ. އޭގެ ތެރޭގައި، ކަޝްމީރުގެ ބިން ގަތުމަށް ދާއިމީ ރަށްވެއްސަކަށް ވާން ޖެހޭނެ ކަމަށް ބުނާ ޝަރުތު ވަނީ އުނިކޮށްފަ އެވެ.

އެހެންކަމުން އިންޑިއާގެ ކޮންމެ މީހަކަށްވެސް ދެން ކަޝްމީރުން ބިން ގަނެވޭނެ އެވެ. އަދި އެ ބަދަލު ގެނައީ އެގައުމުގެ އެހެން ސަރަހައްދުތަކުގައި އަމަލު ކުރާ ގާނޫނުތައް ކަޝްމީރުގައި ވެސް ތަންފީޒު ކުރަން ކަމަށް ހޯމް މިނިސްޓްރީގެ އޮފިޝަލަކު ޓައިމްސް އޮފް އިންޑިއާއާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

މީގެ އިތުރުން އެ ބަދަލު ގެނައި ނަމަވެސް، މަދު ހާލަތެއް ފިޔަވާ ހުރިހާ ހާލަތެއްގައިވެސް ކަޝްމީރުގެ ދަނޑުވެރިކަން ކުރާ ބިންތައް ހާއްސަކޮށްފައި އޮންނާނީ ދަނޑުވެރިންނަށްކަން ހޯމް މިނިސްޓްރީން ފާހަގަ ކުރި އެވެ.

މީގެ ކުރިން އަމިއްލަ ގާނޫނު އަސާސީއެއް އޮތް ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އުވާލާފަ އެވެ. އަދި ކަޝްމީރަކީ މައި ސަރުކާރުން ހިންގާ ދެ ޔޫނިއަން ޓެރިޓަރީއަކަށް ހަދާފަ އެވެ.

ކަޝްމީރުގެ މުސްލިމުން ތުހުމަތު ކުރާ ގޮތުގައި އިންޑިއާއިން އެ ބަދަލުތައް ގެންނަނީ އެ ސަރަހައްދުގެ އާބާދީގައި މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންގެ ނިސްބަތަށް ބަދަލު ގެނައުމަށްޓަކަ އެވެ.

އިންޑިއާއިން 2011 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި ކަޝްމީރުގެ 12.5 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 68.31 ޕަސެންޓަކީ މުސްލިމުންނެވެ. އަދި 28.43 ޕަސެންޓަކީ ހިންދޫންނެވެ.

comment ކޮމެންޓް