އައްޑު އާއި ފުވައްމުލައް ބަޔޮސްފިއާ ރިޒާވްއެއްގެ ގޮތުގައި ކަނޑައަޅައިފި

ފުވައްމުލަކު ސިޓީގައި ހުންނަ ނޭޗާ ޕާކް --- ފޮޓޯ/ ސީކެޕް

އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަކީ ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްއެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.

ރާއްޖޭގެ ދެކުނުގައި އޮންނަ ފުވައްމުލަކު، ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޔުނެސްކޯއިން މިހާރު ކުރިއަށް ގެންދާ އިންޓަނޭޝަނަލް ކޯޑިނޭޓިން ކައުންސިލް އޮފް ދަ މޭން އެންޑް ދަ ބަޔޮސްފިއާ ޕްރޮގްރާމްގައެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ފުވައްމުލަކު ރައްޔިތުންނަށް މަރުހަބާ ދައްނަވާފައެވެ.

މިނިސްޓަރު ވިދާޅުވީ ފުވައްމުލަކުގެ ރައްޔިތުންގެ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ވިޝަންގެ ސަބަބުން ފުވައްމުލައް ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާާވްއެއްގެ ގޮތުގައި ކަނޑައެޅިގެން ގޮސްފައިވާ ކަމަށެވެ.

ރައީސް އޮފީހުން މީގެކުރީން ބުނެފައިވާގޮތުގައި ފުވައްމުލައް ބަޔޮސްފިއާ ރިޒާވްއެއްގެ ގޮތުގައި ކަނޑައެޅުމުގެ ސަބަބުން ލިބިގެންދާ އިގްތިސޯދީ ފައިދާ އިތުރުވެގެން ދާނެ ކަމަށެވެ.

ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީއަކީވެސް ބަޔޮސްފިއާ ރިޒާވްއެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ސަރުކާރުން ހުށަހެޅުމަށް ވަނީ ކުރީން ނިންމާފައެވެ.

ފުވައްމުލަކުގެ އިތުރުން މިވަގުތު ރާއްޖޭގައި ބަޔޮސްފިއާ ރިޒާވް އެއްގެ ގޮތުގައި ހިމެނެނީ ބ. އަތޮޅެވެ. ތިމާވެށީގެ ގޮތުން ގުދުރަތީ ހާއްސަކަންތައް ލިބިފައިވާ ސަރަހައްދުތައް ޔުނެސްކޯއިން ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާއިރު އޭގެ ސަބަބުން އެތަންތައް ރައްކާތެރިކުރުމަށްޓަކައި ހާއްސަ ކަންތައްތަކެއް ކުރެވިގެންދާނެއެވެ.

ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި މުޅި ފުވައްމުލައް ހިމެނިގެންދިޔައިރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. އެ މަސައްކަތްތަކުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ 11 ސަރަހައްދަކާއި ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަޙައްދު ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅައި ގެޒެޓްކޮށްފައެވެ.

comment ކޮމެންޓް