ކޮވިޑާ ގުޅިގެން އުމުރާގެ ފުރުސަތު ލިބެނީ 18 އަހަރާއި 50 އަހަރާ ދެމެދުގެ މީހުންނަށް

ރިޔާޒް (އޮކްޓޯބަރު 28): ކޮވިޑް-19 އާ ގުޅިގެން އުމްރާގެ އަޅުކަމުގެ ފުރުސަތު ބަންދުކޮށްފައި އޮތުމަށްފަހު އެ ފުރުސަތު ބޭރުގައުމުތަކުގައި ދިރިއުޅޭ މީހުންނަށް އަލުން ހުޅުވާލާއިރު އުމުރާގެ ފުރުސަތު ދޭނީ 18 އަހަރާއި 50 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނަށް އެކަނި ކަމަށް ސައުދީ އަރަބިޔާ އިން ބުނެފިއެވެ.

ސައުދީ ރަސްމީ ނޫސްއެޖެންސީން ބުނީ އުމުރާގެ ފުރުސަތު 18 އަހަރާއި 50 އަހަރާ ދެމެދުގެ މީހުންފިޔަވައި އެނޫން އުމުރުފުރާތަކުގެ މީހުންނަށް މިދުވަސްވަރު ނުދޭން ނިންމީ އެހެން އުމުރުފުރާތަކުގެ މީހުންނަކީ ކޮވިޑް-19 ގެ ނުރައްކާ ބޮޑުމީހުން ކަމަށް ވާތީއެވެ. ކޮވިޑް އަށް ވެކްސިން އެއް އީޖާދުވެ އެވެކްސިން ދިނުމާ ހަމައަށް އުމުރާގެ ފުރުސަތު ދޭނީ 18 އަހަރާއި 50 އަހަރާ ދެމެދުގެ މީހުންނަށް ކަމަށްވެސް ހައްޖާއި އުމުރާގެ ކަންތައްތަކާބެހޭ ސައުދީ މިނިސްޓްރީއާ ހަވާލާދީ އެގައުމުގެ ރަސްމީ ނޫސްއެޖެންސީ ބުނެއެވެ.

ބޭރުގައުމުތަކުގައި ދިރިއުޅޭ މީހުންނަށް އުމުރާގެ ފުރުސަތު ދިނުމާބެހޭގޮތުން ސައުދީން އެކުލަވާލާފައިވާ ގައިޑްލައިން ބުނާގޮތުން އުމުރާއަށް އެދި ހުށަހަޅާ މީހުން ކޮވިޑްއަށް ކުރާ ޕީސީއާރް ޓެސްޓްގެ 72 ގަޑިއިރުނުވާ ނަތީޖާއެއް ހުށަހަޅަންޖެހޭނެއެވެ. ޕޮލިމަރޭޒް ޗެއިން ރިއެކްޝަން ޓެސްޓް ނުވަތަ ސީޕީއާރު ޓެސްޓަކީ ހަށިގަނޑުގައި ކޮވިޑް ހުރިތޯ ނެތްތޯ ބެލުމަށް ކުރާ އިތުބާރުހުރި ޓެސްޓެކެވެ.

ސައުދީ ގައިޑްލައިން ބުނާގޮތުން ޢުމްރާއަށް އަންނަމީހުން ސައުދީއަށް ވަނުމަށްފަހު އުމުރާގެ އަޅުކަން އަދާކުރަން ފެށުމުގެ ކުރިން ކަރަންޓީނުގައި ތިން ދުވަހު ތިބެންޖެހޭނެއެވެ. ތިން ދުވަހު ކަރަންޓީނުގައި ހުންނަންޖެހޭނީ ސައުދީ ސަރުކާރުން ކަނޑައަޅާ ތަނެއްގައެވެ. އެ ދުވަސްތަކުގެ ހުރުމާއި ކެއުމުގެ ޚަރަދު ދައްކަންޖެހޭނީ އުމުރާއަށް ދާ މީހާއެވެ. މިއީ އުމުރާގެ ދުވަސްތަކުގައި ހޮޓަލުގައި ހުރުމާއި ކެއުމަށް ކުރިއެކޭވެސް އެއްގޮތަށް ކުރާ ޚަރަދުތަކުގެ އިތުރުން އުމުރާވެރިޔާ ކުރަންޖެހޭ ޚަރަދެކެވެ.

އުމުރާގެ ހުރިހާ ކަމެއްވެސް ހަމަޖައްސަންޖެހޭނީ އެކަމާބެހޭ ސައުދީ އެޖެންޓުން މެދުވެރިކޮށް ކަމަށާ އުމުރާ ގްރޫޕްތަކުން އުމުރާވެރިންގެ ކަންކަން ކުރާނީ އެޖެންޓުން މެދުވެރިކޮށް ކަމަށް ސައުދީން ނެރުނު ގައިޑްލައިން ބުނެއެވެ. ކުރިން އެޖެންޓުންނާ އަދި ގްރޫޕްތަކާނުލައި އެކަނި އުމުރާއަށް ދެވޭގޮތަށް އޮތްނަމަވެސް މިހާރުވަނީ އެފަރާތްތަކާ ނުގުޅި އުމުރާއަށް ނުދެވޭގޮތަށް ހަމަޖައްސާފައެވެ. އުމުރާ ގްރޫޕްތަކަށް ބަލާއިރު ގުރޫޕެއްގެ ގޮތުގައި ބެލެވޭނީ މަދުވެގެން 50 މީހުން އުމުރާއަށް ގެންނަ ފަރާތްތަށް ކަމަށްވެސް ބުނެފައިވެއެވެ.

އުމުރާގެ ފުރުސަތު ބޭރުގައުމުތަކުން އަންނަމީހުންނަށް އަލުން ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ އެކަކުން ފެށިގެންނެވެ. މިމަހުގެ ކުރީކޮޅު ސައުދީ ވަނީ ވަކި ގައިޑް ލައިނެއްގެ ދަށުން އެގައުމުގެ ރައްޔިތުންނަށާއި އެގައުމުގައި ދިރިއުޅޭ ބޭރުގައުމުތަކުގެ ރައްޔިތުންނަށް އުމުރާގެ ފުރުސަތު ހުޅުވާލާފައެވެ. (ސައުދީ މިޑިއާ)

comment ކޮމެންޓް