ރާއްޖޭގައި އެމެރިކާ އެމްބަސީއެއް ހުޅުވަނީ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ މިއަދު ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވަން ނިންމައިފިއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މިއަދު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި އިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނި ގޮތުގައި އެމެރިކާއިން ރާއްޖޭގައި ރެޒިޑެންޓް އެމްބަސީއެއް ހުޅުވުމަށް ދަނީ ރާވަމުންނެވެ.

މިހާރު ރާއްޖެއަށް އެމެރިކާގެ ފަރާތުން ހިދުމަތްދޭ އެމްބަސީއަކީ ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ އެމެރިކާ އެމްބަސީއެވެ.

ރައީސް އޮފީހުން ބުނީ އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމަކީ އެމެރިކާ އަށް ތައުލީމު ހާސިލްކުރަންދިޔުމަށް ދިވެހިންނަށް އިތުރު ފުރުސަތުތައް ލިބޭނެ ކަމެއް ކަމަށެވެ. އަދި މިއީ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވުމަށް ނިންމި ނިންމުމަކީ މި ސަރުކާރުން ބައިނަލްއަގުވާމީ ދުނިޔެއާއި ގުޅުން ގާއިމްކޮށް ބަދަހިކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ރާއްޖޭގައި މިހާރު ހުންނަ ޑިޕްލޮމެޓިކް މިޝަންތަކަކީ އިނގިރޭސިވިލާތް، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ޕާކިސްތާން، ސައުދީ އަރަބިއްޔާ، ޖަޕާން އަދި ޗައިނާގެ ޑިޕްލޮމެޓިކް މިޝަންތަކެވެ.

ރައީސް އޮފީހުން ބުނީ އެމެރިކާގެ ފޮރިން ސެކްރެޓަރީގެ ދަތުރުފުޅާއެކު ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގެ އަގު އުފުލި، މި ސަރަހައްދުގައި ރާއްޖޭގެ ދާހިލީ އަދި ފޮރިން ޕޮލިސީތައް ކުރިއެރުވުމަށް ކުރާ މަސައްކަތަށް ބާރުލިބޭނެ ކަމަށެވެ.

އެމެރިކާ އާއި ރާއްޖެއިންވަނީ މިލިޓަރީ އަދި އިގްތިސޯދީ ދާއިރާ އިން ފާއިތުވި އަހަރުތަކުގެ ތެރޭގައި ގުޅުން ބަދަހިކޮށްފައެވެ. މީގެ އިތުރުން މެރިން ސެކިޔުރިޓީ އާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތް އަދި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެމެރިކާ އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 24 ޖުލައި 1992ގައި އެމެރިކާގެ އޭރުގެ ސެކެޓްރީ އޮފް ސްޓޭޓް ޖޭމްސް ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.

comment ކޮމެންޓް