ޕޮމްޕެއޯގެ ދަތުރުފުޅަށް ޕީޕީއެމް/ޕީއެންސީގެ މަރުހަބާ

ޕީޕީއެމް/ޕީއެންސީިއިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ޕީޕީއެމް

އެމެރިކާގެ ފޮރިން ސެކްރެޓަރީ މައިކަލް ޕޮމްޕެއޯ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީއިން މަރުހަބާ ކިޔައިފި އެވެ.

އިދިކޮޅުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެމެރިކާ އަކީ ރާއްޖޭގެ ޒަމާންވީ އެކުވެރިއެއް ކަމަށާއި، ތަރައްގީގެ ބައިވެރިއެއް ކަމަށެވެ. އަދި ޕޮމްޕެއޯގެ ދަތުރުފުޅާއެކު ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަވާވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ދެ ގައުމުގެ ދެމެދުގައި ދިވެހީންގެ މަސްލަހަތާ ގުޅޭ މުހިންމު ވާހަކަތައް ހިމެނިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް އިދިކޮޅުން ބުންޏެވެ. އެގޮތުން ކޮވިޑް-19ގެ ކާވް ފްލެޓަން ކުރުމާއި އަރައިގަތުމާއި، އިގުތިސާދު ކޮޅަށް ޖެހުމާއި، އަލުން އަނބުރާ ގައުމު ޑިމޮކްރެޓިކްކޮށް ހިންގުމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެފައިވެ އެވެ.

ގައުމުގެ އިދިކޮޅު ލީޑަރު ޖަލުގައި ބަންދުކޮށްފައި ހުންނަތާ އެއް އަހަރުވާން ކައިރިވެފައިވާއިރު އަދި މިހާރު އިދިކޮޅުގެ ހަރަކާތްތައް ހިންގަމުން ގެންދަވާ ލީޑަރަށް ދައުވާކޮށްފައިވާއިރު، ރޫލް އޮފް ލޯ އާއި ޑިމޮކްރެސީގެ ހަމަތައް ހިފަހައްޓަން ޕީޕީއެމް/ޕީއެންސީއިން ގޮވަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ރާއްޖޭގެ އިގުތިސާދު އަޑިއަޅާލައި ބޭންކްރަޕްޓުވުމާ ގާތަށް ގޮސްފައިވާ ކަމަށާއި އެހެންކަމުން ހަދަރު ކުރުމުގެ ސިޔާސަތުތައް ބަދަލު ކުރަން ޖެހޭ ކަމަށް އިދިކޮޅުން ބުންޏެވެ. އަދި ކޮރަޕްޝަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

އިންވެސްޓްމެންޓާއި، ވިޔަފާރީގެ ތެރެއިން ރާއްޖޭގެ އިގުތިސާދު ވަރުގަދަ ކުރުމުގައި އާއި ސަރުކާރުގެ ހިންގުން ދެ ފުށް ފެންނަ ގޮތަށް ހަދަން އެމެރިކާގެ އެހީ ބޭނުންވާ ކަމަށް އިދިކޮޅުން ބުންޏެވެ.

ސިޔާސަތުތައް ހަރުދަނާ ކުރަން މަޝްވަރާ ކުރުމަށް ތައްޔާރަށް އޮތް ކަމަށް ޕީޕީއެމް/ޕީއެންސީއިން ބުންޏެވެ.

ޕޮމްޕެއޯގެ ދަތުރުފުޅުގައި މިއަދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފަ އެވެ. އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ރަސްމީ މަޝްވަރާތައް ކުރައްވާނެ އެވެ.

comment ކޮމެންޓް