ކޮލޮމްބޯ ހިމެނޭ ޕްރޮވިންސް މިރޭ ދަންވަރު ފުރަބަންދަށް ގެންދަނީ

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގެ ސަރަހައްދެއް --

ސްރީލަންކާގެ ވެރިކަން ކުރާ ކޮލޮމްބޯ ހިމެނޭ ވެސްޓަން ޕްރޮވިންސްގައި މިރެއިން ފެށިގެން ހަ ދުވަހަށް ކާފިއު އިއުލާނުކުރަން ނިންމައިފިއެވެ.

ސްރީލަންކާގައި ކޮވިޑް19 ގެ އިތުރު ރާޅެއް އައިސްފައިވާ އިރު، އެ ގައުމުގެ ވެސްޓަން ޕްރޮވިންސްގެ ބައެއް ސަރަހައްދުތައް މިހާރުވެސް ވަނީ ކާފިއުގައެވެ.

ސްރީލަންކާގެ އާމީ ކޮމާންޑަރު ޝަވެންދްރާ ސިލްވާ ވިދާޅުވީ އޮކްޓޫބަރު 29 އިން ފެށިގެން 2 ނޮވެމްބަރު ވާ ހޯމަ ދުވަހުގެ ފަތިހު 5:00 އާ ހަމައަށް މުޅި ވެސްޓަން ޕްރޮވިންސްގައި ކަރަންޓީނު ކާފިއު އިއުލާނުކުރާނެ ކަމަށެވެ. އަދި މިހާރުވެސް ކާފިއުގައި އޮތް ސަރަހައްދުތައް އެ މުއްދަތަށްފަހު ވެސް ކާފިއުގައި ދެމިއޮންނާނެކަމަށް ވިދާޅުވިއެވެ.

ނޮވެމްބަރު 2 ގައި ކާފިއު ވީއްލޭނީ މި ފަހުން ފުރަބަންދުކޮށްފައި ނުވާ ސަރަހައްދުތަކުގައި ކަމަށްވެސް އާމީ ކޮމާންޑަރު ވިދާޅުވިއެވެ.

ސްރީލަންކާގެ ވެސްޓަން ޕްރޮވިންސްގައި ހިމެނޭ ޑިސްޓްރިކްޓުތަކަކީ ކޮލޮމްބޯގެ އިތުރުން ގަމްޕަހަ އަދި ކަލުތަރައެވެ. މި ޕްރޮވިންސްގައި ހިމެނޭ ބައެއް ބޮޑެތި ސިޓީތަކުގެ ތެރޭގައި ކޮލޮމްބޯ، ދެހިވަލަ-މައުންޓް ލެވީނިއާ، މޮރަޓުވަ، ނެގޮމްބޯ، ކޯއްޓޭ ހިމެނެއެވެ.

ސްރީލަންކާއަށް މި ފަހުން ކޮވިޑް19 ގެ ބޮޑު ކްލަސްޓާތަކެއް ފެނުނީ އެގައުމުގެ މިނުވަންގޮޑަ ޓައުންގައި ހުންނަ ގާމެންޓް ފެކްޓްރީއެއްގެ މުވައްޒަފަކު ބައްޔަށް ޕޮޒިޓިވްވެ، އެތަނުގެ އިތުރު މީހުން ޓެސްޓުކުރުމުންނެވެ.

މި މަހުގެ ކުރީކޮޅު މި ކޭސްތައް ފެނުނީއްސުރެ ފެށިގެން މިއަދާ ހަމައަށް ކޮވިޑް19 ގެ 5،000 އަށްވުރެ ގިނަ ކޭސް ވަނީ ފެނިފައެވެ.

comment ކޮމެންޓް