އޮޑިޓް އޮފީހަށް 80.7 މިލިއަން ރުފިޔާގެ ބަޖެޓެއް ދޭން ފާސްކޮށްފި

އޮޑިޓް އޮފީހުންގެ ވެރިން މަޖިލިސް ކޮމިޓީގައި: އެ އޮފީހަށް އަންނަ އަހަރުގެ ބަޖެޓަށް 80.7 މިލިއަން ރުފިޔާ ދޭން ވަނީ ފާސްކޮށްފައި ---

އޮޑިޓް އޮފީހަށް އަންނަ އަހަރު 80.7 މިލިއަން ރުފިޔާގެ ބަޖެޓް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެއީ މިއަހަރު އެ އޮފީހުގެ ބަޖެޓާ އަޅާ ބަލާއިރު، 33.8 މިލިއަން ރުފިޔާގެ ބޮޑު އަދަދެކެވެ. މިއީ އޮޑިޓް އޮފީހަށް މިހާ ބޮޑު ބަޖެޓެއް ދިން ފުރަތަމަ ފަަހަރެވެ. މިއަހަރުގެ އެ އޮފީހުގެ ބަޖެޓުގެ އަދަދަކީ، 47.9 މިލިއަން ރުފިޔާ އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް އޮޑިޓް އޮފީހުން ފުރަތަމަ ހުށަހަޅީ، 104.8 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ. ނަމަވެސް މަޖިލީހުގެ މާލިއްޔަތު ކޮމިޓިން ފާސްކުރީ، 23 މިލިއަން ރުފިޔާ އުނިކޮށް ބަޖެޓް ފާސްކުރުމަށެވެ.

މާލިއްޔަތު ކޮމިޓީން ފާސްކުރި ގޮތަށް މަޖިލިސް ތަޅުމުން ވަނީ ބަޖެޓް ދިނުމަށް ފާސްކޮށްފައެވެ. އެ ބަޖެޓް ފާސްކުރީ، 54 މެމްބަރުންގެ ވޯޓުންނެވެ.

ރިކަރެންޓް ހަރަދާއި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި 56.7 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ގޮތުގައި 25 މިލިއަން ވަނީ ކަނޑައަޅާފައެވެ.

އޮޑިޓް އޮފީހުން ހުށަހެޅި ބަޖެޓްގައިވާ ގޮތުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި 795،000 ރުފިޔާއެވެ. އެއީ މަހެއްގެ މައްޗަށް ބަލާނަމަ، 61،250 އެވެ.

comment ކޮމެންޓް