ވަކި ކުރަން ނިންމާފައި ވަނިކޮށް ޒީނާ ބްރޯޑްކޮމްއިން އިސްތިއުފާދެއްވައިފި

ބްރޯޑްކާސްޓިންގް ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު --- ފޮޓޯ/ ރައީސް އޮފީސް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ޒީނާ ޒާހިރު ވަކި ކުރުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން ކުރަމުން ދަނިކޮށް އޭނާ މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޒީނާ ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއިން ވަނީ ބަލާފަ އެވެ. މި މަހުގެ 12 ވަނަ ދުވަހު ކޮމިޓީގައި ތިއްބެވި ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ އަގުލަބިއްޔަތުން ފާސްވީ އޭނާ މަގާމުން ވަކި ކުރުމަށެވެ.

ކޮމިޓީއިން އެހެން ނިންމާފައި އޮތް އިރު، ޒީނާ މަގާމުން ވަކި ކުރަން ތަޅުމުގައި ވޯޓަށް އަހަން ތާވަލުކޮށްފައި އޮތީ މިއަަދަށެވެ. އޭގެ ކުރިން ޒީނާ މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވާފަ އެވެ.

ރަސްމީ ގަޑީގައި ޒީނާ މަސައްކަތަށް ހާޒިރުވެވަޑައިނުގަންވާ ކަމަށް ބުނާ މައްސަލަ އާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭ ރާއްޖެޓީވީގެ ކޮންޓެންޓު ހުއްޓުވަން ސިޓީ ފޮނުވި މައްސަލަ ފަދަ ކަންކަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ވަނީ ބަލައިފަ އެވެ.

ޒީނާގެ ސިޓީގައި ބުނެފައި ވަނީ ކޮމިޓީއިން ނިންމި ނިންމުމަކީ އިންސާފުވެރި ނިންނުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ކުރައްވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒީނާ ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަންކޮށްފައި ވަނީ އޭޕްރިލް، 5، 2016ގަ އެވެ. އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ އޭނާގެ މެމްބަރު ކަމުގެ ދައުރު ހަމަވާން ފަސް ވަރަކަށް މަހަށް ވެފައި ވަނިކޮށެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ބްރޯޑްކޮމް އަށް އައްޔަނު ކުރި މެމްބަރުންގެ ތެރެއިން އެ ކޮމިޝަނުގައި މިހާރު ތިއްބެވީ، އަމްޖަދު ވަހީދު އަދި އާމިނަތު ސަރާހަތު އިއްޒަތު އެވެ. މީގެ ކުރިން އެހެން ދެ މެމްބަރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ނިންމި އެވެ.

comment ކޮމެންޓް