ފޭސްބުކްގެ އިންޑިއާ ޕޮލިސީ ޗީފް އިސްތިއުފާ ދެއްވައިފި

ފޭސްބުކްގެ އިންޑިއާ ޕޮލިސީ ޗީފް އަންކީ ދާސް--

ނަފްރަތު އުފެދޭ ވާހަކަތައް ނުހުއްޓުވި ފޭސްބުކްގެ އިންޑިއާ ޕޮލިސީ ޗީފް އަންކީ ދާސް އިސްތިއުފާ ދެއްވައިފި އެވެ.

އަންކީ ހޫނުފެނަށް ވެއްޓުނީ ވޯލް ސްޓްރީޓް ނޫހުން އޭނާގެ ވާހަކަތައް ފަޅާއަރުވާލުމާ ގުޅިިގެންނެވެ. މިދިޔަ އޮގަސްޓް މަހު ވޯލް ސްޓްރީޓްއިން ޝާއިއުކުރި ލިޔުމެއްގައި ބުނީ އިންޑިއާގެ ހިންދޫންގެ ލީޑަރެއްކަމަށްވާ ޓީ ރާޖާ ސިންގް މުސްލިމުންނާ ދެކޮޅަށް ނަފްރަތު އުފެދޭ ގޮތަށް ދެއްކެވި ވާހަކަަތައް ފޭސްބުކްއިން ނަގަން އަންކީ ދެކޮޅު ހެއްދެވި ކަމަށެވެ. އެއީ އޭގެ ސަބަބުން ފޭސްބުކްއަށް އިންޑިއާގައި ވިޔަފާރީގެ ގޮތުން ދިމާވެދާނެ ދަތިތަކާ ގުޅިގެންކަމަށްވެސް ބުނެފައިވެ އެވެ.

އިންޑިއާގައި ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު 300 މިލިއަނަށް އަރައެވެ. އަދި ފޭސްބުކްއިން ހިންގާ ވަޓްސްއަޕްގައިވެސް އިންޑިއާގެ 400 މިލިއަން ޔޫސަރުން އުޅެ އެވެ.

ސިންގް ފޭސްބުކްގައި ކުރި ޕޯސްޓްތަކުގައި ވަނީ އިންޑިއާގައި ދިރިއުޅޭ ރޮހިންގާ މީހުންގެ ގަޔަށް ބަޑިޖަހައި މުސްލިމުންނަކީ ޣައްދާރުންކަމަށް ބުނެފައެވެ. އަދި މިސްކިތްތައް ބިމާ ހަމަކޮށްލާނެކަމުގެ އިންޒާރުވެސް އޭނާ ދިނެވެ.

ވޯލްސްޓްރީޓްގެ ލިޔުމާ ގުޅިގެން ފޭސްބުކްއިން ފަހުން ސިންގް އެ ޕްލެޓްފޯމްއިން ބްލޮކްކުރިއެވެ.

ފޭސްބުކް އިންޑިއާގެ މެނޭޖިން ޑިރެކްޓަރު އަޖިތު މޯހަން ވިދާޅުވީ އަންކީ މަގާމުން އިސްތިއުފާ ދެއްވީ ޕަބްލިކް ސާވިސްގައި ހިދުމަތްކުރައްވަން ބޭނުންވާތީ ކަމަށެވެ.

އިންޑިއާ ޕޮލިސީ ޗީފް އަންކީ މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރަން ދުނިޔޭގެ އެކިކަން ކޮޅުތަކުގެ 40 ގްރޫޕަކުން ވަނީ ފޭސްބުކްގެ ސީއީއޯ މާކް ޒުކަބާގްއަށް ސިޓީވެސް ފޮނުވައިފަ އެވެ. -- އަލްޖަޒީރާ

comment ކޮމެންޓް