ވެންޓިލޭޓަރު ކޮރަޕްޝަން: ދައުވާނުކުރި މައްސަލައިގައި ޕީޖީ ހާޒިރުކުރި ކޮމިޓީ ސިއްރު

ޕީޖީ ކޮމިޓީ މަޖިލިސް ކޮމިޓީއެއްގައި: އޭނާ މިއަދު ހާޒިރުކުރި ޖުޑީޝަރީ ކޮމިޓީ ވަނީ ސިއްރުކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަނުގައި ތުހުމަތުވާ މީހުންނަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދައުވާ ނުކުރި މައްސަލާގައި ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ހާޒިރު ކުރި ކޮމިޓީ ސިއްރު ކޮށްފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް އެ މައްސަލަ ބަލަމުން އަންނަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންނެވެ.

މިއަދުގެ އެ ކޮމިޓީގެ ބައްދަލުވުމުގައި އޮތީ އެ މައްސަލައާ ގުޅޭގޮތުން ޕްރޮސެކުޓާ ޖެނެރަލް ހުސައިން ޝަމީމްއާ ސުވާލުކުރުމެވެ.

އެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ، ޕީޖީގެ ފަރާތުން ކޮމިޓީއާ ސިއްރު ލިޔެކިޔުންތަކެއް ހިއްސާ ކުރައްވާފައިވާ ކަމަށާއި އެހެން ކަމުން އެ މަޝްވަރާތައްވެސް ގެންދަން ޖެހޭނީ ސިއްރުންތޯ ކޮމިޓީން ގޮތެއް ނިންމަވަން ޖެހޭ ކަމަށެވެ.

އިންތި އެގޮތަށް ވިދާޅުވުމުން ކޮމިޓީ ސިއްރު ކުރުމަށް ހުށަހެޅުވީ، ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފު އެވެ. މަތިވެރި ދާއިރާ މެމްބަރު ހަސަން ޒަރީރު އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވިއެވެ. އެއާއެކު ކޮމިޓީގެ މެމްބަރުން އިއްތިފާގުވީ ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދިޔުމަށެވެ.

ކޮވިޑް19ގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް އޯޑަރު ކުރި ވެންޓިލޭޓަރުތަކުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އޭސީސީން ފޮނުވިއެވެ. އެހެން ނަމެވެސް ޕީޖީން ވަނީ އެ މައްސަލައިގައި ދައުވާ ކުރެވޭނެ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލާފަ އެވެ.

އެމައްސަލަ އަލުން ރިވިއުކޮށްދިނުމަށް އޭސީސީއިން ވަނީ އަނެއްކާވެސް އަނބުރާ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.

comment ކޮމެންޓް