ވީއައިޕީ ދަތުރު ކުރާ ވަގުތު ފިޔަވައި އެހެން ގަޑިތަކުގައި ބްރިޖުގެ އެއް ލޭނުން ދަތުރު ކުރެވޭނެ

ސިނަމާލެ ބްރިޖު -- ސަން ފޮޓޯ:

އެމެރިކާގެ ހާރިޖީ ވަޒީރު މައިކަލް ޕޮމްޕެއޯ މިއަދު ރާއްޖެ ވަޑައިގަންނަވާއިރު ވީއައިޕީ ދަތުުރު ކުރާ ވަގުތު ފިޔަވައި އެހެން ވަގުތުތަކުގައި ބްރިޖުގެ އެއް ލޭނުން ދެކޮޅަށް ދަތުރު ކުރެވޭނެ ކަމަށްް ފުލުހުން ބުނެފިއެވެ.

ފުލުހުން ވަނީ މިއަދު 12:30 އިން 18:00 އަށް ބްރިޖާއި ބްރިޖާ ގުޅިފައިވާ މަގާއި ބޮޑުތަކުރުފާނުމަގުން ބަޔަކާއި ގްރީން ޒޯން ބަންދު ކުރާނެއެވެ.

ފުލުހުން ބުނީ ޕޮމްޕެއޯގެ ދަތުރުފުޅާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކާ މާލޭގެ ބައެއް މަގުތައް ބަންދުކުރާނެ ކަމަށާއި ނަމަވެސް ސިނަމާލެ ބްރިޖުން ވީއައިޕީ ދަތުރުކުރައްވާ ވަގުތު ފިޔަވައި އެހެން ގަޑިތަކުގައި ބްރިޖުގެ އެއް ލޭނުން ދެކޮޅަށް ދަތުރުކުރެވޭނެ ކަމަށެވެ.

ޕޮމްޕެއޯގެ ދަތުރުފުޅާ ގުޅިގެން މެންދުރު 1:00 އިން 3:00 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަގުތައްވެސް ބަންދުވާނެއެވެ. ނަމަވެސް މެންދުރު 3:00 އިން 5:00 އާ ހަމައަށް ވީއައިއޭގެ ޑިޕާޗާ ޖެޓީ ސަރަހައްދުން ފެރީއާއި ބަހުގެ ހިދުމަތް ލިބޭނެ އެވެ.

މިވަގުތުތަކުގައި ރާއްޖެއިން ބޭރަށް ފުރާ މީހުން، ލަސްވެގެން މެންދުރު 1:00 ނުވަތަ އޭގެ ކުރިން ޗެކިންވުމުގެ ކަންކަން ފުރިހަމަ ކުރުމަށް އެމްއޭސީއެލްއިން ވަނީ އިރުޝާދު ދީފަ އެވެ.

ޕޮމްޕެއޯގެ އަރިހުގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ މާކް އެސްޕާވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި ދަތުރުފުޅުގައި ޕޮމްޕޭއޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ރަސްމީ މަޝްވަރާތައް ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 24 ޖުލައި 1992ގައި އެމެރިކާގެ އޭރުގެ ސެކެޓްރީ އޮފް ސްޓޭޓް ޖޭމްސް ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.

މީގެ ކުރިންވެސް ފޮރިން މިނިސްޓަރު ޝާހިދާއި ޕޮމްޕެއޯ ވަނީ ބައްދަލުވެވަޑައިގެންފަ އެވެ. ޕޮމްޕެއޯގެ ދައުވަތަކަށް މިނިސްޓަރު ޝާހިދު ވަނީ 19 ފެބްރުއަރީ 2019ގައި އެމެރިކާގެ ވޮޝިންޓަނަށް ވަޑައިގެން ސެކްރެޓަރީ ޕޮމްޕެއޯ އާ ބައްދަލުކުރައްވައިފަ އެވެ.

comment ކޮމެންޓް