އިންޑިއާއެކު ކުރި ސްޓްރެޓީޖިކް މަޝްވަރާތަކަށްފަހު އެމެރިކާގެ ބަހުގެ ހަމަލާތައް ޗައިނާއަށް

އެމެރިކާއާއި އިންޑިއާގެ ޚާރިޖީ ވަޒީރުން

ނިއުދިއްލީ (އޮކްޓޯބަރު 28): އިންޑިއާއާއި އެމެރިކާއިން ބޭއްވި މަތީފެންވަރުގެ އަސްކަރީ އަދި ސްޓްރެޓީޖިކް މަޝްވަރާތަކަށްފަހު އެމެރިކާއިން ޗައިނާއަށް ބަހުގެ ހަމަލާއެއް ދީފިއެވެ.

މަޝްވަރާތައް ނިންމަވާލެއްވުމަށްފަހު އިންޑިއާގެ ޚާރިޖީ ވަޒީރު ޖަޔަޝަންކަރާއެކު ބޭއްވި ނޫސްކޮންފަރެންސެއްގައި އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީއަކީ ޑިމޮކްރަސީގެ "ރަހުމަތްތެރިއެއް" ނޫން ކަމަށް ވިދާޅުވެ ޗައިނާއަކީ ހުޅަނގުގެ ސްޓައިލްގެ ޑިމޮކްރަސީއަށް ބީރައްޓެރި ގައުމެއްކަމަށް ސިފަކުރައްވާފައެވެ. އަދި ޗައިނާ ގެންދަނީ ސަރަހައްދުގެ ގައުމުތަކަށް ބާރާއި ނުފޫޒު ހިންގަމުން ކަމަށްވެސް ޕޮމްޕެއޯ ތުހުމަތު ކުރެއްވިއެވެ. ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަކީ ޑިމޮކްރަސީގެ "ރަހުމަތްތެރިއެއް" ނޫންކަމަށް ޕޮމްޕެއޯ ވިދާޅުވިއިރު އެމެރިކާގެ އެންމެ ގާތްރަހުމަތްތެރިންގެ ގޮތުގައި ގެންގުޅެނީ ޑިމޮކްރަސީގެ ކަންފުޅެއްވެސް ޔޫއޭއީ އާއި ސައުދީ ފަދަ އާއިލީ ރަސްކަމުގެ ނިޒާމުތަށް އޮންނަ ގަލްފުގެ އަރަބި ގައުމުތަކެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރު ވިދާޅުވީ އެމެރިކާއާއި އިންޑިއާގެ މަޝްވަރާތަށް ވަރަށް ކާމިޔާބު ކަމަށާއި މަޝްވަރާ ކުރީވެސް އަދި އެއްބަސްވީވެސް ސަރަހައްދުގައިވާ އިންޑިއާއާއި އެމެރިކާގެ މަސްލަހަތާ ހިމާޔަތް ކުރުމާގުޅޭ ކަންކަމަށެވެ. އެމެރިކާއާއި ގުޅުން ބަދަހި ކުރުމަކީ ސްޓްރެޓީޖިކް ގޮތުން އިންޑިއާއަށް މުހިންމު ކަމެއް ކަމަށްވެސް އިންޑިއާގެ ވަޒީރު ވިދާޅުވިއެވެ.

އެމެރިކާއާއި އިންޑިއާގެ ޚާރިޖީ ވަޒީރުން މަޝްވަރާތަށް ނިންމަވާލެއްވިއިރު އިންޑިއާގެ ދިފާއީ ވަޒީރު ރާޖުނާތު ސިންހް އާ އެމެރިކާގެ ދިފާއީ ވަޒީރު މާކް އެސްޕާވެސްވަނީ ނިއުދިއްލީގައި ވަކިން ބައްދަލުކުރައްވައި މަޝްވަރާ ތަކެއް ބާއްވާފައެވެ. މި މަޝްވަރާތަކަށްފަހު އެދެބޭފުޅުންވަނީ އެމެރިކާއާއި އިންޑިއާއާ ދެމެދު އަސްކަރީ ޖާސޫސީ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ.

"ބޭސިކް އެކްސްޗޭންޖް އެންޑް ކޯޕަރޭޝަން އެގްރީމަންޓް" (ބެކާ) ނަމަކަށްކިޔާ މިއެއްބަސްވުމަކީ ޖިއޯ ސްޕެޝަލް އިންޓެލިޖެންސް ނުވަތަ ޖިއޮގްރަފިކަލް ގޮތުން ގައުމު އޮންނަ ލޮކޭޝަނުން ޖާސޫސީ މައުލޫމާތު (އެއަރޯނޮޓިކަލް ޑޭޓާ) ފޯރުކޮށްދިނުމުގެ މައްޗަށް ބިނާކޮށްފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ސަބަބުން އެމެރިކާގެ އަސްކަރީ ސެޓެލައިޓުތަކުން ހޯދާ ޖާސޫސީ މައުލޫމާތު ލިބުމުގެ ފުރުސަތު އިންޑިއާއަށް ލިބޭނެއެވެ. އަދި ސެޓަލައިޓްތަށް މެދުވެރިކޮށް ދުނިޔޭގެ އެކި ސަރަހައްދުތަކުން އެމެރިކާ ނަގާ ފޮޓޯތައް ވަގުތުން ބެލުމުގެ ފުރުސަތުވެސް އިންޑިޔާއަށް ލިބޭނެއެވެ.

މިއީ އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާ ޕާކިސްތާނުގެ އަސްކަރީ ހަރަކާތްތަކާއި އިންޑިއާ ކަނޑު ހުރަސްކޮށް ޗައިނާ ހިންގާ އިގްތިސާދާއި ވިޔަފާރީގެ ހަރަކާތްތަށް ބަލައި ފާރަލައި އެއްގައުމު އަނެއްގައުމަށް ކަމާބެހޭ މައުލޫމާތު ފޯރުކޮށްދީ ވިލަރެސްކުރުމުގެ އެއްބަސްވުމެއްކަމަށްވެއެވެ.

އިންޑިއާ ކަނޑު ހުރަސްކޮށް ޗައިނާ ހިންގާ އިގްތިސާދާއި ވިޔަފާރީގެ ހަރަކާތްތަކުގެ ގާތްގަނޑަކަށް 70 އިންސައްތަ ހިއްސާ ކުރަނީ ދިވެހިރާއްޖެ އޮންނަ ލޮކޭޝަނުންކަމަށް ރިޕޯޓްތަށް ބުނެއެވެ. ނަމަވެސް ޗައިނާވަނީ ގަލްފާއި އަރަބި ކަނޑާއި އަދި އިންޑިއާ ކަނޑު ހުރަސްކޮށް އެގައުމުން ހިންގާ އިގްތިސާދާއި ވިޔަފާރީގެ ހަރަކާތްތަކުގައި ބޭނުންކުރުމަށް ޕާކިސްތާނުގެ ގުވާދަރު ގައި ބިޔަ ބަނދަރެއް މިހާރުވަނީ ތަރައްގީކޮށްފައެވެ. އެބަނދަރާއެކު ޕާކިސްތާނުގައި އިގްތިސާދީ ކޮރިޑޯޢެއްވެސް ބިނާކުރުމުގެ މަސައްކަތް ޗައިނާ ކުރިޔަށް އެބަ ގެންދެއެވެ.

ރިޔަލް އެސްޓޭޓާއި ހައިވޭއާއި މަގުތަކާއި ބްރިޖްތަކާއި ޝޮޕިން މޯލްތަކާ އަދި ގިނައަދަދެއްގެ ކާރުޚާނާ ތަކުގެ މައްޗަށް އެކުލެވޭ އިގްތިސާދީ މި ކޮރިޑޯއަށް 80 ބިލިޔަން ޑޮލަރު ޚަރަދު ކުރުމަށް ޗައިނާވަނީ ނިންމާފައެވެ. މި ކޮރިޑޯއަކީ ދުބާއި ގެ ސްޓައިލަށް ޗައިނާ ހިންގާ މަޝްރޫއެއްކަމުން ދުބާއިގެ އަހަންމިއްޔަތު ގެއްލިދާނެތީ މި ކޮރިޑޯއާއެކު ޔުނައިޓެޑް އަރަބް އިމަރޭޓްސް ކަންބޮޑުވާކަމަށް ވެއެވެ.

"ދޭއް ޕްލަސް ދޭއް" ގެ ނަމުގައި އެމެރިކާ އާއި އިންޑިއާ ކުރިއަށް ގެންދިޔަ މަޝްވަރާތައް ނިންމަވާލެއްވުމަށްފަހު އެދެގައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި، ޓެރަރިސްޓުން ޓެރަރިސްޓް ހަމަލާތަށް ދިނުމަށް ޕާކިސްތާނުގެ ބިން ބޭނުންކުރިޔަ ނުދިނުމަށް ގޮވާލައި ޕާކިސްތާނަށްވެސް އިންޒާރެއް ދީފައިވެއެވެ. އަލްގައިދާ، އައިއެސް، ލަޝްކަރޭ ތޮއިބާ، ޖައިޝް މުޙައްމަދު އަދި ހިޒްބުލް މުޖާހިދީން ފަދަ ޖަމާއަތްތަށް ފަދަ ޓެރަރިސްޓް ޖަމާއަތްތަށް ޕާކިސްތާނުގައި ހަރަކާތްތެރިވާކަމަށް ތުހުމަތުކޮށް އެޖަމާއަތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށްވެސް ޕާކިސްތާނަށް ގޮވާލާފައިވެއެވެ.

މީގެއިތުރުން ސަރަހައްދީ ރޮނގު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ ހުރިހާ އަމަލުތަކެއްވެސް ދެގައުމުން ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައިވެއެވެ. މިއީ ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް އިންޑިއާ ސިފައިންނަށް ދޭ ޙަމަލާތަކަށް ކޮށްފައިވާ އިޝާރާތެއްކަމަށްވަނީ ބެލެވިފައެވެ.

އިންޑިއާއާއެކު ކުރި މަޝްވަރާތަކަށްފަހު އެމެރިކާގެ ޚާރިޖީ ވަޒީރު ދެން ވަޑައިގަންނަވާނީ ސްރީލަންކާ، ދިވެހިރާއްޖެ އަދި އިންޑޮނީޝިއާ އަށެވެ. ސްރީލަންކާގެ މަސްއޫލުވެރިންވަނީ ޗައިނާއާ ދެކޮޅަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެދިވަޑައިގަންނަވާ ކޮންމެ ކަމަކަށް ފާޅުގައި ނޫނެކޭ ބުނާނެކަމަށް ކުރިން ވިދާޅުވެފައެވެ. އިންޑޮނީޝިއާއިންވެސް ވަނީ އެގައުމުގެ ކަނޑާއި އެއްގަމުން އެމެރިކާއަށް އަސްކަރީ ފަސޭހަތަށް ދިނުމަށް އެމެރިކާ ސަރުކާރުން ދާދިފަހުން އެދުނު އެދުމަށް ދެކޮޅު ހަދާފައެވެ. އަދި އިންޑޮނީޝިއާ ގެންދަނީ ޗައިނާއާ އިގްތިސާދީ ގުޅުންތަށް ވަރަށް ބޮޑަށް ބަދަހި ކުރަމުންނެވެ.

ޗައިނާއިންވަނީ އެމެރިކާގެ ޚާރިޖީ ވަޒީރުގެ ދަތުރުފުޅަކީ ސަރަހައްދުގެ ގައުމުތަކަށް ބިރު ދެއްކުމާއި ބްލީ ކުރުމުގެ ދަތުރުފުޅެއްކަމަށް ސިފަކޮށްފައެވެ. ޗައިނާގެ ނޫސްތަކުންވަނީ އެމެރިކާ އަދިވެސް ގެންގުޅެނީ ސޮވިއެޓް ޔުނިޔަންގެ ޒަމާނުގައި އަސްކަރީ ބާރު ނެރެ ގައުމުތަކަށް ބިރުދައްކައިގެން ކަންކުރުމުގެ ބޯދާ އުސޫލު ކަމަށް ތުހުމަތުކޮށްފައެވެ. (ނޫސްއެޖެންސީތަށް)

comment ކޮމެންޓް