ގޭގައި ތިބެގެން ފަސޭހަކަމާ އެކު ވިޔަފާރިކޮށްލަން އެސްޓީއޯ އީސްޓޯރު

އީސްޓޯގެ ވެބްސައިޓު--

އޮންލައިން ވިޔަފާރީގެ ޓްރެންޑް ރާއްޖޭގައި ވެސް މި ދަނީ މަގުބޫލުވަމުންނެވެ. ހާއްސަކޮށް ކޮވިޑް19ގެ ބަލިމަޑުކަމާ އެކު އޮންލައިންކޮށް ކުރާ ވިޔަފާރި ވަނީ ފުޅާވެފަ އެވެ. އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެތިން ފެށިގެން ގޭތެރޭ ހިފައިގެންގުޅޭ ތަކެއްޗާއި އިލެކްޓްރޯނިކް މުދާވެސްް ގޭގައި ތިބެގެން ގަތުމުން މިހާރު ގެއަށް ގެނެސްދޭ ޕްލެޓްފޯމުތައް ރާއްޖޭގައި ވެސް ދަނީ ތަރައްގީވަމުންނެވެ.

މީގެތެރެއިން އެއް ޕްލެޓްފޯމަކީ ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ އޮންލައިން ޕްލެޓްފޯމު "އީސްޓޯ" އެވެ. އެސްޓީއޯ އިން އީސްޓޯރު ތަރައްގީކޮށް އާންމުންނަށް ފަސޭހަކޮށްދޭން ޕްލޭނުކޮށްފައި އޮއްވާ ކޮވިޑް19 ގެ ބަލިމަޑުކަން ލައްވާލީ އެވެ.

މާލެ ލޮކްޑައުންކުރި ދުވަހު އެސްޓީއޯގެ އީ ޕްލެޓްފޯމު، އީސްޓޯ ލައިވްކުރީ ސުޕަމާޓުން ވިއްކާ މަދު އުފެއްދުންތަކާއެކު އެވެ. ވެބްސައިޓަށް ބާރުބޮޑުވެ އެކި ފަހަރުމަތިން ވަގުތީގޮތުން އޯޑަރު ނެގުން މެދުކަނޑާލަން ޖެހުނެވެ.

"އީސްޓޯ އަކީ އެސްޓީއޯ ޑިޖިޓަލް ކުރަން ފަށަން ތަރައްގީ ކުރި ޕްލެޓްފޯމެއް. އީސްޓޯ ޑިވެލޮޕްވަމުން އަންނަނިކޮށް ކޮވިޑުގެ ބަލިމަޑުކަން ލައްވާލީ. ކޮވިޑާއެކު މާލެ ލޮކްޑައުން ކުރުމުން ގޭގައި ތިބެގެން ފަސޭހައިން ވިޔަފާރު ކުރެވޭނެ ޕްލެޓްފޯމެއް ރައްޔިތުންނަށްް ފޯރުކޮށްދިނުމަށް އޭޕްރީލް 15ގައި އީސްޓޯ ލައިވް ކުރީ،" އެސްޓީއޯ އީސްޓޯ އިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވިއެވެ.

އީސްޓޯގެ ވެބްސައިޓު--

އެސްޓީއޯ ސުޕަމާޓުގައި ވިއްކާ އެތައް ހާސް އައިޓަމެއްގެ ތެރެއިން މަދު އައިޓަމަކާއެކު އެސްޓީއޯ އީސްޓޯ ލައިވްކުރި ނަމަވެސް މިއަދު އީސްޓޯގައި ސުޕަމާޓުން ވިއްކާ 2،000 އެއްހައި އައިޓަމް އެބަހުއްޓެވެ.

އެސްޓީއޯ ސުޕަމާޓުން ވިއްކާ އައިޓަމްތަކުގެ އިތުރުން އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުން ވިއްކާ އައިޓަމްތައް ވެސް ޖުލައި މަހުން ފެށިގެން އީސްޓޯ އިން ވިއްކަން ވަނީ ފަށައިފަ އެވެ. އީ ސްޓޯއިން އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުގެ 850 އައިޓަމް ވިއްކައެވެ.

އީސްޓޯ އިން ބުނީ ހޯމް އިމްޕްރޫވްމެންޓުގެ އައިޓަމްތައް އީސްޓޯރުން ގަތުމުން 48 ގަޑިއިރު ތެރޭ ޑެލިވަރީ ކޮށްދޭ ކަމަށެވެ. ސުޕަމާޓުގެ އުފެއްދުންތައް 24 ގަޑިއިރު ތެރޭ ޑެލިވަރީ ކޮށްދެ އެވެ.

"މާލެ ސަރަހައްދަށް ޑެލިވަރީކޮށްދެން ހޯމް އިމްޕްރްރޫވްމެންޓު އައިޓަމްތަކުގެ ތެރެއިން ފްރިޖާ ދޮންނަ މެޝިން، ދެން ހުންނަ އައިޓަމްތައް ކަސްޓަމަރު އޮންލައިންކޮށް ޕޭކޮށްފައި، ފިހާރައަށް އައިސް ޕިކް ކުރަން ޖެހޭނީ. ކަސްޓަމަރު އައިޓަމް ބަލާ އަންނައިރު އިންނާނީ ރެޑީކޮށްފައި. ފިހާރާގައި ހޭދަކުރަންޖެހޭ ވަގުުތު މަދުވާނެ،" އީސްޓޯ އިން ބުންޏެވެ.

އޭޕްރީލް 19، 2020: އެސްޓީއޯގެ އޮންލައިން ސްޓޯރަށް ގިނަ އަދަދެއްގެ އޯޑަރުތައް އައިސް ޑެލިވަރީތައް ފުނިޖެހުމާއެކު އެ މަސައްކަތް ކުރުމަށް ނިކުތީ ދިވެހި ސިފައިން. ސިފައިންގެ ބޭކަލުންނާއި، ބޭކަންބަލުން ދަނީ މާލޭގެ ގޭގެއަށް އެސްޓީއޯގެ ފަރާތުން މުދާ ޑެލިވަރ ކޮށްދެމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯ އީސްޓޯ ފުރަތަމަ ފެށި ދުވަސްވަރު ދިމާވީ ކޮވިޑާ ގުޅިގެން ލޮކްޑައުން ކުރުމުން ގޭގައި ތިބެގެން ވިޔަފާރި ކުރަން ޖެހުނު ދުވަސްވަރާއެވެ. އޭރު އޮންލައިން ވިޔަފާރިއަށް ގިނަ ވިޔަފާރިތައް ތައްޔާރުވެފައެއް ނުވެއެވެ. އެއާއެކު އެސްޓީއޯ އީ ސްޓޯރަށް ބާރު ބޮޑުވެ، އޯޑަރު ޑެލިވަރީ އަށް ނުކަތައިގެންދިޔައެވެ.

"އޭރު އާދޭ ދުވާލަކަށް 800 އަށް ވުރެ ގިނަ އޯޑަރު. ބައިވަރު މުވައްޒަފުން ނެރެގެން ދުވާލާ ރޭގަނޑު މަސައްކަތްކޮށްގެން އޯޑަރު ޑެލިވަރީތައް ނިންމާލެވެނީ. ލޮކްޑައުން އަށް ލުއި ދިންފަހުން އެހާ ބާރުބޮޑެއް ނޫން، އެކަމަކު މިއީ ސޭފް އޮޕްޝަނެއް. ގޭގައި ތިބެގެން ވިޔަފާރިކޮށްލެވޭނެ. ޕޭމަންޓު ހަދަން ބޭނުންކުރާނީ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ. އެގޮތަށް ބަލާއިރު މިއީ ސެކިޔޯ ޕްލެޓްފޯމެއް،" އީސްޓޯ އިން ބުންޏެވެ.

އެސްޓީއޯ އީސްޓޯރާޢެކު ރަށްރަށުގައި ތިބޭ މީހުންނަށް ވެސް ވަރަށް ބޮޑު ފަސޭހައެއް ލިބެއްޖެ އެވެ. ރަށުގައި ތިބެގެން އެސްޓީއޯ އީސްޓޯރުން ގަންނަން ބޭނުންވާ މުދާ ގަނެލެވޭނެ އެވެ. އީ ސްޓޯރުން ގަންނަ މުދާ ބޯޓުތަކަށް ޑެލިވަރީ ކޮށްދެ އެވެ.

އީސްޓޯރުގެވެބްސައިޓް--

އެސްޓީއޯ އީސްޓޯރަކީ ހޯލް ސޭލްކޮށް މުދާ ނަގާ ވިޔަފާރިތަކަށް ވެސް އޮތް ފަސޭހައެކެވެ. އީސްޓޯ ޕްލެޓްފޯމު މެެދުވެރިކޮށް ސުޕަމާޓުގެ މުދާ ހޯލް ސޭލްކޮށް ގަތުމުގެ އިތުރުން ކާޑުގެ ބާވަތްތައް ވެސް މި ޕްލެޓްފޯމުން ގަނެލެވޭނެ އެވެ.

އެސްޓީއޯ އީސްޓޯރު ވެފައިމިވަނީ މުހިއްމު ވަގުތެއްގައި ރައްޔިތުންނަށް ފަސޭހަކޮށްދިން ޕްލެޓްފޯމަކަށެވެ. އޮންލައިން ވިޔަފާރީގެ ޓްރެންޑު ފުޅާވަމުންދާއިރު އީ ސްޓޯރު ވެސް ކުރިއަށް އޮތްތަނުގައި މިހާރަށް ވުރެ ބޮޑަށް ތަރައްގީވެގެން ދާނެއެވެ.

comment ކޮމެންޓް