ދެ ކުދިން ކޮވިޑުން ރަނގަޅުވުމުން، ކުޑަކުދިންގެ ހިޔާގެ މޮނިޓަރިން އުވާލައިފި

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ --- ސަން ފައިލް ފޮޓޯ

ވިލިމާލޭގައި ހުންނަ ކުޑަކުދީންގެ ހިޔާއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ ކުދިން ރަނގަޅުވުމާއެކު، އެތަނުގެ މޮނިޓަރިން އުވާލައިފި އެވެ.

ކުޑަކުދީންގެ ހިޔާގައި ތިބި ދެކުއްޖަކު ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އެކުދިންނާ ގުޅުންހުރި، 89 ކޮންޓެކްޓުން ދެނެގަނެވުނު އިރު، އޭގެ ތެރެއިން ހަތަރު މީހެއްގެ ފަރާތުން ބަލީގެ އަލާމާތް ފެނުނެވެ. އެހެން ނަމަވެސް އެމީހުން ވަނީ ވައިރަހަށް ނެގެޓިވް ވެފަ އެވެ.

ޖެންޑާ މިނިސްޓްރީން އިއްޔެ ބުނީ، ޕޮޒިޓިވްވީ ދެކުދިން ވެސް މިހާރު ވައިރަހަށް ނެގެޓިވް ކަމަށާއި، އެހެންކަމުން ހިޔާގެ މޮނިޓަރިން ހާލަތު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

އޭގެ އިތުރުން ހުޅުމާލޭގައި ހުންނަ ފިޔަވަތިންވެސް ކޮވިޑް ވަނީ ފެނިފަ އެވެ.

ފިޔަވަތިން ކޮވިޑްގެ ކޭހެއް ފުރަތަމަ ފެނުނީ އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފެއްގެ ގައިން މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އޭނާ މަސައްކަތް ކުރަމުން ގެންދިޔައީ 10 އަހަރާއި 13 އަހަރުގެ ފިރިހެން ކުދިން ބައިތިއްބާފައިވާ ތިބޭ ފަންގިފިލާގަ އެވެ.

އެއަށްފަހު އެތަނުގައި ތިބި ނުވަ ކުޑަކުއްޖަކާއި އެކުދިން ބަލަހައްޓާ ފަސް މީހަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

ފިޔަވަތިން ޖުމްލަ 23 ކޭސް ފެނިފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ހާމަކޮށްފައެވެ. އެއީ 11 ކުޑަކުދިންނާއި 11 ކެއާ ވޯކާ އަދި އެއް ސީނިއާ މުވައްޒަފެކެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވާން ފަށާފައި ވާއިރު، އިއްޔެ ޕޮޒިޓިވްވެފައި ވަނީ 35 މީހެކެވެ.

އިއްޔެ ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 11،567 އަށް އަރައިފަ އެވެ. ކޮވިޑް ޖެހުނު 10،652 މީހުން ރަނގަޅުވެފައިވާއިރި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 871 މީހުންނެވެ.

comment ކޮމެންޓް