ފަލަސްޠީނަށް ޣައްދާރު ވުމަކީ ރަތް ރޮނގު ހުރަސް ކުރުން

އައިޝާ ލުއު ލުއު: މިއީ އިސްރާއީލްގެ އަނިޔާވެރިކަން ތަހައްމަލު ކުރުމުން ކެންސަރު ބަލީގައި ނިޔާވި ކުއްޖެއް --

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެއްވުމުގެ ބޭނުމަކީ ކޮބައިތޯ، މިއީ ވަރަށް ގިނަ ބަޔަކު ކުރާ ސުވާލެކެވެ. އޭނާ ރާއްޖެ ވަޑައިގަތުމާ މެދަކު އަޅުގަނޑުމެންގެ އިޢުތިރާޟެއް ނެތެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މެންބަރެއްގެ ޙައިޘިއްޔަތުން، ކޮންމެ ޤައުމެއްގެ، ކޮންމެ ވެރިޔަކަށް ވެސް މެހުމާންދާރީ އަދާ ކުރުމުގެ ޤާބިލުކަން ދިވެހި މުސްލިމް ރާއްޖޭގައި އެބަހުއްޓެވެ. ޕޮމްޕިއޯ ރާއްޖެ ވަޑައިގަންނަވަނީ ގޯސް ކަމަކާއިގެން ކަމުގައެއް ވެސް އަޅުގަނޑު ނުދަންނަވާނަމެވެ. ނަމަވެސް، އޭނާގެ ދަތުރުފުޅުގެ މަޤްޞަދަކީ، ދިވެހިރާއްޖެ ވެސް ޔުނައިޓެޑް އެރެބް އެމިރޭޓްސް އާއި ބަޙްރައިނާއި ސޫދާން ހިނގި ޣައްދާރީގެ މަގުން ގަން ހިންގުވައި، ފަލަސްޠީނުގެ ރައްޔިތުންގެ ކަރަށް ފައިން އަރައިގެން އޮތް އިސްރާއީލުގެ އެކުވެރީންގެ ލިސްޓަށް އަޅުގަނޑުމެންގެ ނަން ވެސް އިތުރު ކުރުން ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދާތީ، ކަމާ ބެހޭ ގޮތުން ދިވެހި ރައްޔިތެއްގެ ޙައިޘިއްޔަތުން އަޅުގަނޑު ވެސް އެއްޗެއް ދަންނަވައިލާން ބޭނުމެވެ.

ފަލަސްޠީނުގެ ރައްޔިތުން ފަލަސްޠީނުގެ ބިމުގައި ދިރިއުޅޭތާ ހައެއްކަ ހާސް އަހަރު ވެއްޖެއެވެ. މި މުއްދަތުގެ ތެރޭގައި މިޞްރީންނާއި، ފާރިސީންނާއި، ގިރީކުންނާއި، ރޯމަނުން ފަދަ އެތައް ބަޔަކު އެ ބިމަށް އަރައި އެ ބިމުގައި ވެރިކަން ކުރިއެވެ. މީގެ ތެރެއިން، ފަލަސްޠީނުގެ ރައްޔިތުންގެ ސަގާފަތާއި މުސްތަޤުބަލަށް އެންމެ ވަރުގަދަ އަސަރުތަކެއް ދޫކުރީ ޢަރަބި މުސްލިމުންނެވެ. މުސްލިމުން ފަލަސްޠީނު ފަތަޙަ ކުރީ އިސްލާމީ އުއްމަތުގެ ދެވަނަ ޚަލީފާ ޢުމަރު ރަޟިޔަﷲ ގެ ޚިލާފަތުގެ ދައުރުގައި، މީލާދީ ސަނަތުން 637 ވަނަ އަހަރުއެވެ. އެއަށްފަހު ދެން އައި ދެ ޤަރުނެއްހައި މުއްދަތުގެ ތެރޭގައި ފަލަސްޠީނުގެ ރައްޔިތުން އިސްލާމް ދީން އިޚްތިޔާރު ކުރިއެވެ. ޢަރަބި ބަސް ވެސް މަޑުމަޑުން އެމީހުންގެ ބަހަކަށް ވެގެން ދިޔައެވެ. ޢަރަބި މުސްލިމުންނާއި ފަލަސްޠީނުގެ އަހުލުވެރީންގެ ތެރެއިން ބައެއް މީހުން ކައިވަނީގެ ގޮތުން ގުޅި، ޢަރަބި ލޭ ވެސް ފަލަސްޠީނުގެ ނަސްލުގެ ލެޔާ ކޮންމެވެސް ވަރަކަށް އެކު ވިމެއެވެ. ނަމަވެސް، އެކަން ވެފައި ވަނީ، އެއިގެ ކުރީން، ތާރީޚުގެ އެކިއެކި ދައުރުތަކުގައި، މިޞްރީ ލެޔާއި، ފާރިސީ ލެޔާއި، ގިރީކު ލެޔާއި، ރޯމަން ލޭ ވެސް ފަލަސްޠީނީންގެ ލެޔާ އެކު ވި މިންވަރަކަށެވެ. އެހެންކަމުން، ފަލަސްޠީނީންނަކީ – ނުވަތަ ފަލަސްޠީނީ ޢަރަބީންނަކީ – ޢަރަބި ކަރައިން އައިސް ފަލަސްޠީނަށް އަރައިގަނެ އެތަނުގައި އުޅެމުން ގެންދާ ބަޔަކު ކަމަށް ބައެއް މީހުންނަށް ހީ ވެފައި އޮންނަނީ ގޯސްކޮށެވެ. އެއީ މުޅީން ކުށް ހީއެކެވެ. މިއަދުގެ ފަލަސްޠީނީންނަކީ، މީގެ ހައެއްކަ ހާސް އަހަރު ކުރީން "ކަންޢާނީން"ގެ ގޮތުގައި ފަލަސްޠީނު އާބާދު ކުރި، އެ ބިމުގެ އަޞްލު ވަޒަންވެރީންނެވެ. އެ ބިމުގެ އަހުލުވެރީންނެވެ. ދުނިޔޭގައި އެއްވެސް ޤައުމަކަށް، އެއްވެސް ބިމެއް އަމިއްލަ ވަޒަނެއްގެ ގޮތުގައި ޙައްޤު ނަމަ، ފަލަސްޠީނީންނަށް ފަލަސްޠީނުގެ ބިން ޙައްޤެވެ.

މިއަދު ފަލަސްޠީނުގެ ބިމުގެ ގާތްގަނޑަކަށް 87 އިންސައްތަ އޮތީ "އިސްރާއީލް" އެވެ ކިޔޭ ދައުލަތެއްގެ ސަރަޙައްދުގެ ގޮތުގައެވެ. ބާކީ އޮތް 13 އިންސައްތަ އޮތީ "ޕެލަސްޓައިނިޔަން އޮތޯރިޓީ" އެވެ ކިޔޭ އިދާރާއެއްގެ ބެލުމުގައި ދަށުގައި ކަމަށް ކަރުދާހުގައި އޮތަސް، އެ ބިންކޮޅުގެ މައްޗަކަށް ވެސް ފަލަސްޠީނުގެ ރައްޔިތުންގެ ބާރެއް ނެތެވެ. އެ ބިންކޮޅުގެ ތެރެއިން، "ހުޅަނގު އައްސޭރި" އެވެ ކިޔޭ ސަރަޙައްދުގައި ވެސް ޙަޤީޤަތުގައި ވެރިކަން ކުރަނީ އިސްރާއީލެވެ. އިސްރާއީލުން ގެންދަނީ އެ ސަރަޙައްދުގެ ފަލަސްޠީނީ އަވަށްތަކާއި ޝަހަރުތަކާއި ދަނޑުބިންތައް ފޭރެމުން، އެ ތަންތަނުގައި ވެސް ޒައިނިސްޓުންގެ އާބާދީތައް ހަދަމުންނެވެ. ހުޅަނގު އައްސޭރީގައި ފަލަސްޠީނީން އުޅޭން ޖެހިފައި ވަނީ ވަކިވަކި "ގެޓޯތަކެއް" ފަދަ އަވަށްތަކަކާއި ޝަހަރުތަކެއްގައެވެ. "ހުޅަނގު އައްސޭރި" ފިޔަވައި، ދެން ފަލަސްޠީނީންގެ ބިމެއްގެ ގޮތުގައި އޮތީ މެޑިޓަރޭނިޔަން ކަނޑުގެ އައްސޭރިޔަށް ވާގޮތަށް އޮންނަ ޣައްޒާ އެވެ. މުޅި ޣައްޒާގެ ސަރަޙައްދު އޮތީ ވަށައިގެން އިސްރާއީލުން ޤާއިމު ކޮށްފައި ވާ ޢަސްކަރީ ޙިސާރެއްގެ ދަށުގައެވެ. ދުނިޔޭގެ އެންމެ ބޮޑު "ހުޅުވިފައި ވާ ޖަލު" ގެ ގޮތުގައެވެ. މެޑިޓަރޭނިޔަން ކަނޑުން ފަލަސްޠީނު މީހަކު ބާނާ މަހެއް ވެސް ޣައްޒާޔަށް ވެއްދެނީ އިސްރާއީލު ސިފައިންގެ ޙިޞާރުގެ ދޮރޯށިން ފާސް ކޮށްފައި ވެއްދީމައެވެ.

ނަވާރަސަތޭކަ ސާޅީސް އަށް ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި، ފަލަސްޠީނީންގެ ބިމުގައި "އިސްރާއީލް"ގެ ނަމުގައި ޒައިނިސްޓް ޔަހޫދީންގެ ދައުލަތެއް ޤާއިމު ކުރީ، ޔޫރަޕުގެ ޒައިނިސްޓް ތަޙްރީކުގެ ރޭވުންތަކާއި މަސައްކަތުން، ޔޫރަޕުގެ ނަޞާރާ ބާރުތަކާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ އެހީގައެވެ. ޢަރަބި ޣައްދާރުންގެ އެހީތެރިކަމާ އެކު ޢުޘްމާނީ ތުރުކީންގެ އިސްލާމީ ޚިލާފަތު ވައްޓައިލައި، ޢުޘްމާނީންގެ އަތްދަށުން ފަލަސްޠީނުގެ ބިން ފޭރިގަނެ، އިނގިރޭސީން އެ ބިމަށް އަރައި ކުރި މަސައްކަތުންނެވެ. ފަލަސްޠީނުގައި ޒައިނިސްޓުންގެ ދައުލަތެއް ޤާއިމު ވިޔަނުދެއްވާން، ޢުޘްމާނީ ޚަލީފާ ސުލްޠާން ޢަބްދުލްޙަމީދުއް ޘާނީ އިސްލާމީ އުއްމަތުގެ ޙައްޤުގައި ގަދަ އަޅުއްވައި މަސައްކަތްޕުޅު ކުރެއްވެވިއެވެ. ނަމަވެސް ދައުލަތުގެ އެތެރެއިން ޣައްދާރުން ކުރި މަސައްކަތާއި، ބޭރުން ޔޫރަޕުގެ ބާރުތަކާއި ޒައިނިސްޓުން އެއްބާރު ލައިގެން ކުރަމުން ގެންދިޔަ މަސައްކަތުގެ ސަބަބުން، އެމަނިކުފާނުގެ ވެރިކަން ވެސް ވައްޓައިލެވުނީއެވެ. އާޚިރުގައި ފަލަސްޠީނުގެ ރައްޔިތުންގެ ބިމުގައި ޒައިނިސްޓުންގެ ޣައިރުޤާނޫނީ ދައުލަތެއް، ގަދަބާރުން ޤާއިމު ކުރެވުނީ ޢަރަބި ޣައްދާރުންގެ އެހީތެރިކަމާ އެކުގައިކަން ތަކުރާރުކޮށް ފާހަގަ ކުރަމެވެ. އެހެންކަމުން، މިއަދު ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ވެރިކަމުގައި ހުރި ބޮޑު އިސްލާމޯފޯބުގެ ބަސް އަހައިގެން، ޢަރަބި ޔޫއޭއީ އާއި، ޢަރަބި ބަޙްރައިން ފަދަ ޤައުމުތަކުން އިސްރާއީލާ ގުޅުން ބަދަހި ކުރުމަކީ ތާރީޚު އިޢާދަ ވުމެކެވެ. އެއިއްޔަކީ އެއްގޮތަކަށް ވެސް ޙައިރާން ވާކަށް ޖެހޭ ކަމެއް ނޫނެވެ.

އިސްރާއީލް – ޣައިރުޤާނޫނީ ދައުލަތެއް

ﷲ ސުބުޙާނަހޫ ވަ ތަޢާލާ ބަނޫ އިސްރާއީލަށް ފަލަސްޠީނުގެ ބިން ހިބަ ކޮށްދެއްވި ކަމަށް ޔަހޫދީ ދީނުގެ މުޤައްދަސް ފޮތް ކަމުގައި ވާ "ތަނާޚް" – އޯލްޑް ޓެސްޓަމެންޓް –ގައި ވެސް، އަދި ކީރިތި ޤުރްއާނުގައި ވެސް އޮވެއެވެ. ބައެއް މީހުން ޤަބޫލު ކުރާ ގޮތުގައި، މިއީ ފަލަސްޠީނުގެ ބިމުގައި ޒައިނިސްޓުންނަށް ދައުލަތެއް އުފެއްދުމުގެ ޙައްޤު ލިބޭ ސަބަބެކެވެ. ނަމަވެސް ހަތަރު ނުކުތާޔަކަށް ބަލައިލުމުން، އެއީ ރަނގަޅު ވާހަކައެއް ނޫންކަން ސާބިތުވެ އެވެ. ފުރަތަމަ ނުކުތާޔަކީ، ﷲ ތަޢާލާ ބަނޫ އިސްރާއީލަށް ފަލަސްޠީނުގެ ބިން ހިބަ ކޮށްދެއްވެވީ، އެއުރެން އެކަލާނގެ ދީނުގެ ދިދަ އުފުލުން ޝަރުޠު ކުރައްވައިފައި ކަމުގައި ވާއިރު، އެއުރެން އެ ޝަރުޠު އަދާ ނުކޮށް، އެއުރެންގެ ތެރެއިން ފޮނުއްވުނު ނަބީންނަށް އުރެދި، ބައެއް ނަބީން ޝަހީދު ކޮށް، އެންމެ ފަހުން އެއުރެންގެ ތެރެއިން ފޮނުއްވެވުނު ނަބިއްޔާ ޢީސާ ޢަލައިހިއްސަލާމަށް ޣައްދާރު ވެ އެކަލޭގެފާނު ވެސް ޝަހީދު ކުރާން މަސައްކަތް ކޮށް، އެއިގެ ފަހުން ފޮނުއްވެވުނު ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަޔަށް ވެސް އުރެދުމުގެ ސަބަބުން އެ ބިމަށް އެއުރެންނަށް އޮތް ޙައްޤު ގެއްލިފައިވާ ކަމެވެ. ދެވަނަ ނުކުތާޔަކީ، ﷲ ތަޢާލާ ބަނޫ އިސްރާއީލަށް ފަލަސްޠީނުގެ ބިން ދެއްވެވީ އެ ބިމުގެ ޙަޤީޤީ ވަޒަންވެރީން ތަޅައި ރޯނާގަންނަވައި، އެމީހުން ކަތިލައި، އެމީހުންގެ ގެދޮރު މުގުރައި، އެމީހުން ރަށުން ބޭރު ކޮށްގެން އެތަނުގައި އުޅޭން ނޫންކަމުގެ ނުކުތާއެވެ.

ތިންވަނަ ނުކުތާޔަކީ، މިއަދު ފަލަސްޠީނުގެ ބިމުގައި "އިސްރާއީލް"ގެ ނަމުގައި ދައުލަތެއް އުފައްދައިގެން އުޅޭ މީހުންގެ އަޞްލާއި ހަޤީޤަތާ ގުޅޭ ނުކުތާއެވެ. ތާރީޚުގެ ޞަފުޙާތަކަށް އަވަސް ކަޅިއެއް ނަމަވެސް އެއްލައިފައި ހުރި އެއްވެސް މީހަކަށް ނުއޮޅޭނެ ފަދައިން، އިސްރާއީލު އުފެއްދުމުގެ މަސައްކަތް ފެށި "ޒައިނިސްޓް" ޙަރަކާތަކީ ޙަޤީޤީ ޔަހޫދީން ފެށި ޙަރަކާތެއް ނޫނެވެ. އެ ޙަރަކާތް ފެށީ އަޝްކެނާޒީ ޔަހޫދީންނެވެ. އެމީހުންނަކީ ޙަޤީޤަތުގައި "ޚާޒާރީން" ނެވެ ކިޔުނު، ޔޫރަޕު މީހުންނާ އެއް އަޞްލެއްގެ ބައެކެވެ. ސޫރަޔާއި ސިފަޔަށް ބަލާ ނަމަ، ޔޫރަޕު މީހުންނެކޭ އެއްވެސް ތަފާތެއް ނެތް ބައެކެވެ. މެދުޒަމާނުއްސުރެ ޔޫރަޕުގައި އުޅޭ، ޔޫރަޕިޔަނުންގެ ބައެކެވެ. އެމީހުންގެ ހަމުގައި ހުންނަނީ ޔޫރަޕުގެ ދޮން ކުލައެވެ. އިސްކޮޅާއި ރޫފަޔާއި ވަނާތަކުގެ ސިފަބައްޓަން ވެސް ހުންނަނީ ޔޫރަޕު މީހުންނެކޭ އެއްފަދައިންނެވެ. އިސްތަށިގަނޑުގެ ކުލަ ވެސް ހަމަ އެފަދައެވެ. އެމީހުން ޔަހޫދީންނަށް ވެފައި ވަނީ، މީގެ 1200 ވަރަކަށް އަހަރު ކުރީން އެމީހުން ޔަހޫދީ ދީނަށް ވަނުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެއީ ބަނޫ އިސްރާއީލާ އެއްވެސް ކަހަލަ ލެއިގެ ގުޅުމެއް ނުވަތަ ނަސްލީ ތިމާގެކަމެއް އޮތް ބަޔެއް ނޫނެވެ. އިބްރާހީމް ޢަލައިހިއްސަލާމް، ނުވަތަ އިސްޙާޤު ޢަލައިހިއްސަލާމް، ނުވަތަ ޔަޢުޤޫބު ޢަލައިހިއްސަލާމްގެ ދަރިފަސްކޮޅާ އެއްވެސް ހިސާބަކުން ގުޅޭ ބައެއް ނޫނެވެ. ޙަޤީޤީ ބަނޫ އިސްރާއީލުގެ ދަރިފަސްކޮޅުން އައިސް ތިބި ސެފާރްދީ އަދި މިޒްރާހީ ޔަހޫދީންނާ އެމީހުންނާ ވަކި ކުރުމަށް ޓަކައި، އެމީހުންނަށް "އަޝްކެނާޒީ ޔަހޫދީން" މި ނަން ކިޔައެވެ. އެހެންކަމުން، ﷲ ތަޢާލާ ބަނޫ އިސްރާއީލަށް ކުރެއްވި ވަޢުދެއްގެ ފައިދާ "އަޝްކެނާޒީންނަށް" ކުރާން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ފަލަސްޠީނުގެ ބިމުގައި ގަދަބާރުން އުފައްދައިފައި ވާ "އިސްރާއީލު"ގެ ދައުލަތް އުފެއްދުމުގެ ޙަރަކާތުގެ – ޒައިނިސްޓް ޙަރަކާތުގެ – ބާނީންނަކީ އަޝްކެނާޒީންނެވެ. ޒައިނިސްޓުންގެ ލީޑަރުންނަކީ، ހުރިހައި ދުވަސްވަރެއްގައި ވެސް، ގާތްގަނޑަކަށް މުޅީންހެން އަޝްކެނާޒީ ޔަހޫދީންނެވެ. އިސްރާއީލުގެ ރައީސްކަމާއި ބޮޑުވަޒީރުކަމާއި ރައީސްކަން ކުރެއްވި ސައްބީސް ބެއިފުޅުންގެ ތެރެއިން އެންމެ ބެއިފުޅަކު ފިޔަވައި އެހެން ހުރިހައި ބެއިފުޅުންނަކީ އަޝްކެނާޒީންނެވެ. އިސްރާއީލު އުފެއްދި އިރު، އެ ޤައުމުގެ އާބާދީގެ އައްޑިހަ އިންސައްތަ މީހުންނަކީ އަޝްކެނާޒީންނެވެ. މިއަދު ވެސް އިސްރާއީލުގެ ގިނަ މީހުންނަކީ އަޝްކެނާޒީ ޔަހޫދީންނެވެ. އެއުރެންނަކީ ދީނީ ގޮތުން "ޔަހޫދީން" ކަމުގައި ވިޔަސް، އެއީ ބަނޫ އިސްރާއީލެއް ނޫނެވެ. އެއީ ޙަޤީޤީ "ޔަހޫދީންނެއް" ނޫނެވެ. ޙަޤީޤަތުގައި އެއީ އިސްތިޢުމާރީ، ޔޫރަޕިއަން، ޒައިނިސްޓުންނެވެ.

ހަތަރުވަނަ ނުކުތާ ބަޔާން ކުރުމަށް ޓަކައި އަޅުގަނޑު ދަންނަވައިލާނީ، ޚުދު އިސްރާއީލަށް އުފަން، ޔަހޫދީ ބެއިފުޅެއް، އަދި ހަމަޔާއި އިންޞާފުގެ އަޑު އުފުއްލެވުމުގައި ނަމޫނާއެއް ކަމަށް ބެލެވޭ މަޝްހޫރު ތާރީޚް ޢިލްމުވެރިޔާ އިލާން ޕާޕޭގެ ބަސްފުޅެކެވެ. އޭނާ ވިދާޅުވެފައި ވެއެވެ. "އިލާހަކު ވޮޑިގެންވާ ކަމަށް ގިނަ ޒައިނިސްޓުން ޤަބޫލެއް ނުކުރެއެވެ. ނަމަވެސް އެ "އިލާހު" އެމީހުންނަށް ފަލަސްޠީން ހަދިޔާ ކުރެއްވި ކަމަށް އެމީހުން ޤަބޫލު ކުރެއެވެ." އިތުރު ވާހަކައެއް އަޅުގަނޑު ދައްކާނެ ކަމެއް ނެތެއްނޫންތޯއެވެ؟

ފަލަސްޠީނުގެ ރައްޔިތުންގެ ބިމުގައި އިސްރާއީލުގެ ދައުލަތް އުފެއްދުމުގެ ނިންމުން ނިންމީ އަލިފުދާލުގެ ޢާއްމު މަޖިލިހުގައި ނެގި ވޯޓަކުން، 1947 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. ޔޫރަޕުގެ ޒައިނިސްޓުންނާއި، ޔޫރަޕުގެ ނަޞާރާ ބާރުތަކާއި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އެދޭ ގޮތަށް، އަލިފުދާލުގެ ނިޒާމުގެ ތެރެއިން އެ ޖަމްޢިއްޔާގެ ޢާއްމު މަޖިލިހަށް ހުށައެޅުނު "ޕާޓިޝަން ޕްލޭން 1947" 29 ނޮވެންބަރުގައި އެ މަޖިލިހުން ފާސް ކުރުމުންނެވެ. އެ ހުށައެޅުމަށް ވޯޓަށް އެހުމަށް އެންމެ ފުރަތަމަ ހަމަޖެހުނީ 26 ނޮވެންބަރުގައެވެ. ނަމަވެސް އެ ތާރީޚާ ހަމަޔަށް ދިޔަ އިރު، އެއިރު އަލިފުދާލުގައި ތިބި މެންބަރު 56 ދައުލަތުގެ ތެރެއިން ބޭނުން ވާ ޢަދަދަށް ވޯޓު ނުލިބޭނެކަން ކަށަވަރު ވުމުން، ޒައިނިސްޓުންގެ ނުފޫޒުން، ވޯޓު ތިން ދުވަހަށް ލަސް ކުރިއެވެ. އަދި މި ތިން ދުވަހުގެ ތެރޭގައި، "ޕާރޓިޝަން ޕްލޭނަށް" ވޯޓު ނުދޭން ތިބި ޤައުމުތަކަށް އިންޒާރާއި، ބިރު ދެއްކުމާއި، ރިޝްވަތުގެ ހުށައެޅުންތައް ހުށައެޅުމުގެ އަނދިރި ކުޅިގަނޑެއް ކުޅެވުނެވެ. މިސާލުތަކެއް ދަންނަވާ ނަމަ، އެ ޕްލޭނަށް ރުހުން ދިނުމަށް އިންޑިޔާއަށް ހުށައަޅައި، އެތައް މިލިޔަނަކުން ރިޝްވަތު ހުށައެޅުނު ކަން ހާމަ ކުރެއްވީ އެއިރުގެ ބޮޑުވަޒީރު ޖަވާހަރްލާލް ނެހްރޫގެ ދޫފުޅުންނެވެ. ކުރީން "ނޫން ވޯޓު" ދޭނެ ކަމަށް ޢާއްމުކޮށް އިޢުލާން ކޮށްފައިމެ، އިންޒާރުތަކާއި ނުފޫޒުގެ ސަބަބުން އިސްރާއީލު އުފެއްދުމަށް ފިލިޕީންސުން "އާނ ވޯޓު" ދިނެވެ. ހައިޓީގެ "ނޫން ވޯޓު" ބަދަލު ކުރީ ފަސް މިލިޔަން ޑޮލަރުގެ ލޯނެއް ދީގެންނެވެ. މި ކަހަލަ "މާފިޔާ" އުކުޅުތައް ބޭނުން ކޮށްގެން، އަލިފުދާލުގެ ޢާއްމު މަޖިލިހުގެ ތިންބައިކުޅަ ދެބައި ހަމަ ވާ ވަރަށް ވޯޓު ކަށަވަރު ކޮށްގެން، 29 ނޮވެންބަރުގައި ވޯޓު ނަގައި، އިސްރާއީލު އުފެއްދުމަށް "ލައިސަންސް" ދެވުނު އިރު، "ޕާރޓިޝަން ޕްލޭން"ގައި އޮތީ ފަލަސްޠީނުގެ ބިމުގެ 56 އިންސައްތަ ޒައިނިސްޓް ދައުލަތަށް، އަދި 43 އިންސައްތަ ފަލަސްޠީނީންގެ ދައުލަތަށް ދިނުމަށް ފަހު، މުޅި ޤުދުސް ބައިނަލްއަޤުވާމީ ޒޯނެއްގެ ގޮތުގައި ބޭއްވުމަށެވެ.

މައިގަނޑު ތިން ސަބަބަކާ ހުރެ، ފަލަސްޠީނުގެ ބިމުގައި ޒައިނިސްޓް ދައުލަތެއް އުފެއްދުމުގެ މި ދެންނެވި ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، ޣައިރުޤާނޫނީ ނިންމުމެކެވެ. ފުރަތަމަ ސަބަބަކީ، އެ ނިންމުމަކީ ބައިނަލްއަޤްވާމީ ޢުރުފީ ޤާނޫނާއި، އަލިފުދާލުގެ ޗާޓަރުގެ 1 ވަނަ މާއްދާއިން ހުރިހައި ޤައުމީ އަދި ނަސްލީ ޖަމާޢަތްތަކަށް ކަށަވަރު ކޮށްދޭ "ސެލްފް-ޑިޓަރމިނޭޝަން"ގެ ޙައްޤުން ފަލަސްޠީނުގެ ރައްޔިތުން މަޙުރޫމު ކޮށްލައިގެން، އެމީހުންގެ އެއްވެސް ބަހެއް ނެތި، އެމީހުންގެ ގެދޮރާއި އަވަށްތަކާއި ޝަހަރުތަކާއި ދަނޑުބިންތައް ކަމުގައި ވާ، ހަ ހާސް އަހަރު ކުރީއްސުރެ އެމީހުންގެ އަމިއްލަ ވަޒަން ކަމުގައި ވާ ބިމުގައި، އެހެން ބައެއްގެ ދައުލަތެއް އުފެއްދުމަށް ނިންމި ނިންމުމެއް ކަމެވެ. ދެވަނަ ސަބަބަކީ، އެ ނިންމުމަކީ އެތައް ގޮތަކުން، އަނިޔާވެރި، ބޭއިންޞާފު، އަދި ޖަންގަލީގެ އުޞޫލަށް ނިންމުނު، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ނަގަހައްޓާން ޖެހޭ ޢަދާލަތާ މުޅީން އަރައިރުން ވާ ނިންމުމެއް ކަމެވެ. ތިންވަނަ ސަބަބަކީ އެ ނިންމުން އަލިފުދާލުގެ ޢާއްމު މަޖިލިހުން ފާސް ކުރެވުނު ގޮތެވެ. އިންޒާރާއި ރިޝްވަތު ފަދަ ވަސީލަތްތަކުގެ ޒަރީޢާއިން ކުރާ ކަންކަން ޤާނޫނީ ގޮތުން ޞައްޙަ ވުން، މިއީ ކޮންތާކު ކޮން ޒަމާނެއްގައި އޮންނަ އުޞޫލެއްތޯއެވެ؟

އަލިފުދާލުގެ "ޕާރޓިޝަން ޕްލޭނާ" ގުޅިގެން އިސްރާއީލުގެ ޒައިނިސްޓް ދައުލަތް 1948 ވަނަ އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހު އިޢުލާން ކުރެވުނެވެ. ނަމަވެސް އަދިއަދާ ހަމަޔަށް ވެސް، އެ ޕްލޭނުގައި ބުނާ ފަލަސްޠީނީ ދައުލަތެއް ނުއުފެދެއެވެ. އެކަމަށް ހުރަސް އަޅަނި އިސްރާއީލުންނެވެ. ހުރަސް އެޅުމުގެ އިތުރުން، އިސްރާއީލުން ވަނީ ބައިނަލްއަޤްވާމީ އެންމެހައި ޤާނޫނުތަކާއި އަލިފުދާލުގެ ޢާއްމު މަޖިލިހުގެ 90 ވަރަކަށް ޤަރާރާ ޚިލާފަށް، "ޕާޓިޝަން ޕްލޭން"ގައި ފަލަސްޠީނުގެ ދައުލަތަށް ޚާއްޞަ ކުރެވުނު ހުރިހައި ބިންތަކެއް ވެސް އެ ޤައުމުގެ ބާރުގެ ދަށަށް ގެންގޮސް، އެއިގެ ތެރެއިން ބޮޑު ބަޔަކީ އެ ޤައުމުގެ އަމިއްލަ ސަރަޙައްދު ކަމުގައި ގަދަބާރުން އަދި އަމިއްލައަމިއްލަޔަށް ކަނޑައަޅައިފައެވެ.

މި ދެންނެވި ހުރިހައި ކަންކަމަށް ބެލުމުން، ސާފު ވެގެންދާ ޙަޤީޤަތަކީ، އިސްރާއީލަކީ ފަލަސްޠީނުގެ ބިމުގައި ގަދަބާރުން، ނުޙައްޤުން، އަދި އަނިޔާވެރިކަމާއި ގަދަބަދަވިކަމުން އުފައްދައިފައި އޮތް ޣައިރުޤާނޫނީ ދައުލަތެއްކަމެވެ. މިއީ ބަދަލު ނުކުރެވޭނެ ޙަޤީޤަތެކެވެ. އެމެރިކާ އާއި ޔޫރަޕުގެ ޖައްބާރީ އާރާއި ބާރުގެ ބޭނުން ކޮށްގެން، ޒައިނިސްޓުންނާއި އިސްލަމޮފޯބުންގެ ޕްރޮޕެގެންޑާގެ ވަސީލަތުން، އަދި މުސްލިމުންގެ ތެރެއިން އުރްދުނާއި މިޞްރާއި އާޒަރްބައިޖާނާއި ޔޫއޭއީ އާއި ބަޙްރައިނާއި ސޫދާން ފަދަ މޫނު ކަޅު ވެގެންވީ ޣައްދާރުންގެ ޚިޔާނާތުން، މި ޙަޤީޤަތް ފޮރުވާން އުޅުނަސް އެކަމެއް ނުވާނެއެވެ. އެ ޙަޤީޤަތުގެ ވާހަކަ އިންސާނީ ތާރީޚުގެ ޞަފުޙާތަކުގައި ޙަޤީޤަތެއްގެ ގޮތުގައި ވަނީ ލިޔެވިފަ އެވެ.

އަނޔާގެ ކަޅު ޞަފުޙާތައް

ޒައިނިސްޓުންގެ ފަރާތުން ފަލަސްޠީނުގެ ރައްޔިތުންނަށް އަނިޔާގެ މައްޗަށް އަނިޔާ ލިބެމުން ދާތާ ސަތޭކަ ސާޅީހަކަށް އަހަރު ވަނީއެވެ. ނަވާރަސަތޭކަ ސާޅީސް އަށް ވަނަ އަހަރު އެމީހުންގެ ދައުލަތް އުފެދުމަށް ފަހު، އަނިޔާގެ ބަރު އުޑީގެ އެނބުރުން ވަނީ ކުރިޔަށް ވުރެ އެތައް ގުނައެއް އަވަސް ވެފައެވެ. އެ އަނިޔާތަކުގެ ވާހަކަ ފުރިހަމަޔަށް ލިޔެވޭނީ އެތައް ހާސް ޞަފުޙާޔަކުންނެވެ. މިފަދަ މަޤާމެއްގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ، އެ އަނިޔާތަކުގެ މައްޗަށް އަވަސް ކަޅިޔެއް ހިންގައިލުމެވެ.

ފަލަސްޠީނުގެ ބިމުގައި ޒައިނިސްޓް ދައުލަތެއް އުފެއްދުމުގެ މަސައްކަތް، ޔޫރަޕުގެ އަޝްކެނާޒީ ޒައިނިސްޓުން ރަސްމީ ސިފައެއްގައި ފެށީ މީލާދީން 1880ގެ އަހަރުތަކުގެ ތެރޭގައެވެ. އެ ދުވަސްވަރު، މައިގަނޑު ގޮތެއްގައި ރޫސީ ވިލާތާއި ޔޫރަޕުގެ އަޝްކެނާޒީ ޒައިނިސްޓް ޔަހޫދީންގެ ޖަމާޢަތްތައް ފަލަސްޠީނަށް މަޑުމަޑުން ހިޖުރަ ކުރާން ފެށިއެވެ. ޒައިނިސްޓް ދައުލަތް އުފެއްދުމުގެ މަޝްރޫޢު ބާރު ދުވެލީގައި ކުރިޔަށް ދާން ފެށީ، ދެވަނަ ބޮޑު ހަނގުރާމައިގައި ޢުޘްމާނީ ތުރުކީން ބަލި ވެ، އިނގިރޭސީންގެ ބާރުގެ ދަށަށް ފަލަސްޠީނުގެ ބިން 1917 ވަނަ އަހަރު ދިޔުމުންނެވެ. އެ ދުވަސްވަރު، ޒައިނިސްޓުންގެ ތެރޭގައި ހަތިޔާރު އެޅި ޖަމާޢަތްތަކެއް ނުވަތަ ގޭންގުތަކެއް އުފެދިގެން އައެވެ. މި ޖަމާޢަތްތަކުގެ މަޤްޞަދަކީ ފަލަސްޠީނުގެ ރައްޔިތުންގެ އަވަށްތައް ހަލާކު ކޮށް، ފަލަސްޠީނީން މަރައި، އެމީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައިގެން، އެމީހުންގެ ބިންތަކުން ބޭރުވެ ހިޖުރަ ކުރުމަށް މަޖުބޫރު ކުރުމެވެ. އަދި ފަލަސްޠީނީން އެމީހުންގެ ގެދޮރާއި އަމިއްލަ ވަޒަނުގެ ޙިމާޔަތުގައި ކުރަމުން ގެންދިޔަ އިޙުތިޖާޖުތަކާއި ހިންގަމުން ދިޔަ ޙަރަކާތްތައް ފުނޑުފުނޑު ކޮށްލުމެވެ. އިސްލާމީ ދުނިޔެއަށް "ޓެރަރިޒަމް" ތަޢާރަފު ކުރީ މި ދެންނެވި ޒައިނިސްޓް ޖަމާޢަތްތަކުންނެވެ. މޯލްޑިވިޔަން ޑިމޮކްރެޓިކް ނެޓްވޯރކް ފަދަ ޖަމްޢިއްޔާތަކުގެ "އެކްސްޕާޓުންނަށް" ހީ ވެފައި އޮންނަ ގޮތާ ޚިލާފަށް، "ޓެރަރިޒަމް" އަކީ ޤުރްއާނުގެ ޞަފުޙާތަކާއި މުޙައްމަދު ނަބީކަލޭގެފާނުގެ ސުންނަތުގެ ތެރެއިން މުސްލިމުންނަށް ފެނުނު ކަމެއް ނޫނެވެ. އެއީ މުސްލިމުންގެ އުފެއްދުމެއް ނޫނެވެ. ވިހިވަނަ ޤަރުނު ފެށިގެން އައި އިރު "ދަ ރަޝިޔަން މެތަޑް" ނުވަތަ "އެސެސިނޭޝަނިޒަމް"ގެ ނަމުން މަޝްހޫރު ވެފައި އޮތް މި ނުބައި އުކުޅު އިސްލާމީ ދުނިޔެއަށް ތަޢާރަފު ކުރީ ޒައިނިސްޓުންނެވެ. ޒައިނިސްޓުން ފަލަސްޠީނުގައި އުފެއްދި ފުރަތަމަ ޓެރަރިސްޓް ޖަމާޢަތަކީ 1907ގައި އުފެއްދި "ބާރް ގިއޯރާ" ޖަމާޢަތެވެ. ދެވަނަ ޖަމާޢަތަކީ 1917 ވަނަ އަހަރު އުފެއްދި "ޖުވިޝް ލީޖިއަން" ޖަމާޢަތެވެ. ތިންވަނަ ޖަމާޢަތަކީ 1920 ގައި އުފެއްދި "ހަގާނާ" އެވެ. ހަތަރުވަނަ ޖަމާޢަތަކީ 1930 ހައިތަނުގައި އުފެއްދި "އިރްގުން ޒްވާއީ" ޖަމާޢަތެވެ. ފަސްވަނަ ޖަމާޢަތަކީ 194ގައި އުފެއްދި "ލާހީ" ނުވަތަ "ސްޓަރން ގޭންގް" އެވެ ކިޔުނު ޖަމާޢަތެވެ. މި ގޭންގުތަކުން، ފަލަސްޠީނުގެ ރައްޔިތުންގެ ބިންތައް ފޭރި، ފަލަސްޠީނުގެ ރައްޔިތުން ވަޒަނުން ބޭރު ކުރުމުގެ މަޤްޞަދުގައި، ފަލަސްޠީނީންގެ އަވަށްތަކަށް ޓެރަރިސްޓް ޙަމަލާތައް ދެމުން ދިޔައެވެ. މި ޙަމަލަތަކުގައި އެތައް އަވަށެއް ސުންނާފަތި ކުރެވި ލޫޓުވައިލެވުނެވެ. އެތައް ހާސް ބައެއްގެ ގެދޮރު ސުންނާފަތި ކުރެވުނެވެ. އެތައް ހާސް ބަޔަކު ޝަހީދު ކުރެވުނެވެ. މިފަދަ އެއް ހާދިސާޔަކީ، އިސްރާއީލުގެ ދައުލަތް އިޢުލާން ކުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރީން، 1948 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި "އިރްގުން ޒްވާއީ" އާއި "ލާހީ"ގެ ޓެރަރިސްޓުން ހިންގި "ދައިރް ޔާސީން" ޤަތުލުޢާއްމެވެ. މި ޤަތުލުޢާއްމުގައި، ޓެރަރިސްޓުންގެ 130 ވަރަކަށް މީހުން ހަތިޔާރާ އެކު އެއް ރެއެއްގެ ދަންވަރު، 600 ވަރަކަށް ފަލަސްޠީނީން ދިރިއުޅެމުން ދިޔަ ދައިރް ޔާސީން އަވަށަށް އަރައި، ގޭގެޔަށް ވަކިވަކީން ވަދެ، ބަޑިޔާއި ވަޅި ފަދަ ހަތިޔާރުތަކުން މީހުންނަށް ޙަމަލަ ދީ 250 ވަރަކަށް މީހުން ޝަހީދު ކުރިއެވެ. މަދަރުސާޔަށް ދާ ޢުމުރުން ފެށިގެން ގޮސް މުސްކުޅި ޢުމުރުގެ އެތައް އަންހެނުން ރޭޕް ކުރިއެވެ. އެތައް ބަޔަކުގެ އަތްފައި ތޫނު ހަތިޔާރުތަކުން ބުރިކޮށް ހެދިއެވެ. މީހުންގެ ގައިގައި ބަޑިޔާއި ދަނޑިބުރި ފަދަ ހަތިޔާރުތަކުން ތަޅައި، ގުނަވަންތައް ބިންދައި ހެދިއެވެ. ގޭގޭގައި ހުރި ފައިސާޔާއި، މުދަލާއި، އަންހެނުންގެ އަތްފަޔާއި ކަރާއި ކަންފަތުގައި ހުރި ގަހަނާތަކަށް ދާންދެން ފޭރުނެވެ. ބައެއް އަންހެނުންގެ ކަންފަތުގައި ހުރި މުދި ފަދަ ގަހަނާތައް ފޭރިގެންފައި ވަނީ ކަންފަތާ އެކު ވީދައިގެންނެވެ. މި ދެންނެވީ ހަމަ އެންމެ މިސާލެކެވެ. ތާރީޚުގެ ފޮތްތަކުން، މިފަދަ އެތައް ޤަތުލުޢާއްމެއްގެ ބިރުވެރި ތަފްޞީލުތައް ފެނިވަޑައިގަންނަވާނެއެވެ.

ނަވާރަަސަތޭކަ ސާޅީސް އަށް ވަނަ އަހަރުގެ ކުރީންނާއި އެއިގެ ފަހުން ޒައިނިސްޓުން ހިންގި ޓެރަރިޒަމާއި ޤަތުލުޢާއްމުތަކުގެ ވަސީލަތުން، އަދި 1967 ވަނަ އަހަރުގެ ހަނގުރާމައިގައި ބާރުގެ ބޭނުން ކޮށްގެން، ފަލަސްޠީނުގެ ރައްޔިތުންގެ 400 އަށް ވުރެ ގިނަ އަވަށް ހުސް ކުރެވުނެވެ. އަދި އެ އަވަށްތަކުގައި ދިރިއުޅެމުން ދިޔަ އެއް މިލިޔަނަށް ވުރެ ގިނަ ފަލަސްޠީނީން އެމީހުންގެ ގެދޮރުން ބޭރު ކުރެވި، ވަޒަނުން ފައްސައިލެވުނެވެ. އެ ހުރިހައި ބިންތަކެއް ޒައިނިސްޓް އިސްރާއީލުން ބާރުގެ ބޭނުން ކޮށްގެން އަމިއްލަ ކުރީއެވެ. މިހާރު އެ ބިންތަކުގައި ހުރީ ޒައިނިސްޓް އިސްރާއީލުގެ އަވަށްތަކާއި ޝަހަރުތަކާއި ދަނޑުބިންތަކާއި މަދަރުސާތަކާއި ހަސްފަތާލުތަކާއި ފެކްޓަރީތަކާއި ވިޔަފާރި މޯލުތަކާއި ޕާކުތަކާއި މައިޒާންތަކާއި ޑިސްކޯތަކާއި ސިނަމާތަކާއި ނައިޓް ކްލަބްތަކާއި ބަނގުރާފިހާރަތަކެވެ. އެތަންތަނުގެ މިލްކުވެރި ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅެމުން ގެންދަނީ، ހުރިހައި އެއްޗެއް ލޫޓުވައިލެވިފައި ވާ ބައެއްގެ ގޮތުގައި ރެފިޔުޖީ ކޭންޕުތަކުގައެވެ. އާބާދީ ހެދިފޯދުމުގެ ތެރެއިން އެމީހުންގެ ޖުމުލަ ޢަދަދު މިއަދު ވަނީ ފަސް މިލިޔަނަށް އަރައިފައެވެ. އެމީހުންނަށް އެމީހުންގެ އަމިއްލަ ވަޒަނަށް އަނބުރައި ދެވޭން ޖެހޭނެ ކަމަށް ބައިނަލްއަޤްވާމީ ޤާނޫނު ވަރަށް ސާފުކޮށް ބުނެއެވެ. އަލިފުދާލުގެ ޢާއްމު މަޖިލިހުގެ 194 ވަނަ ޤަރާރާއި، އެ ޤަރާރަށް ބާރު ދޭ އެތައް ނިންމުންތަކަކާއި ޤަރާރުތަކަކުން ވެސް ފިސާރި ހަރު އަޑުން އެ ވާހަކަ އިއްވައެވެ. ނަމަވެސް މިއަދާ ހަމަޔަށް ވެސް އެއިގެ ތެރެއިން ހަމަ އެކަކަށް ވެސް، އެމީހެއްގެ އަމިއްލަ ވަޒަނަށް ނުވަތަ ގެދޮރަށް އެނބުރިއައުމުގެ ފުރުޞަތު އިސްރާއީލުން ދީފައެއް ނުވެއެވެ. ގަދަބަދަވިކަމާއި ޖައްބާރުކަމުގެ ބޭނުން ކޮށްގެން، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އާއި ޔޫރަޕުގެ ތާއީދާ އެކު، އިސްރާއީލުން ވަނީ ފަލަސްޠީނުގެ ރެފިޔުޖީންގެ ކުރިމަތީގައި އެމީހުންގެ އަމިއްލަ ވަޒަނުގެ ދޮރު ވަރުގަދަޔަށް ތަޅު ލައި ބަންދު ކޮށްފައެވެ.

ފަލަސްޠީނުގެ ރައްޔިތުން މަރައި އެމީހުންގެ ލެއި އޮހޮރުވުމަކީ އިސްރާއީލުގެ ގާތުގައި ކުޅިވަރެކެވެ. އަޅުގަނޑުމެން ކޮންމެ ދުވަހަކު ހަވީރު ޢަޞުރު ނަމާދު ކޮށްގެން ފުޓުބޯޅަ ނުވަތަ ވޮލީ ނުވަތަ ބެޑްމިންޓަން ކުޅޭ ފަދައިން، އެމީހުން ކުޅޭ ކުޅިވަރެކެވެ. މި ކުޅިވަރުގައި އިސްރާއީލުގެ ސިފައިންނާއި ޒައިނިސްޓް އާބާދީތަކުގައި ޙަރަކާތްތެރި ވާ ކަނާތު ފިޔައިގެ ޙައްދުފަހަނައެޅި ޓެރަރިސްޓް ގޭންގުތަކުން ފަލަސްޠީނުގެ ރައްޔިތުންނާ އަމާޒު ކޮށް ހަތިޔާރު އުފުލާ އިރު، މުސްކުޅިއެއް، ޒުވާނެއް، ކުޑަކުއްޖެއް، އަންހެނެއް، ފިރިހެނެއް، ކުޅެދޭ މީހެއް، ނުކުޅެދޭ މީހެއް ވަތްކެއް ނުކުރެއެވެ. އެންމެ ހާދިސާއެއްގެ މަތީން ހަނދާން ކޮށްލަމާ ހިންގަވާށެވެ! ދެހާސް ސާދަ ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުގެ ހަވީރު 4 ޖަހާކަށްހައި އިރު، ޣައްޒާގެ އައްސޭރީގައި އަތިރިމަތީގައި ފަލަސްޠީނުގެ ހަތަރު ކުޑަކުދީން މަޖަލަށް ފުޓުބޯޅަ ކުޅޭން ތިއްބައި، އެ ދިމާއިން ބޭރުގައި އޮތް އިސްރާއީލުގެ ކަނޑުގެ ސިފައިންގެ އުޅަނދަކުން އެ ކުދީން ތިބި ހިސާބަށް ބޮޑުބަޑީގެ ޙަމަލާތަކެއް ދިނެވެ. އެއިން ޙަމަލައެއްގައި އެ ހަތަރު ކުދީން ވެސް ޝަހީދު ވީއެވެ. އެއިގެ ތެރެއިން އެންމެ ހަނގު ކުއްޖާގެ ޢުމުރަކީ ނުވަ އަހަރެވެ. އެންމެ ދޮށީ ކުއްޖާގެ ޢުމުރަކީ 11 އަހަރެވެ. ދުވާލުގެ އަލިކަމުގެ ތެރޭގައެވެ. ދުރުމި ފަދަ އެންމެހައި އާލަތްތައް ހުރި "ސްޓޭޓް-އޮފް-ދި-އާރޓް" ނޭވީ އުޅަނދަކުންނެވެ. "ޕްރިސިޝަން ހަތިޔާރު" ބޭނުން ކޮށްގެންނެވެ. ހާމަޔަށް ހުރިހައި ތަނެއް ފެންނާން އޮތް އަތިރިމަތީގައެވެ. އެ ދުވަހަކީ ބުދަ ދުވަހެކެވެ. އެ ހަފުތާ ފެށުނީ 12 ޖުލައި ވީ ހޮނިހިރު ދުވަހުއެވެ. ހަފުތާ ނިމުނީ 18 ޖުލައި ވީ ހުކުރު ދުވަހުއެވެ. މި ދެ ތާރީޚުގެ ދެމެދުގައި ފާއިތު ވި ހަފުތާގެ ތެރޭގައި އިސްރާއީލުން ފަލަސްޠީނުގެ 213 ރައްޔިތުން ޝަހީދު ކުރިއެވެ. އެއިގެ ތެރޭގައި 43 ކުޑަކުދީން ހިމެނުނެވެ. މީހަކު އިތުރަށް ބުނާނެ އެއްޗެއް އެބައޮތްތޯއެވެ؟ އެންމެ ތަފާސްހިސާބަކަށް ބަލައިލާ ނަމަ، 2000 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް، އިސްރާއީލުން ވަނީ ފަލަސްޠީނުގެ 3000 އަށް ވުރެ ގިނަ ކުޑަކުދީން ޝަހީދު ކޮށްފައެވެ. އެއީ ގާތްގަނޑަކަށް ކޮންމެ ދެ ދުވަހުން އެއް ދުވަހު ކުއްޖެކެވެ. މި ދަންނަވަނީ، އިސްރާއީލުގެ ސިފައިން ނުވަތަ ޙައްދުފަހަނައެޅި ޒައިނިސްޓް ޓެރަރިސްޓުންގެ ޙަމަލާތަކުން ޝަހީދު ވާ ކުދީންގެ ވާހަކައެވެ. އިސްރާއީލުގެ އަނިޔާވެރިކަމުގެ ސީދާ ނަތީޖާއެއްގެ ގޮތުން ރަނގަޅު ކާނާ ނުލިބިގެން ނުވަތަ އެކަށީގެންވާ ބޭސްފަރުވާ ނުލިބިގެން މަރު ވާ ކުދީންގެ ޢަދަދު އެއް ކޮށްލައިފި ނަމަ، މި ޢަދަދު އެތައް ގުނައެއް އިތުރު ވެއެވެ. ހަމައެހެންމެ، އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ޒަޚަމް ވެ، އެކި ވަރުވަރުގެ ހާނީއްކަތައް ލިބި، ނުކުޅެދުންތެރި ވުން ފަދަ ޙާލަތުތައް ކުރިމަތި ވެފައި ތިބި ކުދީންގެ ވާހަކަ ވެސް އޮތީއެވެ.

އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނަށް ކުރަމުން ގެންދާ ލާއިންސާނީ އަނިޔާތަކުގެ ބިރުވެރި ވާހަކައިގެ އެންމެ ހުތުރު އެއް ބާބަކީ، އެ ޤައުމުގެ ޖަލުތަކަށް ފަލަސްޠީނުގެ ކުޑަކުދީން ލައިގެން، އެކުދީންނަށް ކުރަމުން ގެންދާ އަނިޔާތަކުގެ ވާހަކައެވެ. އިސްރާއީލުން ކޮންމެ އަހަރަކު ވެސް 500 އާއި 700 އާ ދެމެދުގެ ޢަދަދެއްގެ ފަލަސްޠީނީ ކުޑަކުދީން ހައްޔަރު ކޮށް، އެކި މުއްދަތުތަކަށް ޖަލުގައި ބައިތިއްބައެވެ. ބައެއް ފަހަރު ދުވަސްތަކަކަށް، ބައެއް ފަހަރު ހަފުތާތަކަކަށް، ބައެއް ފަހަރު އެތައް މަހަކަށް، ބައެއް ފަހަރު އެތައް އަހަރަކަށެވެ. މި އަނިޔާވެރިކަން ދެކެފައި ވާ ކުދީންގެ ތެރެއިން އެންމެ މަޝްހޫރު އެއް ކުއްޖަކީ ހުޅަނގު އައްސޭރީގެ ނަބީ ޞާލިޙް އަވަށަށް ނިސްބަތް ވާ އަންހެން ކުއްޖެއް ކަމުގައި ވާ ޢަހަދުއްތަމީމީއެވެ. ޢާއިލާގެ މެންބަރުންނަށް އިސްރާއީލުގެ ސިފައިން ކުރާ އަނިޔާ ފެނުމަކީ ޢުމުރުން އެންމެ ޅައިރުއްސުރެ ފެށިގެން ޢަހަދުގެ ދިރިއުޅުމުގެ ބައެކެވެ. އޭނާގެ ޢުމުރުން 12 އަހަރުގައި، އިސްރާއީލު ސިފައިން އޭނާގެ ކުރިމަތީގައި އޭނާގެ މަންމަ ހައްޔަރު ކޮށްގެން ގެންދިޔައެވެ. އޭގެ ތިން އަހަރު ފަހުން، އޭނާގެ ފިރިހެން ކޮއްކޮ ހައްޔަރު ކުރެވުނީ ވެސް އޭނާގެ ޙާޟިރުގައެވެ. ޢަހަދުގެ ޢުމުރުން 16 އަހަރުގައި ޒައިނިސްޓް ސިފައިން ޚުދު އޭނާ ހައްޔަރު ކުރިއެވެ. އޭނާގެ ދެބެންގެދެދަރި ކޮއްކޮއެއްގެ ބޮލަށް ގާތްގަނޑަކަށް ޕޮއިންޓް-ބްލޭންކް ރޭންޖުން ރަބަރު ފަށަލަ ލީ ދަގަނޑު ވަޒަނެއް ޖަހައި އެ ކުއްޖާ ސީރިޔަސްކޮށް ޒަޚަމް ކޮށްލުމާ ގުޅިގެން، ރުޅި އައިސްގެން އެކަން ކުރި އިސްރާއީލު ސިފައިންގެ ދެމީހުން ކޮއްޕައި، އަތުންނާއި ފައިން އެމީހުންގެ ގައިގައި ތެޅުމުގެ "ކުށުގަ" އެވެ. މި "ކުށުގެ" އަދަބެއްގެ ގޮތުން ޢަހަދުގެ މައްޗަށް އިސްރާއީލުގެ ކޯޓަކުން އަށް މަހުގެ ޖަލު ޙުކުމެއް އިއްވައި، ޢުމުރުން 16 އަހަރުގައި އޭނާ ޖަލަށް ލެވުނެވެ. ޖަލު ޙުކުމް ފުރިހަމަ ވުމަށް ފަހު، މިހާރު ޢަހަދް ވަނީ މިނިވަން ވެފައެވެ. ނަމަވެސް ޢަހަދަކީ އިސްރާއީލުގެ ޖަލުތަކުގެ ރަހަ ދެކޭ ފަލަސްޠީނުގެ ކުޑަކުދީން ކުރެ ތަންކޮޅެއް ނަޞީބު ރަނގަޅު މަދު ކުދީންގެ ތެރެއިން ކުއްޖެކެވެ. "މިޑްލްއީސްޓް މޮނިޓަރ" އިން 2012 ވަނަ އަހަރު ނެރުނު މަޝްހޫރު ރިޕޯޓުން އެނގޭ ގޮތުގައި، އިސްރާއީލުގެ ޖަލުތަކަށް ލެވޭ ފަލަސްޠީނީ ކުޑަކުދީންގެ ތެރެއިން 95 އިންސައްތަ ކުދީންނަށް، ބަންދުގެ ދުވަސްވަރު ލާއިންސާނީ އަދި ވޭންދެނިވި ހާނީއްކަ – ޓޯޗަރ – ކުރެވެއެވެ. ދެވޭ އަނިޔާތަކުގެ ތެރޭގައި، އަލިކަމެއް ނެތް އަނދިރި ގޮޅިތަކުގައި ބަންދު ކޮށްފައި އެތައް ދުވަހެއް ވާންދެން ބެއިތިއްބުމާއި، އެކަނިބަންދުގައި ކުޑަގޮޅީގައި އެތައް ދުވަހެއް ވާންދެން ގެންގުޅުމާއި، ކުއްޖާ އޮންނަ ގޮޅީގައި ރެޔާއި ދުވާލު އަލިގަދަ ބައްތި ދިއްލައިގެން ހަމަނިދި ލިބުނަނުދިނުމާއި، ނުބައި ވަސް ދުވާ އަދި ނުތާހިރު ގޮޅިތަކުގައި ކުދީން ބަންދު ކުރުމާއި، މަދިރިޔާއި ކުރަފި ފަދަ ސޫފާސޫފިތަކުގެ އުނދަގޫ ޖެހޭ ގޮޅިތަކުގައި ކުދީން ބަންދު ކުރުމާއި، ކުއްތާ ބޭނުން ކޮށްގެން ކުދީން ބިރު ގެންނުވުމާއި، ތަޙްޤީޤު ކުރުމުގެ ނަމުގައި އެތައް ގަޑިއިރެއް ވާންދެން ކުއްޖާޔާ ސުވާލު ކޮށް ނަފްސާނީ ގޮތުން ބަލިކަށި ކުރުމާއި، ކުދީންގެ ގައިގައި ތަޅައި ހާނީއްކަ ކުރުމާއި، ދެ އަތް ފުރަގަހަށް ވާ ގޮތަށް ތިރި ގޮނޑިޔަށް ބަނދެ ގޮނޑީގައި އެތައް ގަޑިއިރެއް ވާންދެން އިށީނދެގެން އިންނާން ޖެއްސުން – ސްޓްރެސް ޕޮޒިޝަނުގައި ބެއިންދުން – ފަދަ އަނިޔާތައް ހިމެނެއެވެ. "މިޑްލްއީސްޓް މޮނިޓަރ"ގެ ރިޕޯޓުގެ އިތުރުން، "އެމްނެސްޓީ އިންޓަރނޭޝަނަލް"ގެ 2017 ވަނަ އަހަރުގެ ރިޕޯޓެއްގައި ވެސް، މި ކަންކަން ހެކިތަކާއި ތަފްޞީލުތަކާ އެކު ބަޔާން ކޮށްފައި ވެއެވެ. "ސޭވް ދަ ޗިލްޑްރަން"ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މި ވަގުތު ވެސް އިސްރާއީލުގެ ޖަލުތަކުގައި ތަޙުޤީޤަށް ކަމަށް ބުނެ ބަންދު ކޮށްފައި ގާތްގަނޑަކަށް 200 ވަރަކަށް ކުޑަކުދީން އެބަތިއްބެވެ. ވެއަތު ވެދިޔަ ދިހަ އަހަރުގެ އެވްރެޖަށް ބަލާ ނަމަ، އިސްރާއީލުގެ ޖަލުތަކުގައި އަބަދުވެސް ތިންސަތޭކައެއްހައި ފަލަސްޠީނީ ކުޑަކުދީން ބަންދު ކުރެވިފައި ތިބެއެވެ.

ތަޞައްވަރު ކޮށްލައްވަބައްލަވާށެވެ! އެއް ދުވަހަކު، ހަމަ ކުއްލިޔަކަށް ކަހަލަ ގޮތަކަށް، ހަތިޔާރު އެޅި ސިފައިން ބުލްޑޯޒަރާއި އެޔާ ވާނޭ ތަކެތި ހިފައިގެން އައިސް، ތިބާގެ ޢާއިލާ އެތައް ޒަމާނަކުއްސުރެ ދިރިއުޅެމުން އަންނަ ތިބާގެ އަމިއްލަ ގެދޮރު، އެ ގޭގައި ހުރި ތިބާގެ ހުރިހައި ތަކެއްޗަކާއި މުދަލަކާ އެކު، ގަޑިއެއްހައި އިރުގެ ތެރޭގައި ސުންނާފަތި ކޮށް ބިމާ ހަމަ ކޮށްފައި، "މިއަދުން ފެށިގެން ކަލޭމެންގެ އެއްވެސް ޙައްޤެއް މި ތަނަކަށް ނެތޭ" ބުނުމުން، ތިބާޔަށް ވާނީ ކިހިނެއްތޯއެވެ؟ މިއީ އިސްރާއީލުގެ ތަކުރާރުކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުން ގެންދާ އެންމެ ބޮޑު އެއް އަނިޔާއެވެ. ޤުދުސް ގަޔާއި ހުޅަނގުއައްސޭރީގެ އެހެން ހިސާބުތަކުގައި މިއީ ޢާއްމު ކަމެކެވެ. ޚުދު އިސްރާއީލަށް ނިސްބަތް ވާ އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ އެންޖީއޯ "އިޒްރައިލީ ކޮމިޓީ އެގެއިންސްޓް ހައުސް ޑިމޮލިޝަންސް"ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 1948 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް، އިސްރާއީލުން ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ އެއްލައްކަޔަށް ވުރެ ގިނަ ގެ، މިގޮތަށް ސުންނާފަތި ކޮށްފައެވެ. އެއްވެސް ބަދަލެއް ދީފައެއް ނޫނެވެ. އެހެން ތަނަކުން ބިމެއް ނުވަތަ ގެއެއް ނުވަތަ ފުލެޓެއް ދީފައެއް ނޫނެވެ. އިސްރާއީލުގެ މުނިސިޕަލް އިދާރާއަކުން، ނުވަތަ ސިފައިންގެ ކޮމާންޑް މަރުކަޒަކުން، ނުވަތަ ކޯޓު ނިންމުމަކުން އެކަން ކުރުމަށް ނިންމުމުން، ސިފައިންގެ ޖަމާޢަތެއްގެ މީހުން ކެޓަރޕިލަރ ބުލްޑޯޒަރެއް ހިފައިގެން އައިސް ވަގުތުން "ނިންމުން ނުވަތަ އަމުރު ތަންފީޒު ކޮށްލަނީ" އެވެ. ދެން އެ ގެއެއްގެ އަހުލުވެރީން މަގުމަތި ވެ، ހުރިހައި ގޮތަކުން ބިކަ ވެގެން ދަނީއެވެ. އެފަދަ ޢާއިލާތަކަށް ދެން ޖެހެނީ ކޮންމެވެސް ތިމާގެ ބައެއް ނުވަތަ ރަޙުމަތްތެރި ބައެއްގެ ހިޔާވަހިކަމުން، ސަލާން ޖަހައިގެން ޖާގައެއް ހޯދާށެވެ. ނުވަތަ ހުޅަނގުއައްސޭރިޔާއި ޣައްޒާގައި އަލިފުދާލުގެ ބެލުމުގެ ދަށުން ޤާއިމު ކޮށްފައި ހުންނަ ރެފިޔުޖީ ކޭންޕަކުން ޓެންޓެއް ހޯދައިގެން، އެ ޓެންޓުގައި "އައު ދިރިއުޅުމެއް" ފަށާށެވެ. މިގޮތުން، ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރު ސުންނާފަތި ކޮށްގެން ޖާގަ ހަދައިގެން، ހަމައެކަނި 1967 ގެ ފަހުން އިސްރާއީލުން ވަނީ ޒައިނިސްޓުންނަށް ޓަކައި ހުޅަނގު އައްސޭރީގައި 240 ވަރަކަށް އަވަށް ޤާއިމު ކޮށް، 600،000 ޒައިނިސްޓުން އާބާދު ކޮށްފައެވެ.

އިސްރާއީލުގެ އިމެއް މިނެއް ނެތް ލާއިންސާނީ އަނިޔާވެރިކަން ފެނިގެންދާ އަނެއް ކަމަކީ، ޒައިނިސްޓުންގެ ޢަސްކަރީ ސުޕަރސްޓްރަކްޗަރއެއްގެ ދަށުގައި، ނޭވާ އުފުރި އަރާ މިންވަރަށް ފިއްތައިފައި ވާ ހުޅަނގުއައްސޭރީގެ އެކިއެކި ކަންކޮޅުތަކުގައި ޤާއިމު ކޮށްފައި ވާ 600 އަށް ވުރެ ގިނަ ޢަސްކަރީ ޗެކްޕޮއިންޓާއި، އެ ޗެކްޕޮއިންޓްތައް ހުރަސް ކޮށް، އެއް ތަނުން އަނެއް ތަނަށް ގޮސްއައިސް ވެއުޅުމުގައި ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ދުވަހަކު އުފުލާން ޖެހޭ ދަތިތަކާއި، މީގެ އިތުރުން ވެސް ފަލަސްޠީނުގެ ރައްޔިތުންގެ ދަތުރުފަތުރަށް އަޅައިފައި ވާ ހަރުކަށި ހުރަސްތަކެވެ. ބަނޑުގައި ރިއްސާ އަންހެން މީހާ ގޮވައގެން ހަސްފަތާލަށް ދާ ޓެކްސީ ނުވަތަ އެންބިޔުލާންސު ވެސް އެ ޗެކްޕޮއިންޓްތަކުގައި އެތައް ގަޑިއެއް ހޭދަ ކުރާން ޖެހެއެވެ. ފަލަސްޠީނުގެ މިނިސްޓްރީ އޮފް އިންފޮރމޭޝަނުން 2006ގައި ޝާއިޢު ކުރި ރިޕޯޓެއްގައި ބުނެފައި ވާ ގޮތުން، 2000 ވަނަ އަހަރާއި 2005 ވަނަ އަހަރާ ދެމެދު، މި ދަންނަވާ ޙާލަތުގައި ފަލަސްޠީނުގެ މާބަނޑު 67 އަންހެނުން އިސްރާއީލު ސިފައިންގެ ޗެކްޕޮއިންޓްތަކުގައި ވިހައި، ވަގުތުން ލިބޭން ޖެހޭ ޑޮކްޓަރީ އެހީތެރިކަން ނުލިބިގެން އެއިގެ ތެރެއިން 36 ކުދީން ނިޔާ ވެފައި ވެއެވެ. އިސްރާއީލުގެ "އެޕަރތައިޑް" ނިޒާމުގެ ތެރެއިން، ޚުދު ހުޅަނގުއައްސޭރީގައި ވެސް ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުން ކުރެވެނީ ވަކި މަގުތަކެކެވެ. އިސްރާއީލީންނަށް ޚާއްޞަ މަގަކުން ފަލަސްޠީނުގެ މީހަކު ދަތުރު ކޮށްފި ނަމަ، އަންނަ އެންމެ ކުޑަ ޙުކުމަކީ ތިން މަސް ދުވަހުގެ ޖަލުޙުކުމެކެވެ. މި ގޮތްގޮތުން، ފަލަސްޠީނުގެ ރައްޔިތުންނަށް، އެމީހުންގެ އަމިއްލަ ބިމުގައި، އެއް ތަނުން އަނެއް ތަނަށް، އެންމެ އަސާސީ ޚިދުމަތްތައް ހޯދުމަށް ޓަކައި ވެސް، ދަތުރުފަތުރު ކުރުމަށް އިސްރާއީލުން ހުރަސް އެޅުމުގެ ސަބަބުން ދިމާ ވެފައި ވާ ހިތާމަވެރި އެތައް ހާސް ހާދިސާގެ ތެރެއިން، އެންމެ މަޝްހޫރު އަދި އެންމެ އަސަރު ކުރުވަނިވި އެއް ހާދިސާޔަކީ، ޣައްޒާޔަށް ނިސްބަތް ވާ، ޢުމުރުން އެންމެ ފަސް އަހަރުގެ ކުޑަކުއްޖެއް ކަމުގައިވާ ޢާއިޝާ ލުއުލުއު މަރު ވެގެން ދިޔަ ހާދިސާއެވެ. ޣައްޒާގެ ބުރައިޖް ރެފިޔުޖީ ކޭންޕުގައި ދިރިއުޅެމުން ދިޔަ ޢާއިލާއެއްގެ މި ކުއްޖާ 2019 ވަނަ އަހަރުގެ ކުރީކޮޅު، ކުއްލިޔަކަށް ވަރަށް ބޮޑަށް ބަލި ވިއެވެ. އެންމެ ފުރަތަމަ ކުއްޖާގެ ބޮލުގައި ކެތް ނުކުރެވޭހައި ގަދަޔަށް ރިއްސާން ފެށީއެވެ. ދެން، ކާ ކޮންމެ އެއްޗެއް ހޮޑަށް ބޭރު ވާން ފެށީއެވެ. ކުއްޖާގެ މައިންބަފައިން އެންމެ ފުރަތަމަ ކުއްޖާ ގެންދިޔައީ އަލިފުދާލުގެ ރެފިޔުޖީންނާ ބެހޭ އިދާރާއިން ޣައްޒާގައި ހިންގާ ރެފިޔުޖީ ކޭންޕު ކުލިނިކަށެވެ. ކުލިނިކުގެ ޑޮކްޓަރުން ޢާއިޝާޔަށް ތަދު ކަނޑުވާ ބޭސް ދިނެވެ. ނަމަވެސް އެ ބޭހަކުން ކުއްޖާޔަށް ލުޔެއް ނުލިބި، ބޮލުގެ ރިއްސުން ވެސް، އަދި ހޮޑުލުން ވެސް ދިޔައީ ގޯސް ވަމުންނެވެ. ދެން ކުއްޖާ ގެންދެވުނީ ޣައްޒާގެ ހަސްފަތާލަކަށެވެ. އެތަނުން އެނގުނީ ކުއްޖާޔަށް ސިކުނޑީގެ ކެންސަރު ޖެހިފައި ހުރިކަމެވެ. އިތުރު ފަރުވާޔަށް ޓަކައި ކުއްޖާ އިރުމަތީ ޤުދުސްގެ އޮގަސްޓާ ވިކްޓޯރިޔާ ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް އޭނާޔާ އެކުގައި އޭނާގެ މައިންބަފައިން ދިޔުމުގެ ހުއްދައެއް އިސްރާއީލުގެ ކަމާބެހޭ އިދާރާތަކަކުން ނުދިނެވެ. ހަނދުމަފުޅު ނެއްތަވައިނުލައްވައްޗެވެ! މި ދަންނަވަނީ ތަދު ކަނޑުވާ ބޭހަށް ވެސް ނުކަތާ ވަރުގެ ގަދަފަދަ ވޭން ތަހައްމަލު ކުރަމުން، ހިލަ ވެސް ވިރޭފަދަ ގޮތެއްގައި ކަރުނަ އަޅައި ރޮއިރޮއި އޮތް، ޢުމުރުން އެންމެ ފަސް އަހަރުގެ ކުޑަކުޑަ ކުއްޖެއްގެ ވާހަކައެވެ. މައިންބަފައިންނަށް ހުއްދަ ނުލިބުމުން، ޢާއިލާގެ އެހެން މެންބަރުން، ދުރުތާ ތިމާގެ މީހުން ކުރެ މީހަކު ވިޔަސް ކުއްޖާޔާ އެކު ހަސްފަތާލަށް ދިޔުމުގެ ހުއްދަ ދޭތޯ އެތައް އާދޭހެއް ކުރުމުން ވެސް، އެ ހުއްދަ ވެސ އިސްރާއީލުން ނުދިނެވެ. އެތައް މަސައްކަތެއް ކޮށްގެން، ކުއްޖާޔާ އެކުގައި ޤުދުސަށް ދިޔުމުގެ ހުއްދަ ލިބުނީ ކުއްޖާގެ ބޮޑުދައިތައެއްގެ ރަޙުމަތްތެރިއެއް ކަމުގައި ވާ ވަރަށް ބަލި އަދި މުސްކުޅި އަންހެނަކަށެވެ. އޮގަސްޓާ ވިކްޓޯރިޔާ ހަސްފަތާލުގައި ޢާއިޝާގެ ސިކުނޑީގެ އޮޕަރޭޝަން ކުރެވުނެވެ. ކުއްޖާގެ ޙާލު ކޮންމެވެސް ވަރަކަށް ރަނގަޅު ވެސް ވިއެވެ. ނަމަވެސް ހެއި އެރުމަށް ފަހު، މަންމަޔާއި ބައްޕަ އަދި ޢާއިލާގެ އެއްވެސް މީހަކު ނެތުމުގެ ހިތާމައިގެ ސަބަބުން ކުއްޖާޔަށް ނަފްސާނީ ގޮތުން ލިބުނު ހިތްދަތިކަމާއި ހިތާމައިގެ ސަބަބުން، ބަލި އަޑަކުން މަންމާއޭ ގޮވައި ރޮއިރޮއި އޮވެ، ޙާލު އިތުރަށް ދެރަ ވަމުން ގޮސް ހުއްޓުނީއެވެ. ޑޮކްޓަރުން ޢާއިޝާގެ ފުރާނަޔާ މެދު އުއްމީދު ކަނޑައިލައި، ޣައްޒާޔަށް ފޮނުވި އިރު، އޭނާގެ ހަށިގަނޑުގައި ހުރި ހަމައެކަނި ޙަރަކާތަކީ ކަރުނަވީ ލޮލަކުން އެސްފިޔަ ޖަހައިލުމެވެ. ޣައްޒާޔަށް ޢާއިޝާ ގެންދެވުނު ދަތުރުމަތީގައި، އިސްރާއީލުގެ ޢަސްކަރީ ޗެކްޕޮއިންޓްތަކުގައި އެތައް ގަޑިއެއް ހޭދަ ކުރާން ޖެހުނެވެ. އެނބުރި މައިންބަފައިންގެ ގާތަށް ދިޔުމަށް ފަހު، ދާދި އަވަހަށް ޢާއިޝާގެ ފުރާނަ މި އަނިޔާވެރި ދުނިޔެއަށް އަލްވަދާޢު ކިޔައި، ޚާއިނުންނާއި ޣައްދާރުންނާއި އަނިޔާވެރީންނަށް އެ ދުނިޔެއެއްގައި ގުންފައި ޖަހަމުން ނުހިނގޭނެ ދުނިޔެއަށް ދަތުރު ކުރީއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ފަލަސްޠީނުގެ ރައްޔިތުންގެ ތެރެއިން ދެ މިލިޔަން މީހުން ދިރިއުޅޭ ޣައްޒާ، 2007 ވަނަ އަހަރުން ފެށިގެން އޮންނަނީ ޒައިނިސްޓް ސިފައިންގެ ވަރުގަދަ ޙިޞާރެއްގެ ތެރޭގައެވެ. އެ ޙިޞާރުގެ އެއްފަޅި ބަލަހައްޓައިދެނީ މިޞްރުގެ ވެރިކަމަށް ގަދަބާރުން އަރައިއިން ޣައްދާރު ފިރްޢައުނު ޢަބްދުލްފައްތާޙުއްސީސީއެވެ. ދުނިޔޭގެ އެންމެ ބޮޑު "ހުޅުވިފައި ވާ ޖަލު"ގެ ގޮތުގައި ސިފަ ކުރެވޭ ޣައްޒާގެ ޢުމްރާނީ އޮނިގަނޑު ވަނީ މުޅީންހެން ފުނޑުފުނޑު ވެފައެވެ. އާބާދީގެ ބޮޑުބައެއް ދިރިއުޅެނީ ވީރާނާ ވެފައި ހުރި ޢިމާރާތްތަކާއި، އަލިފުދާލުގެ ބެލުމުގެ ދަށުން ޤާއިމު ކުރެވިފައި ހުންނަ ރެފިޔުޖީ ކޭންޕުތަކުގައެވެ. ބޯކަށް، ކައްކާކަށް، އަދި ފެން ވަރާކަށް ސާފު ފެނެއް ނުލިބެއެވެ. ބޭނުން ވާ ވަރާ ގާތަށް ވެސް ކަރަންޓެއް ނުލިބެއެވެ. ކަރަންޓާއި ފެނާއި ބޭސް ފަދަ އަސާސީ ޚިދުމަތްތަކާއި ތަކެތި ނުލިބުމުގެ ސަބަބުން، ޣައްޒާގެ ހަސްފަތާލުތަކުން ރައްޔިތުންނަށް އެންމެ އަސާސީ ޞިއްޙީ ޚިދުމަތް ވެސް ރަނގަޅަކަށް ނުދެވެއެވެ. ޣައްޒާޔަށް ކާބޯތަކެތި އެތެރެ ކުރެވެނީ ވެސް އިސްރާއީލުން ކަނޑައަޅައިފައި އޮންނަ މިންވަރަކަށް ކަމުގައި ވާއިރު، އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ޖަމްޢިއްޔާތަކުގެ އެތައް ރިޕޯޓަކުން އެނގި ބަޔާން ވެފައި ވަނީ، އިސްރާއީލުން ޣައްޒާޔަށް ކާނާ އެތެރެ ކުރުމުގެ ހުއްދަ ދެނީ، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ނިޔުޓްރިޝަން ރަނގަޅަށް ނުލިބޭނެ ގޮތް ބަލައިގެން ކޮށްފައި ވާ ޕްލޭނަކާ އެއްގޮތަށް ކަމެވެ. މަދަރުސާތައް ހަލާކު ވެ، އެ ތަންތަނަށް ކުރިމަތި ވެފައި ވާ ވަސީލަތްތަކުގެ ދަތިކަމުގެ ނަތީޖާއެއްގެ ގޮތުން، ކުދީންނަށް ތަޢުލީމު ދިނުމުގެ ކަންކަން ވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ. މި ޙާލުގައި ޣައްޒާގެ ރައްޔިތުން އުޅޭ އިރު، އިސްރާއީލުގެ މިސައިލެއް ނުވަތަ ބޮމެއްގެ ޙަމަލަ އަމާޒު ވާނީ ކޮން އިރަކު ކޮން ތަނަކަށް ކަން، އެއީ އެއްގޮތަކަށް ވެސް އެނގޭ ކަމެއް ނޫނެވެ. އެފަދަ ޙަމަލައެއް ޣައްޒާގެ ކޮންމެވެސް ހިސާބަކަށް ނާރާ ހަފުތާއެއް ފާއިތު ވަނީ މަދު ފަހަރެއްގައެވެ. ހަމައެހެންމެ، އެފަދަ ޙަމަލައެއް އަތުވެދާނެކަމުގެ ބިރުވެރިކަމުގައި، ރެއިގަނޑުގެ ނިދި ނުލިބި، އެތައް ލައްކަ ކުޑަކުދީންނެއް ވަނީ ނަފްސާނީ ހަލާކުގެ ވަޅުގެ ތުންފަތްމަތީގައެވެ. ދެހާސް އަށް ވަނަ އަހަރު އަދި 2009 ގައްޔާއި، 2012 ގައްޔާއި، 2014 ވަނަ އަހަރު، އިސްރާއީލުން ޣައްޒާޔަށް ދިން ވަރުގަދަ ޙަމަލަތަކުގެ ވާހަކަ ކޮންމެހެން ތަފްޞީލުކޮށް ދައްކާނެ ކަމެއް ނެތެއް ނޫންތޯއެވެ؟ ޣައްޒާގެ ދެ މިލިޔަން ރައްޔިތުންގެ ދިރިއުޅުމަކީ އިސްރާއީލުގެ މި އަނިޔާވެރިކަމުގެ ދަށުގައި، "ދޮޅިން ދަތް އަތް ނުނެއްޓޭހައި" ހިތާމަޔާއި ވޭނުގައި ގުނޭ ދުވަސްތަކެކެވެ.

އިސްރާއީލުގެ އަނިޔާވެރިކަމުގެ އަނެއް ބާބަކީ، ފަލަސްޠީނުގެ ލީޑަރުންނާއި މުޙައްރިކުން "އެކްސްޓްރާ-ޖުޑީޝަލީ" ޝަހީދު ކުރުމުގެ ބާބެވެ. ބައެއް މުއައްރިޚުން ދެކެވަޑައިގަންނަވާ ގޮތުގައި، ޒައިނިސްޓުން މި "އުކުޅު" ތަޢާރަފު ކުރީ 1944 ގައެވެ. ފަލަސްޠީނުގައި ޒައިނިސްޓުން އާބާދު ކުރުމާ ދެކޮޅު ހެއްދެވި އިނގިރޭސި ސިޔާސީ ލީޑަރު އަދި ވިޔަފާރިވެރިޔާ ވޯލްޓަރ އެޑްވަރޑް ގިނެސް "އެކްސްޓްރާ-ޖުޑީޝަލީ" އަވަހާރަ ކޮށްލުމާ ހަމައިންނެވެ. އެއިގެ ފަހުން، އިސްރާއީލުން ވަނީ ފަލަސްޠީނުގެ ލީޑަރުންނާއި، ފަލަސްޠީނުގެ މިނިވަންކަމުގެ ޙަރަކާތުގެ އިސް މުޙައްރިކުން ޝަހީދު ކުރުމަށް ޓަކައި ގެންގުޅޭ ޢާއްމު އުކުޅަކަށް މިކަން ހަދައިފައެވެ. ފަލަސްޠީނުގެ އިންސާނީ ޙައްޤުތަކާ ބެހޭ ޖަމްޢިއްޔާ "އަލްޙައްޤު" އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވާ ގޮތުގައި، 1966 އިން ފެށިގެން މިހައިތަނަށް، އިސްރާއީލުން ވަނީ ފަލަސްޠީނުގެ ލީޑަރުންނާއި މުޙައްރިކުންގެ މަދު ވެގެން 366 ބެއިފުޅުން ޝަހީދު ކޮށްލައިފައެވެ. ގާތްގަނޑަކަށް ކަށަވަރު ކުރެވޭ ގޮތުގައި، ފަލަސްޠިނުގެ ކުރީގެ ލީޑަރު އައްސައްޔިދު ޔާސިރު ޢަރަފާތު ޝަހީދު ކޮށްލީ ވެސް މި ގޮތުގެ މަތީން އިސްރާއީލުންނެވެ. އިސްރާއީލުން ޝަހީދު ކޮށްފައި ވާ އެހެން ލީޑަރުންގެ ތެރޭގައި އަޙްމަދު ނަޞްރު ޖައްރާރާއި، ޝައިޚް އަޙްމަދު ޔާސީނާއި، ޚަލީލް އަލްވަޒީރާއި، ފަތުޙީ ޝަޤާޤީ އާއި، ޣައްސާން ކަނަފާނީ އާއި، ޔަޙްޔާ ޢައްޔާޝާއި، އަބޫ ޢަލީ މުޞްޠަފާ އާއި، ރާއިދު އަލްކަރްމީ އާއި، އަބޫ ޝަނާބާއި، ޢަބްދުލް ޢަޒީޒް އައްރަންތީސީ އާއި، ޞަލާޙް ޝިޙާދާ ހިމެނެއެވެ. މި ބެއިބެއިފުޅުން "އެކްސްޓްރާ-ޖުޑީޝަލީ" ޝަހީދު ކުރުމުގައި އިސްރާއީލުގެ މަޤްޞަދަކީ، ފަލަސްޠީނުގެ މިނިވަންކަމުގެ ޙަރަކާތުގެ ޒަޢާމަތު ފުނޑުފުނޑު ކޮށްލުމެވެ. އެ ޙަރަކާތުގެ ޤިޔާދަތު ނެއްތައިލުމެވެ. އެ ޙަރަކާތުގެ "ބޯ" ފިސްފިސް ކޮށްލުމެވެ. މި ގޮތުން ޝަހީދު ކުރެވޭ ބެއިފުޅުންގެ ތެރޭގައި ސިޔާސީ ލީޑަރުންނާއި، ފަލަސްޠީނުގެ ޤައުމީ ޖިހާދުގެ ލީޑަރުންނާއި، ޢިލްމީ ލީޑަރުންނާއި، ޅެންވެރީންނާއި، މުފައްކިރުންނާއި، ދީނީ ޢާލިމުން ހިމެނިވަޑައިގަނެއެވެ.

ކުރު ގޮތަކަށް ދަންނަވާ ނަމަ، އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން އެ ޢާއިލާއެއްގެ ގެދޮރާއި މުދާ ގެއްލިފައި ނުވާ، ނުވަތަ ޢާއިލާގެ މަދުވެގެން އެއް މެންބަރެއްގެ ފުރާނަ ގެއްލިފައި ނެތް، ނުވަތަ ޢާއިލާގެ މަދު ވެގެން ކޮންމެވެސް އެކަކު މުޅި ޢުމުރަށް ނުކުޅެދުންތެރި ވެފައި ނުވާ، ނުވަތަ ޢާއިލާގެ މަދު ވެގެން ކޮންމެވެސް އެކަކު އިސްރާއީލުގެ ޖަލެއްގައި ނެތް އެންމެ ޢާއިލާއެއް ވެސް ފަލަސްޠީނުގައި ނެތޭ ދެންނެވިދާނެއެވެ. ނަމަވެސް މި ހުރިހައި ލާއިންސާނީ އަނިޔާތަކަށް ވުރެ ވެސް، އެއްގޮތަކުން ބޮޑު އަނިޔާއަކީ، އިސްރާއީލުގެ ޙައްދެއް ނެތް ލާއިންސާނީ އަނިޔާވެރިކަމާ ދެކޮޅަށް، އަމިއްލަ ފުރާނަތަކާއި އަޚުން އުޚްތުންނާއި މައިންބަފައިންނާއި ގެދޮރާއި މުދަލާއި ވަޒަނުގެ ދިފާޢުގައި، އަމިއްލަ ޤައުމީ އިސްތިޤްލާލާއި ސިޔާދަތާއި މިނިވަންކަމަށް ޓަކައި ފަލަސްޠީނުގެ ރައްޔިތުން ކުރަމުން ގެންދާ ޙައްޤު ޖިހާދަކީ "ޓެރަރިޒަމް" ކަމަށް ބުނެ، ޒައިނިސްޓުންނާއި އެމީހުންގެ އެކުވެރީން ހިންގަމުން ގެންދާ "ވިކްޓިމް ބްލޭމް" ކުރުމާއި "ވިކްޓިމް ޑީމަނައިޒް" ކުރުމުގެ ނާތަހުޒީބު އަދި ނުބައި ޕްރޮޕެގެންޑާއެވެ. ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޖަރީމާތަކަކީ އިސްރާއީލުގެ "އަމިއްލަ ދިފާޢުގައި" ކުރާ ހަނގުރާމައެއް ކަމަށް ބުނެ މުޅި ދުނިޔަށް އިއްވައި ކުރަމުން ގެންދާ ބާޠިލު، މަކުރޫހަ، އަދި ލާއިންސާނީ ދަޢުވާއެވެ.

ރައްޔިތުންގެ ޖަވާބު

ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅެއްގައި އޮވެއެވެ. "މުސްލިމުންނަކީ އެއް ހަށިގަނޑެއް ފަދަ ބައެކެވެ. އެ ހަށިގަނޑުގެ އެއް ގުނަވަނެއްގައި ވޭނެއް ހުރި ނަމަ، މުޅި ހަށިގަނޑަށް އެ ވޭން އިޙުސާސް ކުރެވޭނެއެވެ. މުޅި ހަށިގަނޑަށް އެ ވޭނުގެ އުނދަގޫތައް ލިބޭނެއެވެ." މި ނަބަވީ ބަސްފުޅުގައި ވާ ފަދައިން، ފަލަސްޠީނަކީ މުސްލިމުންގެ ހަށިގަނޑުގެ ބައެކެވެ. ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަކީ މުޅި ދުނިޔޭގެ ހުރިހައި މުސްލިމުންގެ އެއްބަނޑުއެއްބަފާ އަޚުންއުޚްތުންނެވެ. އެހެންކަމުން، އިސް ވެ ދެންނެވި ފަދަ ބޮޑެތި އަނިޔާތަކެއް އިސްރާއީލުގެ ޒައިނިސްޓުންގެ ފަރާތުން ފަލަސްޠީނުގެ މުސްލިމުންނަށް ލިބެމުން ދާހައި ހިނދަކު، އިސްރާއީލާ އެއްވެސް ކަހަލަ ގުޅުމެއް ބޭއްވުމަކީ މުސްލިމުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. މުސްލިމުން ކޮށްގެން ވާނެ ކަމެއް ވެސް ނޫނެވެ! އަދި ކީއްތޯއެވެ! މުސްލިމުން ކުރާނެ ކަމެއް ވެސް ނޫނެވެ. މިޞްރާއި، އާޒަރުބައިޖާނާއި، އުރްދުނާއި، ޔޫއޭއީ އާއި، ބަޙްރައިނާއި، ސޫދާން ފަދަ މުސްލިމު ޤައުމުތަކުގައި ވެރިކަމުގައި ތިބެގެން، ޣައްދާރުންގެ ބަޔަކު އިސްރާއީލާ ގުޅުންތައް އުފައްދައިފައި ވަނީ، އެ ޤައުމުތަކުގެ މުސްލިމުންގެ ޝުޢޫރުތަކާއި ޖަޒުބާތުތަކުގައި ކޮޅުފައިން ޖަހައި، އެމީހުންނަށް ޚިޔާނާތްތެރި ވެގެންކަމީ ދުނިޔޭގެ އެކަކަށް ވެސް އޮޅިފައި އޮންނަ ކަމެއް ނޫނެވެ.

މީގެ ކުރީން ވެސް ދިވެހިރާއްޖެއާ އިސްރާއީލާ ދެމެދުގައި "ގާތް އެކުވެރިކަމުގެ ގުޅުންތައް" ޤާއިމު ކުރުމުގެ މަސައްކަތް ކުރެވުނެވެ. އިސްރާއީލުގެ ޑޮކްޓަރުންތަކެއް ރާއްޖެ ގެނެވުނެވެ. ދިވެހި ދެ ވަޒީރަކު، ދިވެހި ރައްޔިތުންނަށް ވަގަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ނުޙައްޤުން ޚަރަދު ކުރައްވައިގެން އިސްރާއީލަށް ސިއްރު ދަތުރުތައް ކުރެއްވިއެވެ. އިސްރާއީލުގެ ގައުމީ އެޔަރުލޭނުގެ ދަތުރުތައް ރާއްޖެޔަށް ފެށުމަށް ވެސް މަސައްކަތް ކުރެވުނެވެ. ނަމަވެސް އެއިރުވެސް ދިވެހި ރައްޔިތުން ވަނީ، ފަލަސްޠީނުގެ ރައްޔިތުންގެ ލޯތަކުން ކަރުނަ އަދި އެމީހުންގެ ހަށިތަކުން ލެއި އޮހޮރެމުން ދާހައި ހިނދަކު، ޒައިނިސްޓް އިސްރާއީލާ އެއްވެސް ކަހަލަ ގުޅުމެއް ނުވަތަ އެއްބާރުލުމެއް ބޭއްވުމަކީ ދިވެހި ރައްޔިތުންނަށް ހިނދުކޮޅަކަށް ވެސް އެ ޒަލީލުވުމަކަށް ކެތް ނުކުރެވޭވަރުގެ ޒަލީލުވުމެއްކަން، އެކަން ކުރާން އުޅުނު މީހުންނަށްނިކަން ސާފުކޮށް އަންގައިދީފައެވެ.

ފަށަމުން ވެސް އަޅުގަނޑު ދެންނެވި ހެން، އެމެރިކާގެ ޚާރިޖީ ވަޒީރު ދިވެހިރާއްޖެޔަށް ވަޑައިގަންނަވަނީ، އިސްރާއީލާ ރަޙުމަތް ގަނެ އެކުވެރިކަމުގެ ބާބެއް ފެށުމަށް ދިވެހި ސަރުކާރަށް ބާރު އެޅުއްވުމަށް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެއީ ތެދެއް ނޫން ނަމަ، ކިތަންމެހައި ވެސް ރަނގަޅެވެ. ނަމަވެސް ޕޮމްޕިއޯ އެފަދަ ކަމަކަށް އެދިވަޑައިގެންފި ނަމަ، އަދި އެހެން ޤައުމަކުން ވެސް އެފަދަ ހުށައެޅުމެއް ހުށައަޅައިފި ނަމަ، ދިވެހި ސަރުކާރުން ދޭން ޖެހޭނީ ދިވެހި ރައްޔިތުންގެ ޖަވާބެވެ. ދިވެހި ރައްޔިތުން ރުހޭ ޖަވާބެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގައި އޮންނަނީ، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުގެ މިލްކުވެރީންނަކީ ދިވެހި ރައްޔިތުން ކަމުގައެވެ. ޤާނޫނުއަސާސީގެ ދެ ވަނަ މާއްދާގައި އޮންނަނީ، ދިވެހިރާއްޖެޔަކީ އިސްލާމް ދީނާއި، ޖުމްހޫރިއްޔަތުގެ މަބްދައާ އެއްގޮތަށް، ޑިމޮކްރެޓިކް އުޞޫލުން ހިނގާ ދައުލަތެއް ކަމުގައެވެ. އިސްލާމީ އުޞޫލުތަކާއި، ޖުމްހޫރިއްޔަތާއި، ޑިމޮކްރެޓިކް ހަމަތައް ބުނާގޮތުން، ޤައުމުގެ ވެރިކަން ބަޔަކާ ޙަވާލު ކުރެވެނީ އަމާނާތެއްގެ ގޮތުގައެވެ. އެ ބަޔަކު އެ އަމާނާތް އަދާ ކުރާން ވާނީ، ޤާނޫނާ އެއްގޮތަށެވެ. ރައްޔިތުންގެ ވިންދާ އެއްގޮތަށެވެ. ރައްޔިތުންގެ މަޞްލަޙަތުތަކާ އެއްގޮތަށެވެ. ރައްޔިތުން ދޭ ދުސްތޫރީ އަދި ޤާނޫނީ މޭންޑޭޓާ އެއްގޮތަށެވެ. އެހެންކަމުން، ދާޚިލީ ވިޔަސް އަދި ޚާރިޖީ ވިޔަސް އެއްވެސް ކަމެއްގައި ދިވެހި ރައްޔިތުންގެ ވިންދާ ޚިލާފަކަށް ދިވެހި ސަރުކާރަކަށް ނިންމުންތަކެއް ނުނިންމޭނެއެވެ. ދިވެހި ރައްޔިތުންގެ "ޑިމޮކްރެޓިކް ވިލް" އާ ޚިލާފަށް ދިވެހި ސަރުކާރުން އިސްރާއީލާ ގުޅުން ޤާއިމު ކޮށްފި ނަމަ، އެ ހިސާބުން ސަރުކާރުގެ ޑިމޮކްރެޓިކް އަދި ދުސްތޫރީ ޝަރްޢިއްޔަތާއި، ވެރިކަން ކުރުމުގެ އަޚްލާޤީ ޙައްޤު މުޅީން ގެއްލި، ސަރުކާރަކީ ޝަރްޢިއްޔަތެއް ނެތް "ޑީ ފެކްޓޯ ގަވަރންމަންޓަކަށް" ވެގެން ދާނެކަން، އެއީ ސަރުކާރުގެ ވެރީން ހަނދުމަފުޅު ނެއްތަވައިލައްވާނެ، އަދި ހަނދުމަފުޅު ނެއްތަވައިލައްވައިގެން ވާނެ ކަމެއް ކަމުގައި އަޅުގަނޑު ނުދެކެމެވެ.

އާދޭހެވެ! ދިވެހިރާއްޖޭގައި ކޮންމެ ސަރުކާރެއް އޮތަސް، އިސްރާއީލާ ގުޅުން ބަދަހި ކުރާން ބަޔަކު ދޭ ދަޢުވަތަކަށް ސަރުކާރުން ދޭން ވާނީ ރައްޔިތުންގެ ޖަވާބެވެ. އެ ޖަވާބަކީ މިއެވެ. "ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަކީ، ކަޝްމީރެކޭ އެއްފަދައިން، ރޮހިންގްޔާއެކޭ އެއްފަދައިން، އަދި އެއިގެ އިތުރުން ވެސް އަނިޔާ ލިބެމުންދާ މުސްލިމުންގެ ކޮންމެ ޖަމާޢަތެކޭ އެއްފަދައިން، އަހަރެމެންގެ ބައެކެވެ. އެއީ އަހަރެމެންގެ ލޮބުވެތި އަޚުން އުޚްތުންނެވެ. އެމީހުންނަށް ތަދު ވީމާ، އަހަރެމެންނަށް ތަދު ވެއެވެ. އެމީހުންގެ ގައިގައި ވޭން އެޅީމާ، އަހަރެމެންގެ ހިތުގައި ވޭން އަޅައެވެ. އެމީހުންނަށް ޓަކައި ދިރިއުޅުން ތަކުލީފަކަށް ހެދީމާ، އަހަރެމެންނަށް އިންތިހާ ދަރަޖަޔަށް އަސަރު ކުރެއެވެ. އެމީހުންގެ ދަރީން ކަތިލައި، ފިރީން މަރައި، އަނބީން ލޫޓުވައި، މައިންބަފައިން ނިކަމެތިކޮށް ހެދީމާ އަހަރެމެންގެ ގާތަށް ދުލަކުން ގަލަމަކުން ބަޔާން ނުކުރެވޭހައި ގަދަ ރުޅި އާދެއެވެ. އެހެންކަމުން، އެމީހުންނަށް އަނިޔާ ކުރާ ބަޔަކާ އެކު އަހަރެމެން ބާއްވާނެ ރަޙްމަތްތެރިކަމެއް ނޯންނާނެއެވެ. އެ ބައެއްގެ އަތުން އަހަރެމެން ބޭނުންވާ ޑޮލަރެއް ވިޔަސް ޕައުންޑެއް ވިޔަސް ޔޫރޯއެއް ވިޔަސް ނުހުންނާނެއެވެ. އެ ބަޔަކާ އެކު މަކުރޫހަ ޑީލުތައް ހަދައިގެން އަހަރެމެން ހޯދާން އެދޭ މޮޅެއް ނޯންނާނެއެވެ. އެހެންކަމުން، ފަލަސްޠީނުގެ ރައްޔިތުންގެ ހުރިހައި ޙައްޤުތަކެއް ރައްކައުތެރި ކުރެވި، ގެދޮރުން ބޭރު ކުރެވިފައި އެތަންމިތަނުގައި ތިބި ހުރިހައި ފަލަސްޠީނީންނަށް އެމީހުންގެ ގެދޮރަށް ވަޒަނަށް އެނބުރި ދެވޭ ގޮތް ވެ، ދުނިޔޭގެ އެހެން ދައުލަތްތަކެކޭ އެއްފަދަ މިނިވަން އަދި މުސްތަޤިއްލު ދައުލަތެއް، ފުރިހަމަ ސިޔާދަތާ އެކު، އެމީހުންނަށް ލިބި ހަމަޖެހިއްޖައުމަށް ދާންދެން އަހަރެމެން އިސްރާއީލާ ހަތަރުކަޅި ހަމަ ކުރާން ވެސް ބޭނުމެއް ނޫނެވެ."

އަމާނާތްތެރިކަމާ އެކު، މި ޖަވާބު ދެއްވައްޗެވެ!

ގުޅޭ ޓެގު
comment ކޮމެންޓް