ޖެކް މާގެ އޭންޓް ގުރޫޕުގެ ހިއްސާ ވިއްކާ އިރު ދުނިޔޭގެ ރެކޯޑެއް މުގުރާލަނީ

ބިލިއަނަރު ޖެކް މާ އަކީ މިހާރު ޗައިނާގެ އެންމެ މުއްސަނދި މީހާ -- ފޮޓޯ: އޭއެފްޕީ

ބެއިޖިން (އޮކްޓޯބަރު 27): ޗައިނާގެ ބިލިއަނަރު ޖެކް މާގެ ފައިނޭންޝަލް ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ އޭންޓް ގްރޫޕްގެ އިނީޝަލް ޕަބްލިކް އޮފަރިންގް (އައިޕީއޯ)ގައި 34.4 ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކަން އެ ކުންފުނިން އަޒުމު ކަނޑައަޅައިފި އެވެ.

އޭންޓް ގްރޫޕަކީ ޗައިނާގެ އެންމެ ބޮޑު އެއް އޮންލައިން ޕޭމެންޓް ނިޒާމު ކަމަށްވާ އަލީޕޭ ހިންގާ ކުންފުންޏެވެ. އަދި އެ ކުންފުންޏަށް މިދިޔަ އަހަރު 2.7 ބިލިއަން ޑޮލަރުގެ މަންފާ ލިބިފައިވެ އެވެ.

އޭންޓް ކުންފުނީގެ ހިއްސާ އަންނަ ހަފްތާ ތެރޭ ވިއްކަން ހަމަޖެހިފައި ވަނީ ޝަންހާއީ އާއި ހޮންކޮންގްގެ ހިއްސާގެ ބާޒާރުގަ އެވެ. އަދި އެ ކުންފުނީގެ 11 ޕަސެންޓު ހިއްސާ ވިއްކަން ހަމަޖެހިފައިވާ އިރު، ކުންފުނީގެ އަމާޒަކީ ދެ ސިޓީގައި ވެސް ހިއްސާ ވިއްކައިގެން 17.2 ބިލިއަން ޑޮލަރު ހޯދުމެވެ. އެ އަމާޒަށް ވާސިލުވެއްޖެ ނަމަ އެ ވާނީ ދުނިޔޭގެ އެންމެ ބޮޑު އައިޕީއޯއަށެވެ.

މީގެ ކުރިން އެންމެ ބޮޑު އައިޕީއޯއަކާ އެކު ހިއްސާ ވިއްކަން ފެށީ ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނި އަރަމްކޯއިންނެވެ. އެ ކުންފުނީގެ އައިޕީއޯއިން މިދިޔަ ޑިސެމްބަރު މަހު 29.4 ބިލިއަން ޑޮލަރު ހޯދި އެވެ. އޭގެ ކުރިން 25 ބިލިއަން ޑޮލަރުގެ އައިޕީއޯއަކާ އެކު އެ ރެކޯޑު ލިބިފައި އޮތީ ޖެކް މާ އުފެއްދި އަލީބާބާ ކުންފުންޏަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އަލީބާބާގެ ޗެއާމަން ކަމުން އިސްތިއުފާ ދިން ޖެކް މާގެ މިލްކިއްޔާތުގެ އަގު މިހާރު 60 ބިލިއަން ޑޮލަރަށް އަރައި، އޭނާ ވަނީ ޗައިނާގެ އެންމެ މުއްސަނދި މީހާއަށާއި ދުނިޔޭގެ 17 ވަނައަށް އެންމެ މުއްސަނދި މީހާއަށް ވެފަ އެވެ.

އެމެރިކާގެ ހިއްސާގެ ބާޒާރުތައް ދޫކޮށް، އޭންޓް ގްރޫޕުން ޝަންހާއީ އާއި ހޮންކޮންގްގެ ހިއްސާގެ ބާޒާރުތައް ހިޔާރު ކޮށްފައި ވަނީ އެމެރިކާ އާއި ޗައިނާގެ ވިޔަފާރީގެ ހަނގުރާމަ އަދި ވެސް ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. އަދި ޗައިނާގެ ކުންފުނިތަކުގެ އޮޑިޓް ރިޕޯޓުތައް އެމެރިކާގެ ރެގިއުލޭޓަރުންނަށް ހާމަ ނުކުރާ ނަމަ، އެމެރިކާގެ ބާޒާރުތަކުން އެ ކުންފުނިތައް ނެގުމަށް ހުއްދަ ދޭ ގާނޫނެއް އެކުލަވާލުމަށް އެގައުމުގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނިކޮށެވެ. އެހެންކަމުން އެމެރިކާއަށް ރައްދެއްގެ ގޮތުން ޗައިނާއިން ވަނީ އެގައުމުގެ ޓެކް ކުންފުނިތަކުން މި ސަރަހައްދުގެ ހިއްސާގެ ބާޒާރުތަކުގައި ހިއްސާ ވިއްކުމަށް ގޮވާލާފަ އެވެ.

comment ކޮމެންޓް