މިޔުޒިކާއެކު އުފާކޮށް، މަޖާކޮށްލެވޭނެ މަރުކަޒެއް ގާއިމުކުރުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް

ހަސަން ލަތީފު: ހާސްކަމެއް ނެތި މިއުޒިކާއެކު މަޖާކޮށްލެވޭނެ މަރުކަޒެއް އެޅުމަށް ގޮވާލައި އޭނާ ވަނީ ގަރާރެއް ހުށަހަޅައިފައި --- ފޮޓޯ/ މަޖިލިސް

ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، ހާސްކަމެއް ނެތި މަޖާކޮށްލައި، އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

އެ ގަރާރު ހުށަހެޅުއްވީ، ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފެވެ.

އޭނާ ހުށަހެޅުއްވި ގަރާރުގެ ދީބާޖާގައި ބުނެފައި ވަނީ، މާލެއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކަށް ސަރުކާރުން ހައްލު ހޯދަމުންދާއިރުވެސް، އެފަދަ މަރުކަޒެއް ގައިމުކޮށްދިނުމަށާއި އެ މަރުކަޒަކީ ޒުވާނުންނަށް މިޔުޒިކްގެ ފަންނު އިތުރަށް ތަރައްގީކުރުމުގެ ވަސީލަތަކަށް ހެދުމަށް ސަރުކާރުން ކުރެވެން ހުރި ކަންކަން ކޮށްދިނުމަށް ގޮވާލާ ހުށަހަޅާ ގަރާރެއް ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންކަންވެސް ކުރައްވަމުން ގެންދަވާ ހަސަން ލަތީފުގެ ގާރާރުގައި ބުނީ، މާލެއަށް ދިމާވެފައިވާ މައްސަލަތަކަކީ އެ މައްސަލަތަކުން އަރައިގަތުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ މައްސަލަތަކެއް ކަމަށެވެ. އެގޮތުން މާލޭގެ ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ ދަތިކަމާއި މަގުތަކުގެ ކާރޫބާރޫ ބޮޑުކަމާއި ވަޒީފާގެ ފުރުސަތުތައް ނެތްކަން އޭނާ ފާހަގަ ކުރެއްވިއެވެ. ސަރުކާރުން އެކަންކަމަށް ހައްލު ހޯދަމުންދާއިރުވެސް، ހާސްކަމުގެ ތެރޭގައި މާލޭގައި އުޅެން ޖެހިފައިވާ ޒުވާނުންނަށް އެ ހާސްކަމުން މިންޖުކުރެވޭނެ މަރުކަޒެއް ބޭނުންވެފައިވާކަން ގަރާރުގައި ބުނެފައިވެއެވެ.

"ޒުވާނުންނާއި ރައްޓެހިންނާއި އެކުވެރިންނާއެކު ހީނ، ސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއް މިޔުޒިކް އަޑުއަހާލައި، ވަގުތު ހޭދަކޮށްލެވޭނެ މަރުކަޒަކަށް މިވަނީ އިންތިހަށް ބޭނުންވެފައެވެ. ތަފާތު ވައްތަރުގެ މިޔުޒިކާއި ލަވަ އަޑުއަހާލަން ޒުވާނުން އެއްވެ އުޅެވޭނެ ތަނެއްގެ މުހިންމުކަން [މިވަނީ] އިތުރުވެފައި،" އެމްޑިޕީގެ ފުރަތަމަ ސަރުކާރުގެ ޒުވާނުންނާއި ކުޅިވަރާ ބޭހޭ ވަޒީރު ހަސަން ލަތީފުގެ ގަރާރުގައި ބުނެފައިވެއެވެ.

ޒުވާނުންގެ ތެރޭގައި އާދަޔާ ހިލާފު ކުޅަދާނަ ފަންނާނުން އެބަތިބި ކަމަށް ގަރާރުގައި ބުންޏެވެ. އަދި މިޔުޒިކްގެ ހުނަރު ދަސްކުރަން ބޭނުން އެތައް ޒުވާނުންވެސް އެބަތިބިކަން ފަހަގަކުރައްވައި ގަރާރުގައި ބުނީ، އެފަދަ ޒުވާނުނަށް ރެކޯޑިންގް ސްޓޫޑިއޯއާއި ބޭންޑް ޕްރެކްޓިސް ރޫމް ފަދަ ވަސީލަތްތައްވެސް އެ މަރުކަޒުގައި ހުންނަން ވާނެ ކަމަށެވެ. އަދި ބޮޑު އޯޑިއަންސްއަކަށް ޝޯދެވޭނެ އިންތިޒާމްވެސް އެ މަރުކަޒުގައި ހުންނަވާނެ ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.

ގަރާރުގައި އިތުރަށް ބުނީ ދިވެހި ސަގާފީ ކުޅިވަރުތަކާއި ޒަމާނުއްސުރެ، ދިވެހިން ދިރިއުޅެމުން އައި ވައްޓަފާޅިއާއި ދޭދޭ މީހުންގެ މެދުގައި އޮތް ގުޅުން މިހާރު ނެތި ދިޔުމުގެ ބިރު ހީވެފައިވާ ކަމަށެވެ. އެގޮތުން ދިވެހި ލަވަޔާއި މިޔުޒިކްގެ ޝައުގުވެރިކަން ޒުވާނުންގެ ކިބައިގައި އަށަގަންނަވަން ޖެހޭ ކަމަށް ގަރާރުގައި ބުނެފައިވެއެވެ. އެގޮތުން އަންނަން އޮތް ޖީލުތަކަށް އެކަންކަން ވާސިލުކޮށްދޭން ތިބި ބަޔަކީ ޒުވާނުންނަށްވީއިރު، އެ ޒުވާނުންގެ މުހިންމު ބޭނުންތަކަކީ ސަރުކާރުން އިޖާބަދޭންވާނެ ކަންކަންކަމުގައި ހަސަން ލަތީފުގެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އެ ގާރާރު މަޖިލީހުގެ މަދަމާގެ ޖަލްސާއަށް ވަނި ތާވަލުކޮށްފައެވެ.

comment ކޮމެންޓް