މަސްދޯންޏެއް ހައިޖެކްކުރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

ފުލުހުންގެ ލޯންޗެއް ކަނޑުމަތީގައި --- ފޮޓޯ : ޕޮލިސް

ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏަކަށް ތޫނު އެއްޗެހި ހިފައިގެން އިއްޔެ ބަޔަކު އެރި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

އާދިއްތަ ދުވަހުގެ ރޭގައި ފެންމަތިވި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ރޭގައި ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން 25 އަހަރުގެ ދެ ފިރިހެނުންނާއި 22 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ލޯންޗެއްގައި ބަޔަކު އެ މަސްދޯންޏަށް ދިޔައިރު އެމީހުން ގެންދިޔަ ތޫނު އެއްޗެހި މަސްދޯނީގައި ހުއްޓެވެ. ފުލުހުން ވަނީ އެ ތަކެތި އެ މީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މަސްދޯންޏަށް ބަޔަކު އެރި ނަމަވެސް އެ ދޯނީގެ ތެރޭގައި މާރާމާރީއެއް ހިނގާފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ދޯންޏަށް ބަޔަކު ގޮސްފައިވަނީ އެއްބަސްވުމެއްގެ މައްސަލައިގައި ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ ބަޔަކު އެ ދޯންޏަށް އަރާފައިވަނީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށް ވެފައި އެ އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށް ބުނެ އެވެ.

comment ކޮމެންޓް