އިމްރާންގެ ވަކިކުރަން އެމްޑީޕީގެ ޕިޖީގެ ތާއީދު ނުލިބޭނެކަން ހާމަކޮށްފި

އެމްޑީޕީ ޕީޖީ މެމްބަރުން: ޕީޖީގެ ލީޑަރު އަލީ އާޒިމް ވިދާޅުވަނީ، އެޕާޓީގެ އިމްރާން ވަކުކުރަން ހުށަހަޅާފައިވާ މައްސަލައަށް ތާއީދު ނުލިބޭނެ ކަމަށް --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ހޯމް މިނިސްޓަރު އަބްދުﷲ އިމްރާން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މައްސަލައަށް އެމްޑީޕީ މެމްބަރުންގެ ތާއީދު ނުލިބޭނެ ކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕް (ޕީޖީ)ގެ ލީޑަރު އަލީ އާޒިމް ހާމަކޮށްފި އެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަންގެ ފަރާތުން 11 މެމްބަރުންގެ ސޮޔާއެކު އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިއްޔެ ހުށަހަޅުއްވާފައިވާކަން މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރުމާއެކު، މެދު ހެންވޭރު ދާއިރާގެ މެންބަރު އާޒިމް ވަނީ، އެމްޑީޕީގެ ފަރާތުން އެ މައްސަލައަށް ރައްދު ދެއްވާފަ އެވެ.

އާޒިމް އެ މައްސަލަ މިސާލު ނެންގެވީ އެއީ "ހުސްބުޅީގެ" މިސާލުންނެވެ. އޭނާ ވިދާޅުވީ، ޕާޓީ ތެރޭގައި ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު އެ ހުސްބުޅީގައި އެމްޑީޕީން ގަންނާނެ ކަމަށް އުންމީދުކޮށްގެން ނުވާނެ ކަމަށެވެ.

"ހިޔާލު ތަފާތުވާ ކޮންމެ ފަހަރު، އެއީ ހުސްބުޅީގައި އަޅުގަނޑުމެން ގަންނާނެ ކަމަށް [އަދި] އަޅުގަނޑުމެންގެ އެޖެންޑާއާ ހިލާފަށް މަޖިލީހުގައި ކަންތައް ކުރަމުން ގެންދާނެ ކަމަށް އުންމީދުކޮށްގެން، އެ ހުސްބުޅި ވިސްނުމުގައި ކަންކަން ކުރެވިދާނެ ކަމަށް [އިދިކޮޅުން] ގަބޫލުކޮށްގެން ނުވާނެ،" ނުސީދާކޮށް އިމްރާންގެ މައްސަލައަށް އެމްޑީޕީގެ ތާއިދު ނުލިބޭނެކަން ހާމަކޮށް އާޒިމް ވިދާޅުވި އެވެ.

އަލީ އާޒިމް މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަނީ --- ފައިލް ފޮޓޯ/ މަޖިލިސް

އޭނާ ވިދާޅުވީ، އެމްޑީޕީން ކަންކަމާ ކުރިމަތިލާއިރު އަބަދުވެސް ހާއްސަ އެޖެންޑާްއެއް އޮންނަ ކަމަށާއި އެ އެޖެންޑާއާ ހިލާފަށް އެޕާޓީން ކަންކަން ނުކުރާނެ ކަމަށެވެ. އަދި އެމްޑީޕީއަކީ މި ސަރުކާރުގެ ބައިވެރިއެއް ކަމަށާއި މި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެންނާއި މި ސަރުކާރާ ދެމެދު އިތުބާރު ނެތްކަމަށް ދެއްކުމުގެ ގޮތުން އަޅުގަނޑުމެންނާ ވާދަވެެރި ފަރާތްތަކުން ދަންނަވާލަން، ވާދަވެރި ފަރާތްތަކުގެ އަދަދު އެބަ އެނގޭ މަޖިލީހަށް ކަންކުރުމަށް ހުށަހަޅުއްވަން މަސަކައްތް ކުރާއިރު. އެހެންވީމަ، އެކަން އެގޮތަށް ނުކުރަމަށް އަޅުގަނޑު ވާދަވެރި ފަރާތްތަކަށް ގޮވާލަން،" އިދިކޮޅަށް ބަހުގެ ހަމަލާތައް ރައްދު ކުރަމުން އޭނާ ވިދާޅުވި އެވެ.

އާޒިމްގެ ވާހަކަ ނިމުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން އެ މައްސަލަ އެޖެންޑާ ކުރަން ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް އިމްރާނަށް މިއަދު ފޮނުއްވާނެ ކަމަށެވެ. އަދި އެ ނޯޓިސްގެ މުއްދަތު ނިމުމުން އެ މައްސަލަ އެޖެންޑާ ކުރެވޭނެ ކަމަށެވެ.

"މި މައްސަލަ ލިބިފައިވަނީ 11 މެންބަރުންގެ ސޮއި އާއެކު. އެކަމަކު މިއީ 87 މެންބަރުންގެ ތަނެއް. 10 އިއްޒަތްތެރި މެމްބަރުން ސޮއިކޮށް ހުށަހެޅުމުން އެ މަސައްކަތް ކުރިއަށް ގެންދާނަން،" ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް ރައީސް ނަޝީދު ވާހަކަ ދައްކަވަނީ --- ފައިލް ފޮޓޯ/ މަޖިލިސް

މަޖިލިސް ގަވައިދު ބުނާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް ބޭނުން ވަނީ 10 މެމްބަރުންގެ ސޮއެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އައުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.

އިމްރާން މަގާމުން ވަކިކުރުމަށް އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދީމ ސަފާރީގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ މައްސަލައިގައި، އެކަމަކީ އަދައިގެ ކަމެއް ކަމަށް ސިފަވާގޮތަށް އޭނާ ވާހަކަ ދެއްކުމުންނާއި މަޖިލީހަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެވެ.

މަޖިލީހުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ތިއްބަވަނީ ނުވަ މެމްބަރުންނެވެެ. އެ ކޯލިޝަންގެ މެންބަރުންގެ އިތުރުން ދެން އެ މައްސަލައިގައި ސޮއިކުރެއްވީ އަމިއްލަ ދެ މެމްބަރުންކަމަށްވާ، ވިލިމާލެ ދާއިރާ މެމްބަރު އަހްމަދު އުޝާމް އާއި ތުލުސްދޫ ދާއިރާ މެމްބަރު އިބްރާހިމް ނަސީމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް