އެމެރިކާގެ ރިޔާސީ އިންތިހާބުގައި 58.6 މިލިއަން މީހުން ވޯޓުލައިފި

އެމެރިކާގެ ރިޔާސީ އިންތިހާބުގެ އާލީ ވޯޓިންގައި 58 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓުލާފައި -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (އޮކްޓޯބަރު 26): އެމެރިކާގެ ރިޔާސީ އިންތިހާބުގައި ދުރާލާ ވޯޓު ލާން ހުޅުވާލާފައިވާ ފުރުސަތުގައި މިހާތަނަށް 58.6 މިލިއަން މީހުން ވޯޓުލައިފި ކަމަށް އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓުކޮށްފި އެވެ.

އެމެރިކާގައި އަންނަ އަންގާރަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އިންތިހާބުގައި 'އާލީ ވޯޓިން' ހުޅުވާލީ އެކި ސްޓޭޓުތަކުގައި އެކި ދުވަސްތަކުގަ އެވެ. އޭގެ ތެރެއިން ބައެއް ސްޓޭޓުތަކުން ވަނީ މިދިޔަ މަހު އާލީ ވޯޓިން ފަށާފަ އެވެ. އަދި އެކި ސްޓޭޓުތަކުން އާލީ ވޯޓިން ނިންމާލާނީ ވެސް ތަފާތު ދުވަސްތަކުގައި ކަމަށްވާ އިރު ބައެއް ސަރަހައްދުތަކުގައި އަންނަ ހޯމަ ދުވަހާ ޖެހެންދެން އާލީ ވޯޓިންގައި ބައިވެރިވެވޭނެ އެވެ.

އެސޯސިއޭޓެޑް ޕްރެސް އިން ރިޕޯޓު ކުރި ގޮތުގައި އެމެރިކާގައި މިހާތަނަށް 58.6 މިލިއަން މީހުން ވަނީ ވޯޓު ދީފަ އެވެ. އެއާ އަޅާ ބަލާއިރު 2016 ވަނަ އަހަރު އާލީ ވޯޓިންގައި ބައިވެރިވި ޖުމްލަ އަދަދަކީ 58 މިލިއަން މީހުންނެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ ޔޫއެސް އިލެކްޝަންސް ޕްރޮޖެކްޓުން ބުނާ ގޮތުގައި މިއަހަރު އެގައުމުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 240 މިލިއަނާ ގާތް ކުރެ އެވެ.

އެމެރިކާއިން ރިޔާސީ އިންތިހާބަށް ތައްޔާރު ވަމުންދާ އިރު އެގައުމަކީ މިހާރު ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެގޮތުން އެގައުމުގައި މިހާތަނަށް އަށް މިލިއަނަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 225،000 މީހުން ވަނީ މަރުވެފަ އެވެ.

އެ އިންތިހާބުގައި މިހާރުގެ ރައީސް އަދި ރިޕަބްލިކަން ކެންޑިޑޭޓު ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރެއް ކާމިޔާބު ކުރައްވަން މަސައްކަތް ކުރައްވާ އިރު އޭނާއާ އެންމެ ގާތުން ވާދަ ކުރައްވަނީ ކުރީގެ ނައިބު ރައީސް އަދި ޑިމޮކްރެޓިކް ކެންޑިޑޭޓު ޖޯ ބައިޑެން އެވެ. އަދި ގައުމީ ހިޔާލު ހޯދުމުގެ ވޯޓުތަކުން މިހާރު ދައްކާ ގޮތުގައި ބައިޑެންއަށް ތާއިދު ކުރާ މީހުންގެ އަދަދު 51 ޕަސެންޓަށް އަރާ އިރު ޓްރަމްޕަށް ތާއިދު ކުރަނީ 43 ޕަސެންޓު މީހުންނެވެ.

comment ކޮމެންޓް