ގައުމީ ޓީމުން ރިޓަޔާ ކުރި ކަމަށް ބުނާ ހަބަރު ޕޮގުބާ ދޮގުކޮށްފި

ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ -- ފޮޓޯ: ސްކައިސްޕޯޓްސް

އުމުގެ ރައީސް އިމާނުއެލް މެކްރޯން އިސްލާމް ދީނަށް ދެމުން ގެންދަވާ ހަމަލާތަކާ ގުޅިގެން އެގައުމުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޕޯލް ޕޮގްބާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާ ކަމަށް ދެކެވޭ ވާހަކަ ޕޮގްބާ ދޮގުކޮށްފި އެވެ.

ޕޮގްބާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އޭނާ، އަދި ފްރާންސްގެ ގައުމީ ޓީމުން ވެސް ރަސްމީކޮށް އިއުލާންކޮށްފައި ނުވި ނަމަވެސް އޭނާ އިއްޔެގެ ވަގުތެެއްގައި ކުޅުން ހުއްޓާލަން ނިންމާފައިވާކަމަށް މެދު އިރުމަތީގެ ގިނަ ރިޕޯޓްތަކަކުން ވަނީ ބުނެފަ އެވެ. އަދި އެ ޙަބަރު ޔޫރޮޕުގެ މަޝްހޫރު ނޫހެއް ކަމަށްވާ "ދަ ސަން" އިން ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ.

ނަމަވެސް އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އަދި ވިސްނުމުގައި ނެތް ކަމަށް ޕޮގްބާ ވަނީ ބުނެފަ އެވެ. އަދި އެފަދަ ދޮގު ޙަބަރުތަކެއް އޭނާއާ ގުޅުވައިގެން ފެތުރުމުން ލިބުނީ ޝޮކެއް ކަމަށާއި، އެކަމާ ހިތްހަމަނުޖެހިފައި ހުރެ ހަރުކަށި އިބާރާތުން އެކަން ކުރި ފަރާތްތައް ކުއްވެރިކުރާ ކަމަށް ވެސް ޕޮގްބާ ބުންޏެވެ.

ރަސޫލާއަށް ޖޯކުޖަހާ ކާޓޫން ޝާއިޢު ކުރުމަށް ހިއްވަރު ދިނުމުގެ އިތުރުން ފަރަންސޭސި ރައީސް މެކްރޯންވަނީ އިސްލާމްދީނަކީ ޓެރަރިޒަމަށް ހިއްވަރުދޭ އަދި ޓެރަރިސްޓުން އުފައްދާ ދީނެއްކަމަށް ސިފަކުރައްވައި އިސްލާމްދީން އިސްލާހުކުރުމަށްވެސް ލަދުވެތިކަމެއްނެތި ފާޅުގައި ގޮވާލައްވާފައެވެ. މި ނާތަހުޒީބީ އަމަލާ ގުޅިގެން ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނީ ފްރާންސް ގައުމީ ޓީމަށް ނިސްބަތްވާ ބައެއް ކުޅުންތެރިން ރައީސް މެކްރޮންގެ ވާހަކަތަކާ ހިތްހަމަނުޖެހިފައިވާ ކަމަށެވެ.

އެކަމަކު އެކަމާ ވިދިގެން އެއްވެސް ކުޅުންތެރިއަކު ކުޅުން ހުއްޓާނުލައި ކަމަށާއި، އެ ޙަބަރު އެގޮތަށް ފެތުރި ފަރާތްތަކާ މެދު ލީގަލް ފިޔަވަޅު އަޅާނެ ކަމަށް ޕޮގްބާ ވަނީ ބުނެފަ އެވެ.

ފްރާންސްްގެ ގައުމީ ޓީމަށް 72 މެޗު ކުޅެދީފައިވާ 27 އަހަރުގެ މިޑްފީލްޑަރު ޕޮގްބާ ވަނީ، އެ ޓީމަށް 10 ގޯލު ޖަހައިދީފަ އެވެ. އޭގެ ތެރޭގައި 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ވޯލްޑްކަޕުގެ ފައިނަލުގައި ޖެހި ގޯލު ވެސް ހިމެނޭ އިރު، ޕޮގްބާ އަކީ ގަވާއިދުން އެ ޓީމުން ޖާގަ ހޯދަމުން އަންނަ ކުޅުންތެރިއެކެވެ.

comment ކޮމެންޓް