ތައުލީމު ބިލު ފާސްކޮށްފި: މެމްބަރުންގެ އިސްލާހުތައް ނުހިމެނި ނަމަވެސް ވޯޓުދިން

ތައުލީމު ބިލަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ފާހަގަކުރި ބައެއް މެމްބަރުން: އެ އިސްލާހުތައް ނުގެނައި ނަމަވެސް ބިލަށް ވޯޓުދިން —-

ތައުލީމާ ބެހޭ ބިލު ގިނަ ދުވަސްތަކެއް ވަންދެން މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީގައި ދިރާސާ ކުރުމަށް ފަހު މާ ބޮޑު ބަދަލުތަކެއް ނުގެނެސް މިއަދު ބިލު ފާސްކޮށްފި އެވެ.

މިއަދު އެ ބިލު ފާސްކޮށްފައި ވަނީ 55 މެމްބަރުންގެ ވޯޓާ އެކު އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދީފައި ނުވާއިރު ވޯޓުގައި 18 މެމްބަރުން ބައިވެރި ނުވެ އެވެ.

މަޖިލީހުން މިއަދު ބިލު ފާސްކުރިއިރު ތައުލީމީ ދާއިރާގެ ގިނަ މީހުންގެ ކަންބޮޑުވުންތަކަށްވެސް ހައްލެއް ގެނެސްދީފައެއް ނުވެ އެވެ. އަދި ބިލު ހުށަހަޅައިގެން މަޖިލީހުގެ ތަޅުމުގައި މެމްބަރުން ފާޅުކުރި ކަންބޮޑުވުންތަކަށްވެސް ހައްލެއް ނުގެނެސްދެ އެވެ. ބިލުގައި ބޮޑަށް އިސްލާހު ކޮށްފައިވަނީ ބަހެއް ނުވަތަ އަކުރެއްގައި މައްސަލައެއް އުޅޭ ނަމަ އެކަމެވެ.

ކޮމިޓީއިން ގެނައީ ކޮން ބަދަލުތަކެއް!؟

ޖުމްލަ 10 ބާބު 47 މާއްދާގެ މައްޗަށް އެކުލެވޭ އެ ބިލަށް ކޮމިޓީއިން ގެނެސްފައިވަނީ މައިގަނޑު 21 އިސްލާހެކެވެ. އިސްލާހުތަކުގެ ތެރޭގައި ބޮޑަށް ހިމެނެނީ މާއްދާތަކުގެ ވަކި ވަކި އަކުރުތަކަށް ގެނެސްފައިވާ އިސްލާހުތަކެވެ.

ތައުލީމު ބިލު ދިރާސާ ކުރަން 15 ބައްދަލުވުމެއް ބާއްވައި 19 ގަޑިއިރު މެމްބަރުން ހޭދަކުރި ކަމަށް ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.

ކޮމިޓީއިން ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި މުދައްރިސުން ރެޖިސްޓްރީކޮށް ލައިސަންސް ދިނުމަށް ފަސް މެމްބަރުންގެ ބޯޑެއް އެކުލަވާލުމާއި އެޑިއެކޭޝަން މިނިސްޓްރީގެ ދަށުން އެކުލަވާލާ އެ ބޯޑުގައި ހިމެނެންވީ ދާއިރާތަކުގެ މީހުން ކަނޑައެޅުން ހިމެނެ އެވެ.

އޭގެ އިތުރުން ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަށް ބަދަލުގެނެސްފައިވެ އެވެ. އަދި ރެޖިސްޓްރީ ނުކޮށް ނުހިންގޭނެ ތައުލީމު ދޭ ތަންތަނުގެ ތެރެއަށް ގުރުއާން ކްލާސްތައް ހިމަނަން ބަދަލު ގެނެސްފައިވެ އެވެ.

އޭގެ އިތުރުން ތައުލީމީ ނިޒާމުގައި ހިމެނެންޖެހޭ ކަންކަމުގެ އުސޫލީ ބައެއް ބަދަލުތަކުގެ ވާހަކަ ބަދަލުތަކުގެ ތެރޭގައި ހިމަނާފައިވެ އެވެ.

ކަންބޮޑުވުންތަކަށް ހައްލު ލިބުންތަ؟

ތައުލީމު ބިލަކީ އެބިލު މަޖިލީހަށް ހުށަހަޅައި އިބްތިދާއީ ބަހުސް މަރުހަލާގައިވެސް މަޖިލީހުގެ މެމްބަރުން ބޮޑެތި އިސްލާހުތަކެއް ގެންނަންޖެހޭ ބިލެއްގެ ގޮތުގައި ފާހަގަކުރި ބިލެކެވެ. އެގޮތުން ބިލުގައި ހުރި ހަމަނުޖެހޭ ކަންކަމާއި ބިލުގައި ހިމަނާފައި ހުރި ބައެއް ކަންކަމުގެ ސަބަބުން ތައުލީމީ ނިޒާމަށް އަންނާނެ ދަތިތަކުގެ ވާހަކަ މެމްބަރުން ފާހަގަ ކުރި އެވެ.

މީގެ ކުރިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި މިހާރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރެޖިސްޓްރީ ނުކޮށް ޓީޗަރުންނަށް މަސައްކަތް ނުކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވާއިރު ހުރިހާ ފަންނެއްގެ މީހުންނަކީ ޓީޗަރުން ނޫން ކަމަށެވެ. އެހެން ނަމަވެސް، ބައެއް ފަންނުތައް ދަސްކޮށް ދިނުމަށް ސުކޫލަތަކަށް ބައެއް ފަރާތްތަކުން ދާން ޖެހޭ ކަމަށާއި އެހެންވެ އެއަށް ޖާގަ ލިބޭގޮތަށް ބިލު އިސްލާހު ކުރަން ޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"އެ މީހުންނަކީ އަޅުގަނޑުމެންނަށް ސްކޫލުތަކުގައި ކުދިންނަށް ފަންނު ދަސްކޮށްދިނުމަށް ހަމަ ވަރަށް މުހިންމު ވަސީލަތްތަކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ބައެއް. އެހެންވީމާ، މި ބިލުގެ ތެރެއިން، ފަންނީ މަސައްކަތް ދަސްކޮށްދޭ މީހުންނަށް ސްކޫލުތަކުގައި ގޮސް އެކަން ކޮށްދެވޭނެ އިންތިޒާމެއް ހަމަޖެހިގެންދާނެ ގޮތަކަށް ބިލު ބައްޓަންކުރުމަކީ އަޅުގަނޑު ދަންނަވާނީ ވަރަށްމުހިންމު ކަމެކޭ،" ތައުލީމު ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ރޮޒައިނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް، ތައުލީމު ބިލު ދިރާސާކޮށް ނިމުނުއިރު އެކަމަށް ހައްލެއް ހޯދައިދީފައެއް ނުވެ އެވެ. ޓީޗަރުން ގޮތުގައި ރެޖިސްޓްރީކޮށްގެން ނޫނީ ސުކޫލުތަކުގައި ކިޔަވައި ނުދެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. މިއަދު އެ ބިލު ފާސްކުރި އިރު މެމްބަރު ރޮޒައިނާ އާދަމް މަޖިލީހަށް ވަޑައެއް ނުގަންނަވަ އެވެ.

އެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ތައުލީމު ބިލުގެ 14 ވަނަ މާއްދާގައި މަޖުބޫރު ތައުލީމު ހަތަރު އަހަރާއި 16 އަހަރާއި ދެމެދުގެ ކޮންމެ ކުއްޖަކަށް ލާޒިމުވާނެ ކަމަށް ބުނެފައިވީ ނަމަވެސް އެކަން ނުކުރާ ބެލެނިވެރިންނާ ދޭތެރޭ އަޅާނެ ފިޔަވަޅެއް ބިލުގައި ހިމަނަން ޖެހޭ ކަމަށެވެ.

"އެހެންނަމަވެސް އެކަން ނުކުރާ ބެލެނިވެރިންނާ ދޭތެރޭގައި އެޅޭނމެ ފިޔަވަޅުގެ ވާހަކައެއް މިއަކު ނެތް. އިއްޒަތްތެރި ރައީސް. އަޅުގަނޑު ހިތުން އެއީ ވަރަށް މުހިންމު ކަމެއް. ކަމެއް ލާޒިމުކޮށްފައި އެކަން ނުކުރީމާ ދެން ވާނެ ގޮތް އެއީ، ބިލުގެ ނުވަތަ ގާނޫނުން ހަދާގަވާއިދުތައް ދޫކޮށްލުމުގެ ބަދަލުގައި ގާނޫނުގައި ކަނޑައެޅިފައި އޮތުން." މެމްބަރު ހަސަން ލަތީފު ވިދާޅުވެފައިވެ އެވެ.

ނަމަވެސް ބިލު ކޮމިޓީއިން ދިރާސާކޮށް ނިންމައި މިއަދު ތަޅުމުން ފާސްކުރި އިރުވެސް އެ ކަންބޮޑުވުމަށް ހައްލެއް ހޯދައިދީފައެއް ނުވެ އެވެ. ކަންބޮޑުވުމަށް ހައްލު ނުގެނައި ނަމަވެސް ހަސަން ލަތީފު ވަނީ އެ ބިލަށް ވޯޓު ދެއްވާފަ އެވެ.

އޭގެ އިތުރުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ފާހަގަ ކުރެއްވި ކަންކަމަށްވެސް ބިލުގައި ހައްލު ހޯދައިދީފައެއް ނުވެ އެވެ. ހިސާން ވިދާޅުވީ ރާއްޖޭގައި ސުކޫލު ނެތް ރަށްރަށާއި އަދި ވަކި ގްރޭޑަކުން މަތިވުމުން ކިޔެވޭނެ ގޮތް ނެތް ރަށްރަށްވެސް ހިމެނޭ ކަމަށާއި އެހެންވީމަ އެ ރަށްރަށުގެ ކުދިންނަށް ވާންވީ ކިހިނެތްކަން ތައުލީމުގެ ބިލުން އެނގެން ޖެހޭ ކަމަށެވެ.

ހިސާން ވިދާޅުވީ އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާއި ދެމެދުގެ ކުދިންނަށް ތައުލީމު ލާޒިމު ކުރާއިރު ރާއްޖޭގެ ބައެއް ރަށްރަށުގައި ސުކޫލު ނެތް ކަމަށެވެ. އަދި ބައެއް ރަށްރަށަކީ އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާއި ހަމައަށް ތައުލީމު އުނގަންނައި ދޭނެ ސުކޫލުތައް ނެތް ރަށްރަށް ކަމަށްވެސް ހިސާން ވިދާޅުވި އެވެ. ނަމަވެސް ހިސާންގެ އެ ކަންބޮޑުުވުމަށްވެސް ބިލުން ހައްލެއް ހޯދައި ދީފައެއް ނުވެ އެވެ. އެކަމަށް ހައްލެއް ހޯދައި ނުދިނަސް ހިސާންވެސް ވޯޓި ދެއްވީ އެ ބިލު ފާސްކުރާށެވެ.

comment ކޮމެންޓް