އިންޑޯ ޕެސިފިކްގައި އެމެރިކާގެ އަމާޒަކީ ޗައިނާއާ ކުރިމަތިލުމަށް ސަރަހައްދުގެ ގައުމުތަކުގެ ބޭނުންހިފުން

ޕޮމްޕެއޯ އިންޑިއާގެ ޚާރިޖީ ވަޒީރު ޖަޔަޝަންކަރު އާ ބައްދަލުކުރައްވަނީ

އިންޑިއާއާއެކު ދިފާއީ އަދި ޖާސޫސީ މައުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ޓަކައި އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި ދިފާއީ ވަޒީރު މާކް އެސްޕާ މިއަދުވަނީ އިންޑިއާއަށް ވަޑައިގެންފައެވެ.

ޕޮމްޕެއޯ އާއި ދިފާއީ ވަޒީރު މާކް އެސްޕާ ގެ މިދަތުރުފުޅުގައި އެދެބޭފުޅުން އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖަޔަޝަންކަރާއި ދިފާއީ ވަޒީރު ރާޖުނާތު ސިންހް އާ ބައްދަލުކުރައްވާނެއެވެ. އެދެބޭފުޅުންގެ މިދަތުރުފުޅަކީ އިންޑޯ ޕެސިފިކް ސަރަހައްދުގައިވާ އެމެރިކާގެ މަސްލަހަތުތަށް ހިމާޔަތް ކުރުމާބެހޭގޮތުންނާއި ޗައިނާގެ ނުފޫޒާ ދެކޮޅަށް މިސަރަހައްދު އެމެރިކާ ގެންގުޅޭ ސްޓްރެޓެޖީއަށް އިންޑިއާގެ އެއްބާރުލުން ހޯދުމާބެހޭގޮތުން އިންޑިއާއާ މަޝްވަރާ ކުރެއްވުމަށާ އަދި ޖާސޫސީ މައުލޫމާތު ބަދަލުކުރުމާބެހޭ އެއްބަސްވުމެއްގައި އިންޑިއާއާއެކު ސޮއިކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ. މާދަމާގެ ވަގުތެއްގައި ޕޮމްޕެއޯ އާއި އެސްޕާ އިންޑިއާގެ ބޮޑުވަޒީރު ނަރަންދްރަ މޯދީއާއިވެސް ބައްދަލުކުރައްވާނެއެވެ.

އިންޑިއާއަށް ކުރައްވާ މިދަތުރުފުޅަށްފަހު ޕޮމްޕެއޯ ސްރީލަންކާއަށާއި ދިވެހިރާއްޖެ އަދި އިންޑޮނީޝިއާއަށް ޒިޔާރަތް ކުރައްވާގޮތަށްވަނީ ހަމަޖެހިފައެވެ. ނަމަވެސް މިގައުމުތަކަށް ޕޮމްޕެއޯ ކުރައްވާ ދަތުރުފުޅުގައި އެސްޕާ ބައިވެރިވެ ވަޑައިނުގަންނަވާނެއެވެ.

އެމެރިކާ އިންޑިއާއާއެކު އަސްކަރީ އިތުރު އެއްބަސްވުމެއްގައި ސޮއިކުރަނީ

އިންޑިއާއާއެކު އެމެރިކާ ސޮއިކުރާ ދިފާއީ އެއްބަސްވުމަކީ "ބޭސިކް އެކްސްޗޭންޖް އެންޑް ކޯޕަރޭޝަން އެގްރީމަންޓް" (ބެކާ) ނަމަކަށްކިޔާ އެއްބަސްވުމެކެވެ. މިއެއްބަސްވުމުގައި އިންޑިއާއާއެކު ސޮއިކުރަން އެމެރިކާ މަސައްކަތްކުރާތާ ދެއަހަރެއްހާ ދުވަސްވަނީ ވެފައެވެ.

އެމެރިކާގެ ދިފާއީ ވަޒީރު އިންޑިއާގެ ދިފާއީ ވަޒީރާ ބައްދަލުކުރައްވަނީ

މިއެއްބަސްވުން މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ޖިއޯ ސްޕެޝަލް އިންޓެލިޖެންސް ނުވަތަ ޖިއޮގްރަފިކަލް ގޮތުން ގައުމު އޮންނަ ލޮކޭޝަނުން ޖާސޫސީ މައުލޫމާތު (އެއަރޯނޮޓިކަލް ޑޭޓާ) ފޯރުކޮށްދިނުމުގެ މައްޗަށެވެ. މީގެއިތުރުން އަސްކަރީ ކަންކަމަށް ބޭނުންވާ ޗާޓުތަކާ، ސެޓެލައިޓް ފޮޓޯތަށް އެއްގައުމު އަނެއް ގައުމާ ހިއްސާކުރުމާއި ޖާސޫސީ މަތިންދާބޯޓުތަކާއި ޑްރޯންފަދަ ތަކެތި ވައިގެ ތެރޭގައި އުދުހިގެން ހޯދާ މައުލޫމާތު ހިއްސާކުރުންވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.

އެެމެރިކާގެ މައިގަނޑު ބޭނުން

އެމެރިކާގެ ހާރިޖީ ވަޒީރުގެ އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި ރަޝިއާގެ ހަތިޔާރަށް އިންޑިއާ ޒަމާނުއްސުރެ ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމާއި އަސްކަރީ ގޮތުން އިންޑިއާ ރަޝިއާ ގާތްވެފައިވާ ގާތްވުމުންވެސް އިންޑިއާ ދުރުކުރެވޭތޯ ބެލުން ހިމެނެއެވެ. މީގެއިތުރުން އިންޑޯ ޕެސިފިކް ސަރަހައްދުގައި ޗައިނާއާ ދެކޮޅަށް އެމެރިކާ ހިންގަމުން ގެންދާ ޖާސޫސީ އަދި ޑިޕްލޮމެޓިކް ހަރަކާތްތަކުގެ މައިގަނޑު ބައިވެރިއަކަށް އިންޑިއާ ހެދުމަކީވެސް އެމެރިކާގެ ބޭނުމެކެވެ.

އިންޑޯ ޕެސިފިކް ސަރަހައްދުގައި އެމެރިކާއިން ޗައިނާއާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގެ ދަށުން އިންޑިއާ، ޖަޕާން، އޮސްޓްރޭލިއާ ހިމެނޭގޮތަށް އެމެރިކާ ވަނީ ކުއެޑް ގްރޫޕްގެ ނަމުގައި އެލަޔަންސެއް ދާދިފަހުން އުފައްދާފައެވެ. މި ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ފުރަތަމަ ބައްދަލުވުން މިމަހުގެ ކުރީކޮޅު އެމެރިކާގެ ޚާރިޖީ ވަޒީރު އިސްކޮށް ހުންނަވައިގެން ޓޯކިޔޯގައިވަނީ ބާއްވާފައެވެ.

ޗައިނާގެ އިގްތިސާދުވަނީ އެމެރިކާގެ އިގްތިސާދަށްވުރެ ކުރިއަރާފައި

ޗައިނާ ގެ އިގްތިސާދު އެމެރިކާގެ އިގްތިސާދަށްވުރެ މިހާރު ކުރިއަރާފައިވާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިންނާއި އެނޫންވެސް ބައިނަލްއަގްވާމީ މާލީ މުއައްސަސާތަކުން މިހާރު ދެކޭއިރު ޗައިނާގެ އިގްތިސާދާ ފައިހަމަކުރުމުގެ ގާބިލްކަން އެމެރިކާގެ ކިބާގައި މިހާރުނެތެވެ. އައިއެމްއެފް ބުނާގޮތުން ޗައިނާގެ ހަގީގީ ޖީޑީޕީ އަކީ 24 ޓްރިލިޔަން ޑޮލަރެވެ. އަދި އެމެރިކާގެ ހަގީގީ ޖީޑީޕީ އަކީ 20 ޓްރިލިޔަން ޑޮލަރެވެ. ދުނިޔޭގެ އެއްވަނަ އިގްތިސާދުގެ ގޮތުގައި އެމެރިކާ ބެލިފައިވަނީ ޖީޑީޕީ ކަލްކިއުލޭޓްކުރާ ބޯދާ ގޮތަކުން ކަމަށް އައިއެމްއެފް ބުނެއެވެ.

ޗައިނާއަށްވުރެ އެމެރިކާގެ އިގްތިސާދު ބަލިކަށިވާ ސަބަބުތަށް

އިގްތިސާދީގޮތުން ޗައިނާއަށްވުރެ އެމެރިކާ ބަލިކަށިވުމަށް މަގުފަހިވާ ގިނަ ސަބަބުތަކެއްވެއެވެ، އޭގެތެރޭގައި އެމެރިކާގެ ވޯކްފޯސްއަށްވުރެ ޗައިނާގެ ވޯކްފޯސް އެތަށް ގުނައެއް ބޮޑުވުމާއި (އެމެރިކާގެ ވޯކްފޯސްއަކީ 150 މިލިޔަން، ޗައިނާގެ ވޯކްފޯސްއަކީ 800 މިލިޔަން) އެމެރިކާ ކުރިން މޮނޮޕޮލީ ކޮށްގެންއުޅޭ ހައިޓެކް ސިނާއަތްތަށްވެސް ޗައިނާ މިހާރު އުފައްދަން ފެށުމާއި އެމެރިކާއަށްވުރެ މާބޮޑަށް އަގުހެޔޮކޮށް ހުރިހާ އެއްޗެއް އުފެއްދުމުގެ ގާބިލްކަން ޗައިނާއަށް ލިބިފައިވުން ހިމެނެއެވެ.

އެމެރިކާގެ ބަލިފަޔަކީ އަސްކަރީ އިސްރާފު ބޮޑުވުން

މުޅި ދުނިޔެއަށް ބޭނުންވާ މިންވަރަށް ތަކެތި އުފެއްދުމުގެ ގާބިލްކަން ޗައިނާގައި ހުރިއިރު މިހާ ގިނައަދަދަކަށް ބަލްކްކޮށް ތަކެތި އުފެއްދުމުގެ ގާބިލްކަން އެމެރިކާގެ ކިބާއި ނެތުމަކީ ޗައިނާއާ ފައި ހަމަކުރަން އެމެރިކާ ނުކުޅެދޭ ސަބަބެކެވެ.

އިންޑިއާ ކަނޑުގެ ޗާގޯސް އައިލެންޑްސް ގައި އޮންނަ އެެމެރިކާގެ ޑިއެގޯގާސިއާ އަސްކަރީ ބޭސް

މީގެއިތުރުން ދުނިޔޭގައި ހަންފެތުރުމަށްޓަކައި އެމެރިކާއިން 800 އަސްކަރީ ބޭސް ދުނިޔޭގެ އެކި ގައުމުތަކުގައި ބިނާކޮށް އަސްކަރީ ކަންކަމަށް އަހަރެއްގެ މައްޗަށް 750 ބިލިޔަން ޑޮލަރު އެމެރިކާ ޚަރަދުކުރާއިރު ޗައިނާއަކީ އަސްކަރީ ކަންކަމަށް މިއާ ގާތަށްވެސް ޚަރަދުކުރާ އަދި ޚަރަދުކުރަން ބޭނުންވާ ގައުމެއްވެސް ނޫނެވެ. އެމެރިކާ ދުނިޔޭގައި އަދާކުރާ އަގުބޮޑު ފުލުހެއްގެ ބައި އަދާކުރަން ޗައިނާ ބޭނުމެއްނުވެއެވެ.

ޗައިނާ އެގައުމުން ބޭރުގައި ގާއިމްކޮށްފައިވަނީ އެންމެ އަސްކަރީ ބޭހެކެވެ. އެއީ ރަތްކަނޑުގެ އައްސޭރި ފަށުގައި އޮންނަ އެފްރިކާގެ ގައުމެއް ކަމަށްވާ ޖިބޫތީ ގައެވެ. ޗައިނާގެ އަސްކަރީ ބަޖެޓަކީ ގާތްގަނޑަކަށް 250 ބިލިޔަން ޑޮލަރެވެ. ޗައިނާއާ އިގްތިސާދީ ގޮތުން ވާދަކުރަން އެމެރިކާ ނުކުޅެދޭތީ އެމެރިކާވަނީ ފިނި ހަނގުރާމައެއްގެ އުސޫލުން ޗައިނާއާ ދިމާކުރަން ފަށާފައެވެ. މި ފިނި ހަނގުރާމައިގެ އަސާސަކީ އިންޑިއާ، ޖަޕާން، އޮސްޓްރޭލިއާ ހިމެނޭގޮތަށް އެމެރިކާ ދާދިފަހުން އެކުލަވާލި ކުއެޑް ގްރޫޕެވެ.

އިންޑިއާއަކީ މިހާރު އެމެރިކާގެ ދިފާއީ ބައިވެރިއެއް

ޗައިނާ އާ ކުރިމަތި ލުމަށްޓަކައި އެމެރިކާއިން އެގައުމުގެ ދިފާއީ ބައިވެރިއެއްގެ ގޮތުގައި އިންޑިއާ ކަނޑައެޅީ ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި 2016 ވަނަ އަހަރުގައެވެ. އެއަށްފަހު އެމެރިކާ ގެންދަނީ ރަޝިއާގެ ހަތިޔާރުގެ ބަދަލުގައި އެމެރިކާގެ ހަތިޔާރަށް ބަރޯސާވުމަށް އިންޑިއާއަށް އެތަށް ގޮތަކުން ބާރުއަޅަމުންނެވެ. ނަމަވެސް 2017 ވަނައަހަރު އިންޑިއާއިންވަނީ ރަޝިއާގައި އުފައްދާ މަތީފެންވަރުގެ ދިފާއީ ނިޒާމުކަމަށްވާ އެސް 400 މަރުކާގެ ނިޒާމު އެމެރިކާގެ ރުހުމާ ދެކޮޅަށް ގަނެފައެވެ. މާދަމާ އެމެރިކާ އިންޑިއާއެކު ސޮއިކުރާ "ބެކާ" އެއްބަސްވުމުގެ އިތުރުން އެމެރިކާވަނީ 2016 ވަނަ އަހަރު "ލެމޯއާ" ނަމަކަށްކިޔާ ދިފާއީ އިތުބާރާބެހޭ އެއްބަސްވުމެއްގައިވެސް އިންޑިއާއާއެކު ސޮއިކޮށްފައެވެ. އެއަށްފަހު އެމެރިކާވަނީ "ކޮމްކާސާ" ނަމަކަށްކިޔާ އަސްކަރީ އެއްބަސްވުމެއްގައިވެސް 2018 ވަނައަހަރު އިންޑިއާއާއެކު ސޮއިކޮށްފައެވެ.

ޗައިނާއާ ދެކޮޅަށް އެމެރިކާ ހިންގަން ބޭނުންވަނީ ޒާތެއްގެ ފިނި ހަނގުރާމައެއް

އިންޑިއާއަށްފަހު ސްރީލަންކާއަށާއި ދިވެހިރާއްޖެއަށް އަދި އެއަށްފަހު އިންޑޮނީޝިއާއަށް ޕޮމްޕެއޯ ވަޑައިގަތުމަށް ހަމަޖެހިފައިވަނީވެސް ޗައިނާގެ ނުފޫޒާ ދެކޮޅަށް މިސަރަހައްދު އެމެރިކާ ހިންގަން ބޭނުންވާ ފިނި ހަނގުރާމައިގެ ސްޓައިލްގެ ހަރަކާތްތަކުގައި އެމެރިކާ ކޮޅަށް ޖެހުމަށް މިގައުތަކަށް ފިއްތުންތަށް ކުރިމަތި ކުރުމަށެވެ. އެކަމުގައި މިގައުމުތަކުގެ އެއްބާރުލުން އެމެރިކާއަށް ލިބޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށެވެ. އަދި ޗައިނާއާ ދުރަށްދިޔުމަށް ބާރުއެޅުމަށެވެ.

ނަމަވެސް މިގައުމުތަކުގެ ތަރައްގީއަށް ޗައިނާއިން އެތަށް ބިލިޔަން ޑޮލަރެއް ހިލޭއެހީގެ ގޮތުގައާއި ލޯނުގެ ގޮތުގައި ޚަރަދުކޮށްފައިވާއިރު އެމެރިކާއަކީ އަސްކަރީ ކަންކަންފިޔަވައި އެހެންކަންކަމުގައި ގައުމުތަކަށް މާބޮޑު އެހީއެއްދޭ ގައުމެއް ނޫނެވެ. އެެމެރިކާގެ އަސްކަރީ ބޭނުންތަށް ފުދުމުން އެގައުމެއްގެ ބޭނުން އެމެރިކާއަށް ކެނޑުނީއެވެ.

ގައުމުތަށް ބޭނުންވަނީ އަސްކަރީ އެހީއެއްނޫން އިގްތިސާދީ އެހީ

މިއަދު ގައުމުތަށް ބޭނުންވަނީ އަސްކަރީ އެހީއެއްނޫނެވެ. އިގްތިސާދީ އެހީއެވެ. އިގްތިސާދީ އެހީ ހޯދަންބަލާއިރު އެމެރިކާގެ ކޮންޓްރޯލް އޮންނަ ވޯލްޑް ބޭންކަކީ ވަރަށް ކުދިކުދި ލޯނުތަށް ވަރަށް ބޮޑެތި ޝަރުތުތަކާއެކު ވަރަށް ދިގު އަދި ދަތި ޕްރޮސީޖާ އެއްގެ ތެރެއިން ނޫނީ ނުދޭ ތަނެކެވެ. ޗައިނާއަކީ ވަރަށް ބޮޑެތި އަދަދުތަކުން ކުޑަ އިންޓްރަސްޓަކާއެކު ބޮޑެތި ލޯނުތަކެއް ގައުމުތަކަށް ދޭ ގައުމެކެވެ.

ޗައިނާގެ އެހީގައި ސްރީލަންކާއިން ތަރައްގީކުރާ އުންމީދީ މަޝްރޫއެއް ކަަމަށްވާ ކޮލަންބޯ ޕޯޓް ސިޓީގެ ކުރެހުމެއް

ޕޮމްޕެއޯ ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގައި މަސައްކަތް ކުރައްވާނީ ސްރީލަންކާއިން ޗައިނާއެކު ބާއްވާ ގުޅުންތަށް އަލުން މުރާޖާކޮށް އެގުޅުންތަށް ކުޑަކޮށް ޗައިނާއިން ސްރީލަންކާގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށްދޭ ލޯންއެހީއަކީ ދަންތުރައެއް ކަން އެގައުމަށް ބަޔާންކޮށްދިނުމަށެވެ. ޗައިނާގެ ބަދަލުގައި އެމެރިކާގެ ބާރު ހިނގާ ވޯލްޑް ބޭންކާއި އައިއެމްއެފް އިން ލޯނު ނެގުމަށް ސްރީލަންކާއަށް ބާރުއެޅުމަށެވެ. ނަމަވެސް ސްރީލަންކާގެ ނޫސްތަށް ބުނާގޮތުން މިކަންކަމުގައި ސްރީލަންކާ ސަރުކާރުންވަނީ އެމެރިކާގެ ޚާރިޖީ ވަޒީރަށް ނޫނެކޭ ބުނުމަށް ނިންމާފައެވެ.

އެމެރިކާއަށް ފާޅުގައި ނޫނެކޭ ބުނަން ސްރީލަންކާވަނީ ނިންމާފައި

ޗައިނާއާ މުއާމަލާތް ކުރުމުގައި ސްރީލަންކާ ސަރުކާރުން އަމަލުކުރަން ޖެހޭގޮތް އެމެރިކާވެސް އަދި އެހެން ގައުމަކުންވެސް ބުނެދޭން ނުޖެހޭނެކަން ސްރީލަންކާގެ ޚާރިޖީ ވަޒީރު އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯއަށް ވަރަށް ސަރީހަކޮށް ދަންނަވާނެ ކަމަށް ސްރީލަންކާގެ މަސްއޫލުވެރިންނާ ހަވާލާދީ އެގައުމުގެ ނޫސްތަށް ބުނެއެވެ. ޗައިނާގެ ދަރަންޏަށް ބަރޯސާ ނުވުމަށް އެމެރިކާއިން ސްރީލަންކާއަށް ނަސޭހަތް ދޭން އުޅޭއިރު ޚުދު އެމެރިކާއަކީ ޗައިނާ އަށް ޓީ ބިލް ވިއްކައިގެން ޗައިނާއަށް ދަރާފައިވާ ގައުމެކެވެ. އެމެރިކާއިން ޗައިނާއަށް ވިއްކާފައިވާ ޓީބިލް ގެ ސަބަބުން އެމެރިކާ ޗައިނާއަށް ދައްކަންޖެހޭ ދަރަނި އެއްހާސް މިލިޔަނަށް އަރާފައިވެއެވެ. މިކަންވެސް ސްރީލަންކާގެ މަސްއޫލުވެރިން އެމެރިކާގެ ޚާރިޖީ ވަޒީރަށް ހަނދާންކޮށްދެއްވާނެކަމަށް އެގައުމުގެ ނޫސްތަށް ބުނެއެވެ.

އިންޑޮނީޝިއަށް ބަލާއިރު އެގައުމަކީ ޗައިނާއާ ބައެއް ޚިލާފުތަށް އޮތް ގައުމެކެވެ. ނަމަވެސް ޗައިނާއަކީ ވިޔަފާރީގެ ގޮތުން އިންޑޮނީޝިއާއަށް ވަރަށް މުހިއްމު ގައުމެކެވެ. އަދި ޗައިނާއަކީ އަވަށްޓެރި ގައުމަކަށްވެފައި އިންޑޮނީޝިއާގެ ތަރައްގީގެ އެންމެ ބޮޑު ބައިވެރިއާ އަކީވެސް ޗައިނާ ކަމުން އެގައުމުންވެސް އެމެރިކާގެ ޚާރިޖީ ވަޒީރަށް އާއެކޭ ބުނުން ވަރަށް ދުރެވެ. ދާދިފަހުން އިންޑޮނީޝިއާއިން ވަނީ އެގައުމުގެ ކަނޑާއި އެއްގަމުން އެމެރިކާއަށް އަސްކަރީ ފަސޭހަތަށް ދިނުމަށް އެމެރިކާ ސަރުކާރުން އެދުނު އެދުމަށް ދެކޮޅު ހަދާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް