11 މެމްބަރުންގެ ސޮޔާއެކު އިމްރާން ވަކިކުރުމުގެ މައްސަލަ ހުށަހަޅައިފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ -- ފޮޓޯ/ މަޖިލިސް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަގާމުން ވަކިކުރަމަށް 11 މެމްބަރުންގެ ސޮޔާއެކު އިދިކޮޅު ކޯލިޝަނުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އިމްރާން މަގާމުން ވަކިކުރުމަށް އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި މިވަނީ، ސަފާރީގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ މައްސަލައިގައި، އެކަމަކީ އަދައިގެ ކަމެއް ކަމަށް ސިފަވާގޮތަށް ވާހަކަ ދެއްކުމުން އޭނާއަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އިތުބާރު ނެތްކަމުގެ މަޖިލީހަށް ހުށަހެޅުމަށްފަހު، މަޖިލިސް އިދާރާގެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، އެ މައްސަލަ ހުށަހެއްވުމުގެ މައިގަނޑު މަގްސަދަކީ ސަފާރީ ކޭސްއާ ގުޅިގެން އިމްރާން ދެއްކެވި ވަހަކަތަކާއި މަޖިލީހަށް އިތުރުފުޅު ހެދި ކަމަށް ބުނާ މައްސަލައިގަ އެވެ.

"އެ ހާދިސާއަކީ ނުހިނގާ ކަމެއްގެ ގޮތުގައި، އެ މޭރުންމުން އިމްރާން ވާހަކަ ދެއްކެވީ، އަދި ޖިންސީ ގޯނާއަކީ ވަރަށް އަދައިގެ ކަމެއްގެ ގޮތުގައި ސިފަކުރެއްވީ. މިއީ ދައުލަތު ޒިންމާދާރު މަގާމެއްގައި ހުރި މީހަކު ދެއްކި ވަރަށް ނާތަހުޒީބު ވަހަކައެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަ ކުރަނީ،" ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ސަފާރީ ކޭސްއާ ގުޅިގެން އިމްރާން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވާ ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިމްރާންގެ އެ ވާހަކަތަކަކީ، ސަފާރީ ކޭސްގެ ތަހުގީގަށް ހުރަސް އެޅުއްވުމަށް ދެއްކެވި ވާހަކަތަކެއް ކަމަށެވެ.

"އެހާ ކުޑައިމީސްކޮށް އަންހެނުންގެ ހައްގުތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައި ހުންނެވި ބޭފުޅަކު އެ މަގާމުގައި ހުންނެވުމަށް ގަބޫލެއް ނުކުރަން. އިމްރާން އެހުންނެވީ ގާނޫނު އަސާސީއާ ހިލާފުވެގެން. އެހެން ވީމަ އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެ މާގާމުގައި އޭނާއަށް ދެމިހުންނެވޭނެ ކަމަށް. އެންމެ ރަނގަޅުގޮތަކީ ޝޭހް އިމްރާން މަގާމުން އިސްތިއުފާ ދެއްވުން،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަޖިލިސް ޖަލްސާއެއްގައި އިމްރާން ޑރ. އަފްރާޝީމް އަލީ އާއި ރިލްވާން އަބްދުﷲއާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކީވެސް އިތުރުފުޅެއްކަން މިހާރު ހާމަވެފައިވާ ކަމަށެވެ.

އެހެންކަމުން އިމްރާން ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފުވެފައިވާ ކަމަށާއި މިހާރު އޭނާ ވަޒީރުކަމުގެ މަގާމުގައި ހުންނެވުމަށް ކުފޫ ހަމަ ނުވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

މަޖިލީހުގައި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ތިއްބަވަނީ ނުވަ މެމްބަރުންނެވެެ. އެ ކޯލިޝަންގެ މެންބަރުންގެ އިތުރުން ދެން އެ މައްސަލައިގައި ސޮއިކުރެއްވީ އަމިއްލަ ދެ މެމްބަރުންކަމަށްވާ، ވިލިމާލެ ދާއިރާ މެމްބަރު އަހްމަދު އުޝާމް އާއި ތުލުސްދޫ ދާއިރާ މެމްބަރު އިބްރާހިމް ނަސީމެވެ.

މަޖިލިސް ގަވައިދު ބުނާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް ބޭނުން ވަނީ 10 މެމްބަރުންގެ ސޮއެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އައުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.

ދިވެހިރާއްޖޭގެ އަޑުން ފޮނުވި "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އެހުންތެރިޔަކު ފޮނުވި ސުވާލެއްގެ ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، އެންމެ ފުރަތަމަ ސަފާރީ ކޭސްގެ ވާހަކަ އަޑުއިވުމުން އެހީ ބޮޑު ރޭޕް ކޭސްއެއް ކަމަށް ހީކުރެއްވި ކަމަށެވެ. އެހެން ނަމަވެސް ސަފާރީގައި ހިނގީ، "އާންމު ޕަބްލިކް ތަނެއްގައި ހުރެ ވެސް މީހަކު ކޮށްފާނެ ކަހަލަ ކަމެއް" ކަމަށް އޭނާ ވިދާޅުވި އެވެ.

އެވާހަކަތަކަށް ފާޑުކިޔުން އަމާޒުވެ، އިމްރާން ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންހެނަކަށް ޖިންސީ އަނިޔާއާއި ފުރައްސާރަ ކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށެވެ. އެއީ ވަރަށް ބޮޑު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާ ރޭޑިއޯގައި ދެއްކެވި ވާހަކަތައް މީޑިއާތަކުން ގެނެސްދީފައި ވަނީ އޮޅުން އަރާ ގޮތަށް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމުގައި "އޮޅުންއަރާފަދަ ބަހެއް ބުނެވިފައި އޮތް ނަމަ މާފަށް" އެދޭކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް