އޭސީސީގެ މެމްބަރުން ވަކިކުރަން ކޮމިޓީން ފާހެއްނުވި

އޭސީސީގެ މެމްބަރުން: އެމީހުން ވަކިކުރަން ކޮމިޓީން ފާހެއް ނުވި -- ފޮޓޯ/ މަޖިލިސް

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މިއަދު ނެގި ވޯޓުގައި އެކަން ކުރަން ފާހެއް ނުވި އެވެ.

އޭސީސީ މެބަރުން ވަކުކުރަމަށް ކޮމިޓީއަށް ހުށަހެއްޅުއްވީ، އިނގުރައިދޫ ދާއިރާ މެމްބަރު ހަސަން އަހުމަދެވެ.

އޭސީސީގެ ފަސް މެމްބަރުން އެއްކޮށް ވަކިކުރަން އޭނާ ހުށަހަޅުއްވަނީ އެ މެމްބަރުން ހޮވުމަށް ފަހުވެސް ހިނގާދިޔަ ވައްކަމުގެ މައްސަލަތައް ބަލާފައި ނުވާ ކަމަށް ބުނެ އެވެ.

މިއަދު ބޭއްވި ކޮމިޓީގައި ގިނަ މެމްބަރުންނަށް ފެނުނީ، އޭސީސީ މެބްބަރުން ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެމީހުން ވަކިކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ދެ މެމްބަރުންނެވެ. އެހެން މެންބަރުން ވޯޓު ދެއްވީ ވަކިކުރަން ނުފެންނަ ކަމަށެވެ.

އޭސީސީ މެމްބަރުން ވަކިކުރުމަށް ވޯޓުދެއްވީ، މައްސަލަ ހުށަހެޅުއްވި ހަސަންޓޭ އާއި ގަލޮޅު ދެކުނު ދާއިރާ މެމްބަރު މީކާއިލް ނަސީމެވެ.

މެމްބަރުން ވަކިކުރަން ފާސް ނުވި ނަަމަވެސް، ކޮމިޝަންގެ ހިންގުމުގައި މައްސަލަތަކެއް ހުރި ކަމަށް މެމްބަރުންނަށް އެއްބަސްވެވުނެވެ. އެހެން ކަމުން ކޮމިޓީން ނިންމީ އޭސީސީ މެމްބަރުން އެ ކޮމިޓީއަށް ހާޒިރުކުރުމަށެވެ.

އޭސީސީގެ މެމްބަރުން މައްސަލަތައް ބެލުމުގައި ލަސްވާތީ އަދި ބައެއް މައްސަލަތައް ނުބަލާ ކަމުގެ ތުހުމަތުގައި އެތައް ފަހަރެއްގެ މަތިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރި އެވެ. އަދި ބައެއް މެމްބަރުން މަޖިލީހުގެ ތަޅުމުގައިވެސް ވަނީ އޭސީސީގެ މެމްބަރުންނަށް ފާޑު ވިދާޅުވެފަ އެވެ.

މެމްބަރުން ފާޑުކީ އެއް ކަމަކީ ބޮޑެތި ވައްކަމުގެ މައްސަލަތައް ބެލުމުގައި ލަސް ކުރާ ކަމަށް ބުނެ އެވެ. އަދި ކުދި މައްސަލަތައް ބަލަން ބޮޑެތި ހަރަދުތަކެއް ކުރާއިރު މައްސަލަ ބަލަން ކުރާ ހަރަދުވެސް ނުލިބޭތީ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން މިނިވަން މުއައްސަސާއެއްގެ މެމްބަރަކު ވަކިކުރއޭނާގުމުގެ ކުރިން އިތުބާރު ނެތް ކަމުގެ މައްސަލަ ބެލުމަށް ކޮމިޓީއިން ފާސްކޮށް އެ މަސައްކަތް ފެށިކަން މަޖިލީހުގެ ރިޔާސަތުން ތަޅުމުގައި އިއުލާން ކުރަން ޖެހެ އެވެ. އަދި ކޮމިޓީއިން މައްސަލަ ބަލައި ނިންމާ ގޮތް ތަޅުމަށް ހުށަހެޅުމުން އިތުބާރު ނެތްކަމަށް ފެންނަ ނުފެންނަ ވޯޓެއް ތަޅުމުގައި ނަގާނެ އެވެ.

comment ކޮމެންޓް