ފިނި މޫސުމާ އެކު މައި އެއާޕޯޓް ޖެޓްތަކުން ފުރެނީ

ވީއައިއޭގައި ޕްރައިވެޓް ޖެޓުތަކެއް ޕާކުކޮށްފައި --- ފޮޓޯ: އެމްއޭސީއެލް

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވާލިފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ޗާޓަރު ފްލައިޓުތަކާ، ޕްރައިވެޓް ޖެޓުތަކުގެ އަދަދު އިތުރުވާން ފަށައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ ފާއިތުވި ހަތަރު މަސް ތެރޭ ވީއައިއޭ އަށް އައިސްފައިވާ ޕްރައިވެޓް ޖެޓުތަކާއި، ޗާޓަރު ފްލައިޓުތަކުގެ އަދަދު މަހުން މަހަށް އިތުރުވާން ފަށާފައިވާ ކަމަށެވެ.

އެމްއޭސީއެލް އިން އާންމުކޮށްފައިވާ ތަފާސް ހިސާބު -- ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލްގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޖުލައި މަހު 28 ޗާޓަރު/ޕްރައިވެޓް ޖެޓު އައިސްފައިވާއިރު، އޮގަސްޓުމަހު 59 ފްލައިޓު އައިސްފައިވެ އެވެ. ސެޕްޓެމްބަރު މަހު 60 ޗާޓާރު/ޕްރައިވެޓް ޖެޓު އައި އިރު މިމަހުގެ މިހާތަނަށް 126 ޖެޓު/ޗާޓަރު އައިސްފައިވެ އެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް މަހުން މަހަށް އިތުރުވަމުންދާއިރު، ރާއްޖެ އަންނަ ޝެޑިއުލް ފްލައިޓުތަކުގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

ފިނިމޫސުމާ ދިމާކޮށް މިހާރު ރާއްޖެ އަންނަ ބައެއް އެއާލައިންތަކުން ދަތުރު އިތުރު ކުރަން ނިންމާފައިވާއިރު އާ އެއާލައިންތަކުންވެސް ރާއްޖެއަށް ދަތުރު ފަށަން ވަނީ ނިންމައިފަ އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ޕްރައިވެޓް ޖެޓުތަކުގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

comment ކޮމެންޓް