އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޯއޭ ވިދާޅުވާހާގޮތަށް ސްރީލަންކާއިން އަމަލުނުކުރާނެކަމަށް އެގައުމުން ބުނެފި އެވެ.
ރާއްޖެއާ ލަންކާއަށް ޕޮމްޕޭއޯ ހާއްސަ ދަތުރުރެއް އަންނަ ބުދަ ދުވަހު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ލަންކާގެ ދަތުރުގައި، ޗައިނާއާ ލަންކާއިން ބާއްވާ ގުޅުން މުރާޖާކޮށް ޚާރިޖީ ސިޔާސާތާއި ގައުމުގެ ޕޮލިސީތައް ބައްޓަން ކުރުމުގައި އެމެރިކާގެ އެހީ ހޯދަން ބާރުއަޅުއްވާނެ އެވެ.
ލަންކާގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު ލަންކާގެ ޑެއިލީ އެކްސްޕްރެސް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ލަންކާގެ ސިޔާސަތުތައް ގެންގުޅޭނީ އެގައުމުގެ ގާނޫނާ ގަވައިދުތަކާއި ދުނިޔޭގެ އެކި ގައުމުތަކާ ގުޅުން ބާއްވާގޮތަށް ކަމަށެވެ. އަދި ލަންކާއިން އަމަލުކުރަން ޖެހޭގޮތް އެހެން ގައުމުތަކުން ބުނެދޭން ނުޖެހޭނެކަން ލަންކާގެ ސަރުކާރުގެ އިސްވެރިން ޕޮމްޕޭއޯއަށް ދަންނަވާނެކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
ޕޮމްޕޭއޯގެ ދަތުރުގައި ޗައިނާއިން ފަންޑުކުރާ ޕްރޮޖެކްޓްތައް ލަންކާއިން ހިންގުމުގެ ބަދަލުގައި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ފަންޑު ހޯދައިގެން ޕްރޮޖެކްޓްތައް ހިންގުމަށް ބާރުއަޅުއްވާނެ އެވެ.
އޭގެ އިތުރުން އެމެރިކާގެ ސަރުކާރު ހިއްސާވާ މިލީނިއަމް ޗެލެންޖް ކޯޕަރޭޝަން (އެމްސީސީ)އާއެކު 480 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަސް ބާރުއަޅުއްވާނެއެވެ.
ޗައިނާއިން ސްރީލަންކާގައި ބޮޑެތި މަޝްރޫއުތަކެއް ހިންގާތީ އެމެރިކާއިން އަބަދުެވސް ވަރަށް ބޮޑަށް ފާޑުކިޔައެވެ. އަދި އެއީ ދަރަނީގެ ދަންތުރައެއްކަަމަށް އެމެރިކާއިން ބުނެ އެވެ.
"ޕޮމްޕޭއޯގެ ދަތުރުގައި ދަރަނީގެ ވާހަކަ ދައްކައިފިނަމަ އަޅުގަނޑުމެންނަށް އޭގެ ހަގީގަތްވެސް ކިޔައިދެވޭނެ. ލަންކާއިން ބޭރުގެ ތަންތަނަށް ދައްކަން ޖެހޭ ޖުމްލަ ދަރަނި އުޅެނީ 55 ބިލިއަން ޑޮލަރުގައި. އޭގެ ތެރެއިން ޗައިނާއަށް ދައްކަން ޖެހެނީ 5.6 ބިލިއަން ޑޮލަރު. އެއީ އެންމެ 10 ޕަސެންޓް. އެމެރިކާއިން ޗައިނާއަށް ދަރާފައިވާ ދަރަނީގެ އަދަދު އުޅެނީ އެއް ޓްރިލިއަންގައި." ލަންކާގެ އޮފިޝަލް ވިދާޅުވި އެވެެ. -- ނިއުސްއިން އޭޝިއާ