ޗައިނާއާއެކު އަރާރުމެއް ނެތް، ގޯސް ހެދީ ޔާމީން: ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: ޗައިނާއާ ރާއްޖެއާ މައްސަލައެއް ނެތް ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާ އާއި މި ސަރުކާރާ ދެމެދު އެއްވެސް ޒާތެއްގެ މައްްސަލައެއް ނެތް ކަމަށާއި ޗައިނާގެ ލޯނުތަކުގައި ގޯހެއް ހަދާފައި އޮތް ނަމަ، އެ ގޯހެއް ހެދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ސަރުކާރުން ޗައިނާއިން އެތައް ލޯނުތަކެއް ނެގުމުން އެއީ "ދަރަނީގެ ދަންތުރައެއް" ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔަ އެވެ. އަދި ވެރިކަމަށް ވަޑައިގެން އިންޑިއާޔާ ގުޅުން ބޮޑުކުރުމުން ޗައިނާއާއެކު އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް މިހާރުގެ އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މިދިޔަ ހަފްތާގައި "ސަން"އަށް ދެއްވި އިންޓަވިއުގައި ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ޗައިނާއަކީ ރާއްޖެއަށް ދީލަތި އެހީތަކެއް ދެމުން އަންނަ ގައުމެއް ކަމަށާއި އެ ގައުމާއި މި ސަރުކާރާ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

"އަޅުގަނޑުގަނޑުމެންގެ އެއްވެސް ކަހަލަ އަރާރުމެއް، ނުރުހުމެއް ނުވަތަ އެނޫންވެސް ހިޔާލުތަފާތުވުމެއް ނެތް ޗައިނާއާ ދޭތެރޭ،"ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް މިދިޔަ ސަރުކާރުގައި ދީފައިވާ ލޯނުތައް ދީފައި ހުރީ ރަނގަޅަށްތަ ނޫންތޯ ނިންމުގައިވެސް ޗައިނާ ސަރުކާރާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ މައްސަލައެއް ނެތް ކަމަށެވެ. އެކަމުގައި ޗައިނާއިން ގޯހެއް ނަހަދާ ކަމަށާއި އެއީ މިދިޔަ ސަރުކާރުން ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ތަރައްގީގެ މަޝްރޫރުތަކަށް ޗައިނާއިން ރާއްޖެއަށް ދީފައި ހުރި ލޯނުތައް ބޭނުންކޮށްފައި ހުރި ގޮތާމެދު އަރާރުމެއް އޮތިއްޔާ އޮންނާނީ ކުރީގެ ސަރުކާރާ. އެ ސަރުކާރުން ނަގާފައިވާ ލޯނުތަކުގައި ހިޔާނާތްތެރިވެފައިވާނަމަ، ނުވަތަ އެ ލޯނުތައް ބޭނުންކޮށްފައިވަނީ ރަނގަޅަށްތޯ ނޫންތޯ ނިންމުގައި މިއަދުގެ ސަރުކާރާއި ޗައިނާ ސަރުކާރާ އެއްވެސް ކަހަލަ ހިޔާލުތަފާތުވުމެއް ނެތް. ގޯހުން ކަމެއް ކޮށްފައި އޮތިއްޔާ އޮންނާނީ ދިވެހި ސަރުކާރުންކޮށްފައި. ބޭރުގެ [ޗައިނާގެ] ސަރުކާރަކުން ނޫން. އެ ހިޔާނާތްތެރިވީ ވެރިކަމުގައި އޭރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޗައިނާއާ ރާއްޖެއާ ދެމެދު މައްސަލަތައްކެއް އުޅޭކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ، ކުރީގެ ސަރުކާރުން ހިންގާފައިވާ ހިޔާނާތާއި ވައްކަން ފޮރުވަން ކަމަށެވެ.

އޮކްޓޫބަރ 21، 2020: ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސަން އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"[ކުރީގެ ސަރުކާރުގެ] ހިޔާނާތް ފޮރުވަން ޗައިނާއާ ރާއްޖެއާ ހިޔާލުތަފާތުވީއޭ ކިޔައިގެން ވާހަކަ ދައްކާނެ ކަމެއް ނެތް. އެކަމަކު އިދިކޮޅު ޕާޓީއަށް އެއީ ފަސޭހަ ގޮތް. އެހެން ވާހަކަ ދެއްކުމުން [ރައީސް] އަބްދުﷲ ޔާމީންގެ ހިޔާނާތުގެ ކަންތައްތަކަށް ފަސް އެޅޭނެ ނޫންތޯ، ފޮރުވާލެވޭނެ ނޫންތޯ. އެއީ އެ ކުރައްވާ ކަމަކީ،" ޝާހިދު ވިދާޅުވި އެވެ.

ރާއްޖެ، ޗައިނާއިން ނަގާފައިވާ ޖުމްލަ ލޯނުގެ އަދަދަކީ 1.5 ބިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ސީދާ ސަރުކާރުން ސަރުކާރަށް ނަގާފައިވާ ލޯނުތަކުގެ އަދަދަކީ 600 މިލިއަން ޑޮލަރެވެ. ދެން ހުރީ ކުންފުނިތަކަށް ނަގާފައިވާ ލޯނުތަކެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ޗައިނާއާ މެދު މި ސަރުކާރުން ގެންގުޅޭ ސިޔާސަތު އެގައުމަށް ވަރަށް ސާފުކޮށް އެނގޭނެ އެވެ. އަދި ދެ ގައުމަށްވެސް ފައިދާހުރި ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދުނިޔޭގެ ހަގީގަތަށް ބަލާއިރު ޗައިނާއަކީ، އެންމެ ބާރަށް ކުރިއަރަމުން އަންނަ އެންމެ ބޮޑު އެއް އިގްތިސާދު. އެހެންވީމަ އަޅުގަނޑުމެންގެ މަސައްކައްކަތްތައްވެސް ބައްޓަން ކުރަންވާނީ ޗައިނާގެ އިގްތިސޯދުގެ ތެރެއިން އަޅުގަނޑުމެންގެ ގައުމަށް ނެގެން އޮތް ފައިދާއެއް ނެގުން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި ޗައިނާއަކީވެސް މުހިންމު ގައުމެއް ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތާއި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ޗައިނާ މުހިންމުކަން ޝާހިދު ވިދާޅުވި އެވެ.

"30 ޕަސަންޓް ޓޫރިސްޓުން އަންނަނީ ޗައިނާއިން. އަޅުގަނޑުމެން އެބަ ބޭނުންވޭ ރައްޔިތުންނަށް ޓޫރިޒަމް އިންޑަސްޓްރީ ކުރިއަށް ގެންދަން، މަސްވެރިން ބާނާ މަސް އިތުރު މާކެޓްތަކަށް ގެންދަން. އަޅުގަނޑުމެން މަސައްކަތް ކުރަން ޗައިނާގެ މާކެޓްތަކަށް ގެންދަން،" ޝާހިދު ވިދާޅުވި އެވެ.

comment ކޮމެންޓް