އިންޑިއާއިން ދިން ދޯނިއާ ފްލައިޓް އޮޕަރޭޓް ކުރަން ފަށައިފި

އެމީހާ މާލެ ގެނެސްފައިވަނީ ދާދި ފަހުން އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ފްލައިޓުގައި --- ފޮޓޯ : އެމްއެންޑީއެފް

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދޯނިއާ މަތިންތާބޯޓު ދިވެހި ސިފައިންގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރަން ފަށައިފި އެވެ.

އިންޑިއާއިން ރާއްޖެއަށް ދިން ދޯނިއާ މަތިންދާބޯޓު ރާއްޖެ ގެނެސްފައި ވަނީ، މިދިޔަ މަހުގެ ފަހުކޮޅު އެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓުގެ އެންމެ ފުރަތަމަ އޮޕަރޭޝަންގައި ކުޅުދުއްފުށިން މާލެ ގެނެސްފައި ވަނީ އުމުރުން 78 އަހަރުގެ ބަލި މީހެއް ކަމަށެވެ. އޭނާ އަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ ކްރިޓިކަލް ޕޭޝަންޓެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ދޯނިއާ އެއާކުރާފްޓުގެ މައި ބޭސްއަކީ، ހދ. ހަނިމާދޫ އެއާޕޯޓެވެ.

އެމްއެންޑީއެފް އިން ކުރީން ބުނެފައިވަނީ އެ ބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި ރާއްޖޭގެ މަސްކަނޑުތަކުން ގަވާއިދާ ހިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓާކުރުމަށް އަދި އިވެކުއޭޝަން އޮޕަރޭޝަންތަކުގަ އެވެ.

އަދިވެސް އެ ފްލައިޓާ ބެހޭގޮތުން ގިނަ މައުލޫމާތު ތަކެއް ހިއްސާކޮށްފައި ނުވާއިރު މީގެކުރީން ރަށްރަށުން އެގޮތަށް މީހުން ގެންނަމުން ދިޔައީ އިންޑިއާއިން ރާއްޖެއަށް ގެނެސްފައިވާ ހެލިކޮޕްޓަރުގަ އެވެ. އެގޮތުން އައްޑޫ، ގަމުގައި އަދި ލ. ކައްދޫގައި ހެލިކޮޕްޓަރެއް އޮވެ އެވެ. އެ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަން އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ތިބޭތީ ކަންބޮޑުވުން ފާޅުކުރަމުންދެ އެވެ.

comment ކޮމެންޓް