ކޮއްކޮއާ ބޭބެގެ ކުރިމަތިލުން: ދެބެން ވެސް ގޯލު ޖެހި

ލޮރެންޒޯ އަދި ރޮބާޓޯ އިންސީނިއޭ --- ފޮޓޯ//ބީބީސީ

އިޓާލިއަން ލީގުގައި ރެޔަކީ ތާރީހީ ރެޔެކެވެ. ސީޒަނުގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ ނަޕޯލީގެ ކެޕްޓަން ލޮރެންޒޯ އިންސީނިއޭ މެޗުގައި ގޯލު ޖެހި އިރު، ރައްދުގައި ބެނެވެންޓޯއިން ގޯލު ޖެހީ އޭނާގެ ކޮށްކޮށް ރޮބާޓޯ އިންސީނިއޭ އެވެ. ޔޫރޮޕުގެ ވާދަވެރި މެޗެެއްގައި ދެބެން ދެ ޓީމެއްގައި ތިބެ ގޯލު ޖެހުމަކީ މަދުން ނޫނީ ނުފެންނަ ކަމެކެވެ.

ނަޕޯލީން ރަށުން ބޭރުގައި ކުޅުނު އެ މެޗުން އެ ޓީމު މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ. އެ މޮޅާ އެކު ކުޅުނު ފަސް މެޗުން 11 ޕޮއިންޓް ހޯދައިގެން ނަޕޯލީ ތާވަލުގެ ދެވަނައަށް ވަނީ ޖެހިލައިފަ އެވެ. އެއްވަނައިގައި އޮތް އޭސީ މިލާން ހަތަރު މެޗުން 12 ޕޮއިންޓް ހޯދާފައިވާ އިރު، ރޭގެ މެޗުން ބަލިވި ބެނެވެންޓޯ އޮތީ 13 ވަނައިގަ އެވެ.

އެ މެޗު ފަށައިގެން 30 މިނަޓު ތެރޭގައި ބެނެވެންޓޯ އިން ވަނީ ނަޕޯލީ ހާސްކޮށްލައިފަ އެވެ. އުމުރުން 26 އަހަރުގެ ރޮބާޓޯ އެ ޓީމަށް ލީޑު ނަގައިދިން އިރު، ރައްދުގައި ނަޕޯލީން ވަނީ ރޮބާޓޯގެ ބޭބެ ލޮރެންޒޯގެ ގޯލަކުން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ނަޕޯލީ މޮޅުވީ އަންޑްރޭ ޕެޓާާނާގެ ގޯލުންނެވެ.

"މެޗު ނިންމާފައި އޭނާ [ކޮއްކޮ ރޮބާޓޯ] ގާތު އަހަރެން ބުނީ އެންމެ މޮޅީ އަހަރެންގެ ވާތު ފައި ކަމަށް،" ޖޯކު ޖަހަމުން ލޮރެންޒޯ ބުނެލި އެވެ.

ނަޕޯލީއަށް 352 މެޗު ކުޅެދީފައިވާ ލޮރެންޒޯ ބުނީ، ކޮއްކޮ ގައިގައި މެޗު ނިމުމަށްފަހު ބައްދާލުމުން ކުރެވުނީ ތަފާތު އިހުސާސެއް ކަމަށާއި، މިއަދަކީ މުޅި އާއިލާއަށް ވެސް އުފާވެރި ދުވަހެއް ކަމަށެވެ.

ނަޕޯލީއަށް ކުރިން ދެ މެޗު ކުޅެދިން ރޮބާޓޯ ބުނީ، އިޓާލިއަން ލީގުގެ ފުރަތަމަ ގޯލު ބޭބެއާ ދެކޮޅަށް ޖެހުމުން ފަޙުރުވެރިވާ ކަމަށާއި، އެކަމާ އުފާކުރާ ކަމަށެވެ.

"ބޭބެއާ ދެކޮޅަށް އަހަރެންގެ ސިޓީ [ނަޕޯލީ] ގައި މިފަދަ ބޮޑު މެޗެއް ކުޅެން ލިބުމަކީ ލިބުނު ބޮޑު އުފަލެއް. އެކަމަކު މެޗުގެ ނަތީޖާއާ ދޭތެރޭ ހިތްހަމަ ނުޖެހޭ." ރޮބާޓޯ ބުންޏެވެ.

comment ކޮމެންޓް