ވީއޭއާރުގެ މިސްޓޭކުތައް ބަލައެއް ނުގަނެވޭނެ: މޮރީނިއޯ

ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރޯނިއޯ ރެފްރީންނާ އެކު --- ފޮޓޯ//ލައިވްސްކޯ

ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ ސަބަބުން ފުޓުބޯޅައަށް ނުރަނގަޅު އަސަރުތަކެއް ކުރަމުންދާ ކަމަށާއި، އެ ބޭނުން ކޮށްގެން ވެސް އެންމެ ރަނގަަޅަށް ރެފްރީންނަށް ގޮތް ނުނިންމޭ ކަމުގެ ޝަކުވާ ޓޮޓެންހަމުގެ ކޯޗު ހޯސޭ މޮރީނިއޯ ކޮށްފި އެވެ.

ފަހަކަށް އައިސް ވީއޭއާރުގެ ބޭނުން ހިފައިގެން ނިންމި ނިންމުންތަކުގެ ސަބަބުން ޔޫރޮޕުގެ ގިނަ ކުލަބުތަކުގެ ކޯޗުން ރަތަށް އަރާފައިވާ އިރު، އައު ގަވާއިދުތަކާ އެކު ވީއޭއާރުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފޭ ކަމުގެ ޝަކުވާ ކުޅުންތެރިންވެސް އިންތިހާއަށް ދަނީ ކުރަމުންނެވެ. ކޮންމެ މެޗެއްގައި ކަހަލަ ގޮތަކަށް ވީއޭއާރުގެ މައްސަލައެއް ފާހަގަކޮށް ކޯޗުންގެ ނުރުހުން ދަނީ އަމާޒުކުރަމުންނެވެ.

އޭގެ އެއް މިސާލަކީ އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންއާއި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗެވެ. ވީއޭއާރުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވި އެ މެޗުގައި އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ލިވަޕޫލުގެ ޑިފެންޑަރު ވާޖިލް ވެންޑައިކްއަށް ވަނީ ނުރައްކާތެރި ފައުލެއް ކޮށްފަ އެވެ. އެ ފައުލުގައި ލިބުނު އަނިޔާގައި ވެންޑައިކްގެ މުޅި ސީޒަން ނިމުމަކަަށް އައި އިރު، ވީއޭއާރުން އެދުވަހު އެއީ ފައުލެއް ކަމަށް ނުނިންމަ އެވެ. އަދި ޕިކްފޯޑަށް ކާޑެއްހާ ހިސާބުވެސް ރެފްރީ ނުދިނެވެ.

މިކަލަހަ އެތައް ނިންމުމެއް ގޯސްކޮށް ނިމި، ކޯޗުންގެ ރުޅިގަނޑު ފަޅައިގެންދާ ހިސާބަށް ގޮސްފައިވާ އިރު، ޓޮޓެންހަމުގެ ކޯޗު މޮރީނިއޯ ވަނީ ވީއޭއާރުގެ ނިންމުންތަކަށް ފާޑުކިޔައި އޭގެން ކުރިމަތިވާ މައްސަލަތަކަކޯ ބަލައި ނުގަނެވޭނެ ކަމެއް ކަމަށް ބުނެފަ އެވެ.

"އެންމެންނަށް ވެސް އަހަރެން މިއީ އައު މީހަކަށް ނުވާނެ. މެޗުތަކުގައި ރެފްރީންގެ ނިންމުން ގޯސް ނަމަ ފާޅުގައި އަބަދުވެސް ފާޑު ކިޔަން. އެކަމަކު އެއީ ވެސް އިންސާނުން. އެހެންވެ ގޯސް ހެދިދާނެ ކަން އިނގޭ. ފަހުން އެކަން ހިތުން ފިލުވަން. އެކަމަކު ވީއޭއާރުން ފެންމަތިވާ މައްސަލަތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" މޮރޯނިއޯ ބުންޏެވެ.

މޮރޯނިއޯ އެކި މެޗުތަކުން މިސާލު ދައްކަމުން ބުނީ، ރެފްރީއަކަށް ބާރު ސްޕީޑުގައި ކުޅެމުންދާ މެޗެއްގައި ހުރިހާކަމެއް ރަނގަޅަށް ނުނިންމިދާނެ ކަމަށެވެ. އަދި ވީއޭއާރަކީ އެ ނިންމުން ގޯސްވާތީ އީޖާދު ކުރި އެއްޗެއް ކަމަށާއި، ވީޑިއޯ އެތައް ފަހަރަކު ގާތުން ބަލައިގެން ނިންމާ ނިންމުން ގޯސްވެގެން ނުވާނެ ކަމަށް މޮރީނިއޯ ބުންޏެވެ.

މިފަހުން ކުޅުނު އެލްކުލެސިކޯގައި ބާސެލޯނާ ރެއާލް މެޑްރިޑް އަތުން ބަލިވި މެޗުގައި ވެސް ހުރިހާ ގޯހެއް ހެދީ ވީއޭއާރު ކަމަށާއި، ފުޓުބޯޅައިގެ ހުރިހާ ފޯރިއެއް ގެއްލިގެން ގޮސްފައިވާ ކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ވަނީ ފާހަގަ ކޮށްފަ އެވެ.

comment ކޮމެންޓް