ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 51 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

އެމްޓީސީސީ ޓަވަރު -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 51 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެމްޓީސީސީގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ތިންވަނަ ކުއާޓަރުގައި އެކުންފުންޏަށް ވިޔަފާރިން އާމްދަނީގެ ގޮތުގައި 350 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ ދެވަނަ ކުއާޓަރުގައި ލިބުނު 248 މިލިއަން ރުފިޔާއާ އަޅާބަލާއިރު 41 ޕަސެންޓު އިތުރުވުމެކެވެ.

ތިންވަނަ ކުއާޓަރުގައި އާމްދަނީ އިތުރުވި މަައިގަނޑު ސަބަބެއް ކަމަށް އެމްޓީސީސީން ބުނީ އެކުންފުނިން މަސައްކަތް ކުރަމުންދާ މަޝްރޫއުތައް އިތުރުވުމެވެ.

ތިންވަނަ ކުއާޓަރުގައި ޖުމުލަ 70 މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއިން ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ބަނދަރު ތަރައްގީކުރުމާއި ބިން ހިއްކުމާއި މަގުހެދުމާއި އިމާރާތްކުރުމުގެ މަޝްރޫއުތައް ހިމެނެ އެވެ.

އެ 70 މަޝްރޫއުގެ ތެރެއިން 11 މަޝްރޫއުގެ މަސައްކަތް ތިންވަނަ ކުއާޓަރުގެ ތެރޭގައި ވަނީ ނިންމާފަ އެވެ. އަދި މި މުއްދަތުގައި މުޅިން އާ 12 މަޝްރޫއުގެ މަސައްކަތްވެސް ވަނީ ފަށާފަ އެވެ.

މީގެ އިތުރުން ތިންވަނަ ކުއާޓަރުގައި ކޮންސްޓްރަކްޝަން މަސައްކަތްތަކުން ލިބުނު ފައިދާ 25.6 މިލިއަން ރުފިޔާ އިތުރުވެ ސާފު ފައިދާގެ ގޮތުގައި މި ކުއާޓަރުގައި 51 މިލިއަން ރުފިޔާ އެމްޓީސީސީއަށް ވަނީ ލިބިފަ އެވެ.

އެމްޓީސީސީއަށް މިއަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި 951 މިލިއަން ރުފިޔާގެ ޖުމުލަ އާމްދަނީއެއް ލިބުނުއިރު، ސާފު ފައިދާ 119 މިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން މިއަހަރުގެ ތިން ކުއާޓަރުގެ ފައިދާ އެއްކޮށްލައިގެން 140 މިލިއަނަށް އަރާއިރު، އެމްޓީސީސީން ބުނީ މިއީ މިހާތަނަށް ނުވަ މަހުގެ މުއްދަތެއްގައި ޓެކުހަށް ކެނޑުމުގެ ކުރިން އެކުންފުންޏަށް ލިބުނު އެންމެ ބޮޑު ފައިދާ އެވެ.

އެއާއެކު އެމްޓީސީސީއިން ލަފާކުރަނީ މިއަހަރު 1.35 ބިލިއަން ރުފިޔާގެ އާމްދަނީއެއް އަދި ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 185 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

comment ކޮމެންޓް