އިޒްރޭލާ ގުޅުން ގާއިމުކުރާނެ ހަމަ އެއްގޮތެއް ވެސް ނޯންނާނެ: ޝާހިދު

ޝާހިދު: އިޒްރޭލާއެކު ގުޅުން ގައިމުނުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުސްލިމުންގެ ބިންތައް ފޭރި، އެމީހުންނަށް ލާއިންސާނީ އަނިޔާތަކެއްދޭ އިޒްރޭލާއެކު މި ސަރުކާރުން ގުޅުން ގާއިމުކުރާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ފޮރިން އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން އިޒްރޭލާއެކު ސިޔާސީ ގުޅުން ގާއިމުކުރީ، 1965 ވަނަ އަހަރު އެވެ. ނަމަވެސް 1974 ވަނަ އަހަރު ރާއްޖެއިން ވަނީ އެ ގުޅުން ކަނޑާލާފަ އެވެ. އެފަހުން މިހާރު ވެރިމުގައި އޮތް އެމްޑީޕީގެ ފުރަތަމަ ވެރިމުގައި އިޒްރޭލާއެކު ރާއްޖެއިން ގުޅުން ގައިމްކުރަން އުޅޭކަމަށް އަޑުތަކެއް ފެތުރުނެވެ. އަދި މި ސަރުކާރުންވެސް އިޒްލޭލާއެކު ގުޅުން ގައިމްކުރަން އުޅޭ ކަމަށް ދޭތެރެ ދޭތެރެއިން އަޑު ފެތުރެ އެވެ.

މިދިޔަ ހަފްތާގައި"ސަން"އަށް ދިން އިންޓަވިއުއެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، އިޒްރޭލްއަކީ ބައިނަލްއަގުވާމީ ގާނޫނުތަކަށް ތަބާވާ ގައުމެއް ނޫން ކަމަށާއި އެގައުމާއެކު ރާއްޖެއިން ގުޅުން ގާއިމު ކުރާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

"ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯނުލަބަންޏާ އަޅުގަނޑުމެންނަށް އެގަމަކާ އެކު އެކުވެރިކަމެއް ނުބޭއްވޭނެ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން އިޒްލޭލުން ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލަބާކަން. އެހެންވީމަ އިޒްރޭލާއެކު އަޅުގަނޑުމެމްނަށް ގުޅުމެއް ނުބޭއްވޭނެ. އެއްވެސް ކަހަލަ ގުޅުމެއް ނުބޭއްވޭނެ،" ޝާހިދު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސަން އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝާހިދު ވިދާޅުވީ ރާއްޖެއިން އޮތީ ތަރައްގީގެ މަގުގައި ކުރިއަށްދާން އޮތް ކޮންމެ ގައުމަކާއެކު ވެސް ކުރިއަށް ދާން ތައްޔާރަށް ކަމަށެވެ. އެހެން ނަަމަވެސް ބައިނަލްއަގުވާމީ ގާނޫނުތަކާ ދެކޮޅު ހަދާ ފަރާތަތްތަކާއެކު ރާއްޖެއިން ގުޅުން ގާއިމް ނުކުރާނެ ކަމަށް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްވެސް ގައުމަކާ އަރާރުމެއް ނެތް، ޒުވާބެއް ނެތް. އަޅުގަނޑުމެންނަކީ ބައިނައަގުވާމީ ދާއިރާގައި ސުލްހައަށް ގޮވާލާ ބައެއް. އަޅުގަނޑުމެން ބުނާހާވެސް ވާހަކައަކީ އޮމާންކަމާއި އަމާންކަމާއެކު ސުލްހަވެރިކަމާއެކު މަސައްކަތްކޮށްގެން ތަރައްގީގެ މަގުގައި ކުރިއަށް ދާށޭ،" ޝާހިދު ވިދާޅުވި އެވެ.

އިޒްލޭރުން ދަނީ މިހާރު އަރަބި ގައުމަތާކާ ގުޅުން ބަދަހިކޮށް ވިޔަފާރީގެ އެއްބަސްވުންތައް ގާއިމްކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން އިޒްލޭރުން ވަނީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ) އަދި ބަހްރެއިންއާއެކު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ދާދި ފަހުން ޝާހިދު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި އިޒްރޭލާއެކު ގުޅުން ގާއިމް ކުރަން ޔޫއޭއީގެ އިސްފަރާތްތަކާ މަޝްވަރާ ކުރެއްވި ކަމަށް ބުނެ އަޑު ފެތުރުނެވެ. ނަމަވެސް ފޮރިން މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފަ އެވެ.

comment ކޮމެންޓް