އެމެރިކާ އަނެއްކާ ވެސް ކޮވިޑުގެ ރާޅެއްގައި

އެމެރިކާގައި ސިއްހީ މާހިރުން ކޮވިޑް-19 ޓެސްޓުތައް ހަދަނީ --- ފޮޓޯ : ވޮކްސް

ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ކޮވިޑް-19 ޕޮޒިޓިވް ކޭސްތައް ފެންނަމުންދާ އެމެރިކާގައި އަނެއްކާވެސް ރިކޯޑު އަދަދަކަށް އެއް ދުވަހެއްގައި ވައިރަސް އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެމެރިކާއިން ވަނީ ދާދި ފަހުން އެއް ދުވަހެއްގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް 85،085 ކޭސް ފެނިގެން ގޮސްފައެވެ. މިއީ އެގައުމަށް އަނެއްކާވެސް ރެކޯޑު އަދަދެކެވެ. މީގެކުރީން އެގައުމުން ރެކޯޑު އަދަދަކަށް އެއް ދުވަހެއްގައި ވައިރަސް އަށް ޕޮޒިޓިވް ވެފައިވަނީ 75،000 މީހުންނެވެ.

އަލަށް ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓީވް ވެފައިވުމުގެ ސަބަބުން އެގައުމުގައި ސިއްހީ ދާއިރާގެ މާހިރުން ތިބީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ. އެގޮތުން އެމެރިކާގެ އެޕިޑެމިއޯލޮޖިސްޓުން ބުނާގޮތުގައި އެމެރިކާގައި ކޮވިޑް-19ގެ ތިން ވަނަ ވޭވް އެއް ފެނުމަށް ތައްޔާރުވަމުންދަނީ ކަމަށް ވެދާނެއެވެ.

އެމެރިކާގައި މިދިޔަ މަހުގެ ކުރީކޮޅަށް ދިޔައިރު ވައިރަސް ކޭސްތައް މަދުވާން ފެށުމަށްފަހު އަލުން ވަނީ ގިނަވާން ފަށާފައެވެ. ސެޕްޓެމްބަރު މަހުގެ 10ގައި ޕޮޒިޓިވް ކޭސްތަކުގެ އަދަދު ހުރީ 20،000 ގައެވެ. އެއީ ޖުލައި މަހަށްފަހު އެގައުމުން އެއް ދުވަހެއްގައި އެންމެ މަދުކޮށް ޕޮޒިޓިވްވި ދުވަހެވެ.

އެޕިޑެމިއޯލޮޖިސްޓުން ބުނާގޮތުގައި ވިންޓާ އާ ދިމާކޮށް އަންނަ ޗުއްޓީތަކާ ކައިރިކޮށް ވައިރަސްގެ އިތުރު ކޭސްތަކެއް ފެންނަން ފެށުމަކީ ވަރަށް ބޮޑު ނުރައްކަލަކަށް ވެގެންދާނެ ކަމެއްގެ ގޮތުގައެވެ.

އެމެރިކާގައި މިހާރުވެސް ދަނީ ބައެއް އިންޑޯ ތަންތަން އަލުން ހުޅުވައި ހިދުމަތްތައް ދޭން ފަށާފައެވެ. އެކަމަށް ޕަބްލިކް ހެލްތުގެ މާހިރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިޖުތިމާއީ ގައިދުރުކަމަށް އަޅައި ނުލާ އުޅޭ މައްސަލަވެސް އެމެރިކާގައި ގިނަ ކަމަށް މާހިރުން ފާހަގަކޮށްފައިވެއެވެ.

އެގައުމުގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 8.7 މިލިއަނަށް އަރާފައިވާއިރު އެ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 225،000 އަށް އަރާފައެވެ.

comment ކޮމެންޓް