ޝިފާގެ މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅުން ތުހުމަތުކޮށްފި

މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު -- ފޮޓޯ/ ރައީސް އޮފީސް

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި މިހާރު އޮތް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުގެ މައްސަލައަށް މި ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ތުހުމަތުކޮށްފި އެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މޭޔަރު ޝިފާގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ދައުވާ ކުރި ނަމަވެސް އެ ދައުވާ އަށް ސަރުކާރުން ނުފޫޒު ފޯރުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑެއް ގަބޫލެއް ނުކުރަން ސިފާގެ މައްޗަށް ދައުވާ ކުރާނެ ކަމަކަށް ވެސް. އަދި ދައުވާ ކުރި ނަމަވެސް ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން، އިންސާފުވެރިކަމާ އެކު މައްސަލަ ނިމިގެންދާން މި ސަރުކާރުން ޖާގަ ދޭނެ ކަމަކަށް،" އަދުރޭ ވިދާޅުވި އެވެ.

ލޮނުޒިޔާރަތްކޮޅު އަޑިޕާކުގައި މާލޭ ސިޓީ ކައުންސިލުން ޕާކު ހެދުމުގައި ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް ކަންތައް ކޮށްފައިވާތީ އޭސީސީ އިން ވަނީ މާލޭ ސިޓީ މޭޔަރު ޝިފާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

އޭސީސީ އިން އެދުނީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ޝިފާގެ މައްޗަށް އުފުލުމަށެވެ. މިއީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށަކަށް ވާތީ އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އަދުރޭ ވިދާޅުވީ، ކިތަންމެ ރަނގަޅަށް ގާނޫނު ހެދިޔަސް އަމަލު ކުރަން ތިބި މީހުން އަމަލު ނުކުރާނަމަ ކަންތައްތައް ރަނގަޅެއް ނުވާނެ ކަމަށެވެ.

ޝިފާގެ މައްސަލަ ލަސްވަނީ އޭނާ އަކީ ވެރިކަން ކުރާ ޕާޓީ، އެމްޑީޕީގެ އިސް ބޭފުޅަކަށް ވެފައި ޕްރޮސކިއުޓާ ޖެނެރަލްގެ އާއިލީ ބޭފުޅަކަށް ވުމުގެ އިތުރަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅަކަށް ވާތީ ކަމަށް އަދުރޭ ތުހުމަތު ކުރެއްވި އެވެ.

"ރައީސް ނަޝީދާއި ރައީސް ނަޝީދުގެ ގާތް ބޭފުޅުންނެއް ނޫންތޯ ޝިފާގެ ދިފާއުގައި އެ ވާހަކަ ދައްކަވަނީ،" އަދުރޭ ވިދާޅުވި އެވެ.

"އެމްޑީޕީން ބޭނުންވާ މީހެއްގެ މައްސަލަ އޭ ބެލެންވާނީ، އެމްޑީޕީ އިން ބޭނުން ނުވާ މީހެއްގެ މައްސަލަ ބެލިގެން ނުވާނެޔޭ،" ޝިފާގެ މައްސަލާގައި ދައުވާ ކުރަން ފޮނުވުމުން އޭސީސީ އަށް އެމްޑީޕީގެ މެންބަރުންގެ ނުރުހުން އަމާޒުވި މައްސަލައަށް އިޝާރާތް ކުރައްވައި އަދުރޭ ވިދާޅުވި އެވެ.

ޝިފާގެ މައްސަލާގައި ދައުވާ ކުރުން ލަސްވާތީ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޕްރޮސެކިޔުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، ޝިފާއާ އޭނާއާ އާއިލީ ގޮތުން ގުޅުން އޮންނާތީވެ، އެ މައްސަލައިން ތަނާޒުލްވެފައިވާ ކަމަށެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި ޝިފާގެ މައްޗަށް ދައުވާ އުފުލަން ޖެހެނީ، ބިޑް ކޮމިޓީން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައި ނުވަނީސް، އަމަލީ ގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރު ސިފާއަށް ކަމަށްވެފައި، އެ ހުއްދަ ދިނީ މޭޔާ ޝިފާ ކަން ތަހުގީގަށް ސާބިތުވާތީ ކަމަށެވެ.

އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބި އޮވެމެ، ސިފާ އެ މަސައްކަތް ހުއްޓުވާފައި ނުވާކަން ވެސް އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން ޝިފާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ މައްސަލާގައި ވެސް އަދި މާލޭ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން އޭނާއާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް އިރަކު، ރައްޔިތުންގެ ޓެކްސް ފައިސާ އިން ނުވަތަ މުދަލާ މެދު އެއްވެސް އިރެއްގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

comment ކޮމެންޓް