އައްސަދު އިސްވެހުންނަވައި ކުރާ ތަހުގީގެއް އިންސާފުވެރިއެއް ނުވާނެ: އަދުރޭ

ޕީޕީއެމްއިން މިބޭއްވި މަވެސް ޕީޕީއެމް ޖަލްސާގެ ތެރެއިން -- ސަން ފައިލް ފޮޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު އިސްވެ ހުންނަވައި ކުރާ ތަހުގީގެއް އިންސާފުވެރިވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން އަދުރޭ މިރޭ ވިދާޅުވީ އައްސަދަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ ބޭފުޅެއް ކަމަށާއި އޭނާ އިސްވެ ހުންނަވައިގެން ރަނގަޅު ތަހުގީގެއް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

މީގެ ކުރިންވެސް އައްސަދުގެ ނަޒާހާތްތެރިކަމުގެ މައްސަލައެއް ފެންމަތިވެފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އެއީ ކީރިތި ޤުރުއާނުގެ ތަރުޖަމާ ހަމައަށް ނުލިބޭކަމަށް ބަޔާންކޮށް ރައީސް އޮފީހުން ސިޓީއެއް ފޮނުވާފައި ވަނިކޮށް ހުރިހާ ފޮތްތަކެއް ލިބިފައިވާކަމަށް ބުނެ ނޮވެލްޓީ ޕްރިންޓާސްއަށް 30 މިލިއަން ރުފިޔާ ދޫކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.

މީގެކުރިން ތަހުގީގުކޮށްފައިވާ އެ މައްސަލަ އަލުން ރިވިއުކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

"ކީރިތިޤުރުއާނުގެ ދިވެހި ތަރުޖަމާ ޕްރިންޓު ކުރުމާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއްގައި އައްސަދުގެ މައްޗަށް މި ތުހުމަތު ކުރެވެނީ. ދެން ކިހިނެތްތޯ އައްސަދު އިސްވެ ހުންނަވައިގެން ކުރާ ތަހުގީގެއް އިންސާފުވެރި ވާނީ،" އަދުރޭ ވިދާޅުވިއެވެ.

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން ދަނީ ކުރީގެ ސަރުކާރުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ބޭފުޅުންނާއި އޭރުގެ ސަރުކާރަށް ނިސްބަތްވި މަޖިލިސް މެންބަރުން ކޮމިޝަނުގެ ތަހުގީގަށް ހާޒިރު ކުރަމުންނެވެ.

އެމްއެމްޕީއާރުސީގެ 3.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާއިން އޭރުގެ މަޖިލިސް މެމްބަރުނަށް މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވެއެވެ. އޭގެ ތެރޭގައި ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުންވެސް ހިމެނެއެވެ.

އަދުރޭ މިރޭ ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެންބަރުންނަށްވެސް ލިބުނު ކަމަށް ތުހުމަތު ކުރެވޭއިރު، ހަމައެކަނި ކުރީ ސަރުކާރުގެ އިސް ބޭފުޅުންނާއި ޕީޕީއެމް/ޕީއެންސީގެ މެންބަަރުން ކޮމިޝަނަށް ހާޒިރު ކުރަނީ ރައްޔިތުންގެ ފޯކަސް އަނބުރާލަން ކަމަށެވެ.

"އެމީހުން ބޭނުން ކަމެއް ހާސިލް ކުރަންވީމާ އެހެން ކަމަކަށް ރައްޔިތުންގެ ފޯކަސް އަނބުރާލުމަށް ކަންތައްތަކެއް ކުރުން. އެގޮތުގެ މަތިން ކުރާ ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެމްއެމްޕީއާރުސީގެ މައްސަލަ އިންސާފުވެރިކަމާއެކު މި ސަރުކާރަށް ބެލިދާނެ ކަމަކަށް،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މައްސަލަ އިންސާފުވެރިކަމާއެކު ބަލާނަމަ ތަހުގީގަށް ހާޒިރު ކުރަންޖެހޭނީ ހަމައެކަނި ޕީޕީއެމް/ޕީއެންސީ މެންބަރުންނާއި ކުރީ ސަރުކާރަށް ނިސްބަތްވާ ފަރާތްތައް ނޫން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ އަޑުއިވޭ އެމްއެމްޕީއާރުސީގެ އެ ވިދާޅުވާ ފައިސާއެއް، އަދީބު އަތުން ފައިސާ ނެގި މީހުންގެ ތެރޭގައި އެމްޑީޕީގެ މަޖިލިސް މެންބަރުންނާ މިކަހަލަ އެތައް ބަޔަކު ހިމެނޭ ކަމަށް އެބަ ވާހަކަ އިވޭ،" އަދުރޭ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް ވަނީ ހުކުމް އިއްވާފައެވެ. އެ ޚިޔާނާތާ ގުޅިގެން ރައީސް ޔާމީނަށް ވަނީ އިތުރު ދެ ދައުވާއެއް އުފުލާފައެވެ.

އަދީބު ވިދާޅުވާގޮތުގައި ހިޔާނާތުގެ ފައިސާ ވަނީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް ވަދެފައެވެ. އަދި މަޖިލީހުގައި ނެގުނު ވޯޓުތަކާއި ވަރަށް ގިނަ ސިޔާސީ ކަންކަމަށްވެސް އެ ފައިސާ އިން ހަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން އާންމު ކުރި މައުލޫމާތަށް ބަލާއިރު ހިޔާނާތުގެ ފައިސާގައި ޖެހުނު މީހުންގެ އަދަދު މިހާތަނަށް ވަނީ 300 އަށް އަރާފަ އެވެ.

އަދި ނުއަގުގައި ވިއްކާފައިވާ ރަށްތަކާ ފަޅުތަކުން، ގެއްލިފައިވާ ފައިސާގެ އަދަދު 3.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބެން ޖެހިފައިވާ ކަމަށް ވެސް ކޮމިޝަނުން ބުނެ އެވެ.

comment ކޮމެންޓް