ވެންޓިލޭޓަރު މައްސަލަ އަލުން ރިވިއުކޮށްދޭން އޭސީސީ އިން ޕީޖީއަށް

ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ދައުވާކުރަން އެދި ފޮނުވި 11 މީހުންގެ ތެރޭގައި ހިމެނޭ މިނިސްޓަރު އަބްދުﷲ އަމީން (މ)، ފިނޭންސް އެކްޒެކެޓިވް އަހްމަދު އަސްލަމް (ކ) އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު (ވ) -- ސަން ފޮޓޯ

ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމި ނިންމުންް ރިވިއުކޮށްދިނުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުގައި އެދިއްޖެ އެވެ.

އޭސީސީ އިން މިރޭ ބުނީ ވެންޓިލޭޓަރު މައްސަލާގައި ޕީޖީގެ ނިންމުން ރިވިއުކޮށްދިނުމަށް އެދި މިއަދު ހުށަހަޅާފައިވާނެ ކަމަށެވެ.

ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

ޕީޖީ އިން އެ މައްސަލާގައި އޭރު ބުނީ ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ އެ އޮފީހުން ދިރާސާކުރުމަށްފަހު، މައްސަލާގައި ދައުވާ ނުކުރުމަށް ނިންމައި، މައްސަލަ ޑިކްލައިން ކުރަން ޖެހުނީ ކޯޓެއްގައި ދައުވާ ސާބިތު ކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށެވެ.

ނަމަވެސް އޭސީސީ އިންް ބުނެފައިވަނީ އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވީ އެކަށީގެންވާ ހެއްކާއި ގަރީނާއާ އެކު ކަމަށެވެ.

ވެންޓިލޭޓަރު މައްސަލާގައި ކުރީގެ ހެލްތު މިނިސްޓަރު އަމީނާއެކު ދައުވާ ކުރަން ފޮނުވި މީހުންގެ ތެރޭގައި ހިމެނެނީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެންބަރުންނާއި އެ އޮފީހުގެ ބައެއް އާންމު މުވައްޒަފުންނެވެ. ބިޑް ކޮމިޓީގެ ބޭފުޅުންގެ ތެރެއިން ދައުވާ ކުރަނީ އެ ކޮމިޓީގެ ޗެއާ ޑެޕިޔުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ހެލްތުގެ ޑިރެކްޓަރު، ކ.ގުރައިދޫ/ފަތިސްހަނދުވަރުގެ، ނައުޝާދު އަލީ އާއި ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރު، ސ.ހިތަދޫ/ ނޫރާނީހިޔާ، އާމިނަތު ޝައުފާ އާއި ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރު މ.ހަޒާރީވިލާ/ފާތިމަތު ލިމްޔާ އެވެ.

ދެން ދައުވާ ކުރަން ފޮނުވީ އެ މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވް އަހުމަދު އަސްލަމް އާއި ހެލްތުގެ ލީގަލް އޮފިސަރު ލ.ގަން ފެއަރީ ގާޑެން އަލީ ޝިހާމާއި ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓާ އަބްދުﷲ ހަފީޒް، މުޝްތަރީގެ/ ހއ.ދިއްދޫ އާއި ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސާ، ހުސައިން ނިޔާޒު އަދި ހެލްތުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ޝަރީފްއަށެވެ.

އެ މައްސަލާގައި ދައުވާ ކުރުމަށް ފޮނުވައި އޭސީސީ އިން އޭރު ނެރުނު ބަޔާނުގައި ބުނީ ކުރީގެ މިނިސްޓަރު އަމީންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރު ގަތުމަށް ހަވާލުކުރުމުގެ މަސައްކަތް ފެށީ ޑަބްލިއުއެޗްއޯއިން ދިން މައުލޫމާތަށް ކަމަށް ބުނެ އޭރުގެެ ހެލްތް މިނިސްޓަރު ބިޑް ކޮމިޓީއަށް ދިން މައުލޫމާތުތަކަކާ ގުޅިގެން ކަމަށްވާތީ އެވެ.

ބިޑް ކޮމިޓީގައި އެ މަސައްކަތް ހިނގަމުން ދިޔައިރު އެ ކޮމިޓީގައި ބައިވެރިނުވާ ދެ މެންބަރަކު ބިޑް ކޮމިޓީގައި ބައިވެރިވުމަށް އޭރުގެ މިނިސްޓަރު ބާރު އެޅުއްވި ކަމަށް ތަހުގިގަށް ސާބިތުވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ. އަދި 75 ވެންޓިލޭޓަރުގެ އެޑްވާންސުގެ ގޮތުގައި 90 ޕަސެންޓް ފައިސާ ދުބާއީ ކުންފުންޏަށް ދެއްކުމަށް އޭރުގެ މިނިސްޓަރު ބާރު އަޅުއްވާފައިވާކަން ވެސް ތަހުގީގަށް އެނގޭ ކަމަށް ވެސް އޭސީސީއިން ބުންޏެވެ.

އޭސީސީއިން އަމީނަށް ދައުވާކޮށްދިނުމަށް އެދުނީ ގާނޫނުލް އުގޫބާތުގެ 511ވަނަ މާއްދާގެ (ހ)ގެ (2) އާއި އެ ގާނޫނުގެ 512ވަނަ މާއްދާގެ (ހ) އާއި ހަމަ އެ ގާނޫނުގެ 513 ވަނަ މާއްދާގެ (ށ) އަދި އެ ގާނޫނުގެ 313 ވަނަ މާއްދާގެ (ހ)ގެ (1)ގެ ދަށުންނެވެ. އެއީ، ރަސްމީ ހައިސިއްޔަތުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ސައްހަ ނޫން މައުލޫމާތެއް ދިނުމުގެ ކުށް ބަޔާންކުރާ މާއްދާތަކެވެ.

ބިޑް ކޮމިޓީގެ ޗެއާ ނިޝާމާ ހިމެނޭ ގޮތުން އެ ކޮމިޓީގެ ހަތަރު މެންބަރުންގެ މައްޗަށް ދައުވާ ކުރަނީ މާލިއްޔަތު ގަވާއިދުގައި ބުނާ ގޮތަށް ޑިއުޑިލިޖެންސާއި ޓެކްނިކަލް އިވެލުއުއޭޝަން ހެދުމެއް ނެތި ވެންޓިލޭޓަރުތައް ގަންނަން ބަޔަކާ ހަވާލުކުރަން ނިންމާފައިވާތީ އާއި މަސައްކަތް ހަވާލުކުރި "އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން"ގެ ނަމުގައި ބިޑް ކޮމިޓީއަށް ކޮޓޭޝަނެއް ހުށަހެޅިފައި ނެތް ނަމަވެސް ޑރ. އަލީ ޓުކްމަޗީގެ ނަމުގައިވާ ހުށަހެޅުމެއް އިވެލުއޭޓްކޮށް ފަހުން ދުބާއީ ކުންފުނީގެ ނަމަށް ލިޔުންތައް ބަދަލުކޮށްފައިވާތީ އެވެ. އޭސީސީއިން ތުހުމަތު ކުރަނީ ބިޑް ކޮމިޓީގެ މެންބަރުން އެގޮތަށް އަމަލުކުރީ، ޑރ. އަލީއަށް އެ މަސައްކަތް ހަވާލުކުރުމުގެ ނިޔަތުގައި ކަމަށެވެ.

އެކަންކަމާ ގުޅިގެން ބިޑް ކޮމިޓީގެ މެންބަރުންގެ މައްޗަށް ދައުވާ ކުރަން އޭސީސީއިން އެދިފައި ވަނީ ގާނޫނުލް އަގޫބާތުގެ 512 ވަނަ މާއްދާގެ (ހ)ގެ 1 އާއި ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ. އެއީ ރަސްމީ ވާޖިބު އަދާކުރުމުގައި ހިންގާ އެކަށީގެން ނުވާ އަމަލާއި ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ބޭނުން ކުރުމުގެ ކުށް ކަނޑައަޅާ މާއްދާ އެވެ.

ހެލްތުގެ ފައިނޭންސް އެގްޒެކެޓިވް އަސްލަމްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މާލިއްޔަތު ގަވާއިދާ ހިލާފަށް ޑިއު ޑިލިޖެންސް ނުހަދާ ވެންޓިލޭޓަރު ގަންނަން ބިޑް ކޮމިޓީއަށް ހުށަހެޅުންތަކެއް ހުށަހަޅާފައި ވާތީ އާއި އަދި ގެރެންޓީއެއް ނުނަގާ ތަކެތީގެ އަގަށްވާ 90 ޕަސެންޓް ފައިސާ އެ ކުންފުންޏަށް ދައްކާފައިވާތީ އަދި އެކަމާ ގުޅޭ އެންމެހާ ކަންކަން އޭނާގެ ބެލުމުގެ ދަށުން ގާނޫނާ ހިލާފަށް ކޮށްފައި ވާތީ އެވެ. އޭނާގެ މައްޗަށް ވެސް ދައުވާކޮށްދޭން އެދެނީ ރަސްމީ ހައިސިއްޔަތުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލުތައް ހިންގާފައި ވާތީ އަދި ސައްހަ ނޫން މައުލޫމާތު ދީފައިވާތީ އެވެ.

ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރު ހަފީޒުގެ މައްޗަށް ދައުވާ ކުރަން އެދުނީ މާލިއްޔަތު ގާނޫނާ ހިލާފަށް ދުބާއީ ކުންފުންޏަށް ފައިސާ ދޭން ސެޕް ސިސްޓަމް މެދުވެރިކޮށް ޕީއޯ ހެދީ އޭނާ ކަމަށްވާތީ އެވެ. އަދި ދުބާއީ ކުންފުނިން ވެންޓިލޭޓަރުތައް ސަޕްލައިކޮށް ނުދެނީސް އެތަކެތި ލިބިފައިވާ ކަމަށް ސެޕް ސިސްޓަމަށް އެންޓާކޮށްފައި ވާތީ، ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސާ ނިޔާޒުގެ މައްޗަށް ދައުވާކޮށް ދިނުމަށް ވެސް އެދިފައިވެ އެވެ.

ހެލްތުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ޝަރީފުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދުނީ ޕޭމަންޓް ޕްރޮސެސްކުރަން ސެޕްސިސްޓަމްގައި ޕޭމަންޓް އެޕްރުވަލް ޕޯސްޓްކުރީ އޭނާ ކަމަށް ވާތީ އެވެ.

ވެންޓިލޭޓަރު މައްސަލާގައި މިނިސްޓަރުގެ މަގާމުގައި ހުންނެވި އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނިކޮށް އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

comment ކޮމެންޓް