ޝޭރްޝާހްގެ މަސައްކަތް ސިދާތު ނިންމާލައިފި

ޝޭރްޝާހްގެ މަސައްކަތް ސިދާތު ވަނީ ނިންމާލާފައި---

އެކްޓަރު ސިދާތު މަލްހަތްރާ، 35، "ޝޭރްޝާހް"ގެ މަސައްކަތް ނިންމާލައިފި އެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުއަރާފައިވާ ކުޅަދާނަ ތަރިން ކަމަށްވާ ކިއާރާ އަދުވާނީ އާއި ސިދާތު މި ފިލްމުން ފެނިގެންދާއިރު މި ފިލްމަކީ ސިދާތު އާމީ އޮފިސަރެއްގެ ރޯލުން ފެނިގެންދާނެ ފިލްމެކެވެ. އިންޑިއާގެ އަސްކަރީ އޮފިސަރެއް ކަމަށްވާ ވިކްރަމް ބަޓްރާގެ ބައޮގްރަފިކަލް ޑްރާމާގައި ސިދާތު ޑަބަލް ރޯލު ކުޅޭނެއެވެ. އެއީ ވިކްރަމްގެ ރޯލާއި އޭނާގެ އެއްމާބަނޑު ވިޝާލްގެ ރޯލެވެ.

ދަރުމާ ޕްރޮޑަކްޝަން އިން ޕްރޮޑިއުސްކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ ވިޝްނޫވަރުދާން އެވެ. ޝޭރްޝާހް ވެގެންދާނީ ކިއާރާ އާއި ސިދާތު ސްކްރީނުން އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމަށެވެ. އެހެންކަމުން ދެތަރިންގެ ފޭނުން ތިބީ އެދެމީހުންގެ ކެމިސްޓްރީ ބަލާލަން ކެތްމަދުވެފަ އެވެ.

ލޮކްޑައުންއަށް ފަހު މަސައްކަތްތަށް ސިދާތު މިހާރު ނުކުމެފައިވާއިރު އޭނާގެ އަތުގައި މިހާރު ދެތިން ފިލްމެއްގެ މަސައްކަތް އެބައޮތެވެ. އެއީ މުރްނާލް ތާކޫރު އާއެކު ސިދާތު ކުޅޭ "ތަދަމް" އަދި ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ގެނެސްދޭ އެކްޝަން ތުރިލާ ހިމެނެ އެވެ.

އެކްޓަރު ސިދާތު ބޮލީވުޑަށް ތައާރަފްވީ 2012 ވަނަ އަހަރު ނުކުތް ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާ" އިންނެވެ. އެ ފިލްމަކީ އާލިއާ ބަޓް އާއި ވަރުން ދަވަން ވެސް ބޮލީވުޑަށް ތައާރަފްވި ފިލްމެވެ.

comment ކޮމެންޓް