އަންދުލުސްގެ ޕްރިންސް 3

އަންދުލުސް ޕްރިންސް

"ޔާﷲ " އޭނަ ދުޢާކުރެއްވިއެވެ. "އިތުރަށް ކުރިއަށް ދެވޭނެ މަގެއްނެތްކަން އިބަސުވާމީންގެ ހެކިވެ ވޮޑިގަންނަވާނެ. ކަނޑު ހުރަހަކަށް ނުވިނަމަ ޒުލްގަރުނައިން ފަދައިން ﷲގެ ދީން ދިފާއުކޮށް ޚާލިގުވަންތަ އިލާހަށް އުރެދޭ އަޅުތަކުންނާއި ދެކޮޅަށް ހަގުރާމަ ކުރުމުގައި އަޅުގަނޑު މުޅި ދުނިޔެ ކަޑައްތު ކުރާނަން..."

***

އުއްމު ތާރިގު އިޝާ ނަމާދު ކުރެއްވުމަށްފަހު އަވަހާރަފުޅަށް އޮށޯވެ ވަޑައިގަތުމުގެ ކުރިން ދަރިކަލުން ގެ ކޮޓަރީގެ ދޮރު ހުޅުވައިލެއްވިއެވެ. ތާރިގްގެ ދާންމަތި ކޮޅު ހުހަށް ހުރުމުން ހާސްކަމާއެކު ޒިޔާދުއަށް ގޮވާލެއްވިއެވެ. ރޭގަނޑު މިގަޑީގައި ތާރިގް ވަކި ވަޑައިގަންވާނީ ކޮންތާކަށް ހެއްޔެވެ؟ އުއްމު ތާރިގުއާއި ޒިޔާދު އަވަށްޓެރި ގޭގެއަށް ޒިޔާރަތްކުރެއްވިއެވެ. އެކަމަކު ތާރިގުގެ ޚަބަރެއް ނުވުމުން ހިތްޕުޅަށް ދަތިކަން ލިބި ވަޑައިގަތެވެ. އުއްމު ތާރިގު އިށީދެ ވަޑައިގެންނެވީ ތާރިގު އިންނަވާ ފަތްތަރުމަތީގައެވެ.

"ޔާ ޒިޔާދު. ދަރިފުޅަށް ކިހިނެއްވީތޯ؟ " އުއްމު ތާރިގުގެ ލޯފުޅުން ކަރުނަ ފޮދު ތިރިއަށް ދެމިގަތެވެ.

"ހީވަނީ މިންހާޒް އޭނަ ހައްލާލައިގެން ދިޔައީހެން...."

"ދަރިފުޅު ނުފެނިއްޖެއްޔާ ދުނިޔޭގައި އުޅޭނެ ގޮތެއްވެސް ނޭގޭ. މިހާރުއްސުރެން ފަޅުކަން އިހުސާސްކުރެވެން ފަށައިފި." އުއްމު ތާރިގުގެ ކީރިތިކުރެއްވުމުގެ އަޑު ގޭތެރޭގައި ހަރުލިއެވެ.

"ހިތްވަރުކުރޭ އުންމު ތާރިގު. އަހަރެން އޭނަ ހޯދާނަން އިންޝާﷲ" ޒިޔާދު ވިދާޅުވިއެވެ.

"މާތްﷲ އެ ދަރިފުޅު ގެއްލެނި ނުކުރައްވާ އެންމެންގެ މައްޗަށް ގަދަކަން ދެއްވާދޭވެ.." އުންމު ތާރިގު ދުޢާކުރެއްވިއެވެ.

***

އޭރު ކުސައިލާ ސިއްރުން ރޫމީންނާއި ގޫތުންގެ އެހީއަށް އެދި އޭނަގެ ގާސިދުން އެކި ސަރަހައްދުތަކަށް ފޮނުވާލައިފިއެވެ. ގުތުބާއާއި އަރަބިންގެ ފަރާތުން ބަދަލުހިފަން ބޭނުންވެފައި ހުރި ކުސައިލާ އެންމެ މިނިޓެއްވެސް ނަގާނުލާ ވިސްނުންތެރިކަމާއެކު ރޭވުންތައް ރާވަމުން ދިޔައިރު ގުތުބާގެ ޖާސޫސުންނަށް އޭނައާއިމެދު ޝައްކު ކުރެވުނު ކަމަކަށް ނުވިއެވެ. ކުސައިލާގެ ފަރާތުން އައި މީހަކު ޒިޔާދުގެ ޚިޔާލު ބަލައިލަން ވާހަކަ ދައްކައިލިއިރު ޒިޔާދު ހުރި ކަމަށްވަނީ މުސްލިމުންނާއެކުގައެވެ. ތެދުވެރި ވަފާތެރި މުސްލިމެއްގެ ގޮތުގައެވެ. އޭނަގެ ހިތުގައި ކުސައިލާއަށްޓަކާ އޮތީ ނަފްރަތެވެ. ރުޅިވެރިކަމެވެ. މިންހާޒް ތާރިގް ބިން ޒިޔާދުއަށް އޮޅުވައިލައިގެން އެމީހުންގެ ލަޝްކަރު ތަމްރީން ހަދާ ހިސާބަސް ގެންގޮސް ތަމްރީނުތަކުގައި ބައިވެރި ކުރުވިއެވެ. ބިންޒާގެ މަގުސަދަކީ ތާރިގް ހަގުރާމައިގެ އެންމެ ވަރުގަދަ ފަހުލަވާނަކަށް ހެދުމެވެ.

އިރުއޮއްސި އަނދިރިވުމާއެކު މުޅި ހިސާބުގައި ޗާދަރެއް ފަދައިން އަނދިރިކަން ވަށާލައިފިއެވެ. ބައެއް ހަގުރާމަވެރިން އަލިފާންތައް ރޯކޮށްލުމުން ފަނޑު އަލިކަމެއް ފާއްދާލައެވެ. އަލިފާނުގެ ސަބަބުން ފިނިކަން ކުޑަވެ ހީފިލުވާދިނެވެ. ތާރިގް އޮންނެވީ ގަހެއްގެ ތިރި ގޮތްޕެއްގައި އެލުވާފައިވާ ގަތާލެވިފައިވާ ދާނެއްގައި އޮށޯވެ ވަޑައިގެންނެވެ. އޭނަގެ ޚިޔާލުފުޅު އެކި ދިމާލުގައި އެނބުރެމުން ދިޔައެވެ. ބިންޒާ ތަންކޮޅެއް ދުރުގައި އަލިފާންގަނޑެއް ރޯކޮށްލައިގެން މަސް ފިހެން އިންއިރު ތާރިގުއަށް ދޭތެރެއަކުން ސަމާލުކަން ހުއްޓެއެވެ. ބިންޒާ ރޮށްޓަކާާ ފިހުނު މަސްގަނޑެއް ތަށްޓަކަށް ލައިގެން ގެނެސް ތާރިގު އަތްޕުޅަށް އެރުވިއެވެ. ތާރިގު އިންކާރު ކުރެއްވިއެވެ.

"އަޅުގަނޑު ކާހިތެއްނުވޭ.." އެ ޖުމްލައިން ބިންޒާގެ މޫނުމަތިން ހިތާމައިގެ ކުލަވަރު ފެނިލިއެވެ. މޭގައި އަތް ޖައްސާފައި އެކިގޮތްގޮތަށް އާދޭސްކުރަން ފެށުމުން ގަދަކަމުން ފަރިއްކުޅުއްވިއެވެ.

"ކޮން ޚިޔާލެއްގައި" ބިންޒާ އޭނަގެ ބަހުރުުވައިން ސުވާލުކުރިއެވެ.

"މި ވިސްނަނީ މަންމައާއި ބައްޕައާ ދޭތެރޭ. ހާލުކޮޅެއް އޮޅުން ނުފިލާތީ ހިތަށް ދަތިކަން ލިބޭ. މިކުރެވުނީ އެންމެ ރަގަޅުކަމެއް ބާވައޭ ހިތަށް އަރާ. އެކަމަކު މަންމަމެން އަޅުގަނޑުދެކެ ވާ ލޯބިން ގޭގައި އެގޮތަށް ހިފަހައްޓަވައިގެން އުޅުއްވަފާނެކަމުގެ ބިރު ހީވޭ. މިހާރު އަޅުގަނޑަކީވެސް ކުޑަކުއްޖެއްނޫން. އެހެންވީމ ހަގުރާމައިގެ ތަމްރީނުތަކަށް މިހާރުއްސުރެ ދާން އެބަޖެހޭކަމުގައި އަޅުގަނޑުގެ ޟަމީރު ބުނެދިނީ. ހަމައެކަނި ލޫލޫ ނޫނީ އައްބާދުއަށްޓަކާ އެއް ނޫން. އަބަދުވެސް ބޭނުންވީ ކުޅަދާނަ ހަގުރާމަވެރިއަކަށް ވާން. އޭރުން ބައްޕައާއި މަންމަގެ ހިތްޕުޅަށް ހަމަޖެހުން ލިބި ވަޑައިގަންނަވާނެ. ކީކޭ ބިންޒާ ބުނަނީ......." ތާރިގުގެ ނަޒަރު ބިންޒާގެ މޫނަށް ހުއްޓުނެވެ.

އެދެމީހުން ދައްކާ ވާހަކައަށް ބިރުވެރިވި މިންހާޒު ދުރުގައި ބަލަން ހުރެފައި ކައިރިއަށް އައުމަށްފަހު ތާރިގުއަށް ހިތްވަރުދިނެވެ. މަންމާފުޅާއި ބައްޕާފުޅު ގެ ހާލުު ރަގަޅުކަމަށާއި އެކަމާއިމެދު ނުވިސްނަން އެދުނެވެ. އެމީހުންނާއި މުސްލިމް ލަޝްކަރު ގުޅިގެން ސަބްތާ އަދި ސްޕެއިން ހިފާނެކަމުގައި ބުނެ ފޮނި ކެނޑިއެވެ. ބިންޒާ ކޮންމެވެސް ކަމަކު އެއްފަރާތްވުމާއެކު މިންހާޒް ހަދާންކޮށްދިނީ ތާރިގް ކަނޑުން ސަލާމަތްކޮށްދިނީ އޭނަ ކަމެވެ.

"ތާރިގު. އަޅުގަނޑު އަމިއްލަ ނަފުސް ނުރައްކަލުގެ ތެރެއަށް ވައްޓާލާފައި ކަނޑަށް ފުންމައިލީ. ބިންޒާ އެ މަސައްކަތުގެ ބައި ނަގަންވެގެން އަހުގައި ތާރިގު ގެންގޮއްސަ އެހެން މީހުންނަށް ދައްކުވާދިނީ އޭނަ ތާރިގު ސަލާމަތްކުރިކަން. އެކަމަކު ހަގީގަތް ދެނެވޮޑިގެންވަނީ މާތް ރަސްކަލާނގެ...." މިންހާޒު ހަގީގަތް އޮޅުވައިލަން މަސައްކަތްކުރިއެވެ.

ތާރިގު ގެ ޅަކަމުން އެކުވެރިންނާއި ދުޝްމިނުން އަދި ހެޔޮ ވާހަކަތައް ވިސްނައިގަންނާކަށް ނޭގުނެވެ.

ތާރިގު ދުނިދަނޑީގައި ހިފަހައްޓައިގެން ހުންނަވާ ދުންޏެއް ރުވައިލިއެވެ. އެދިޔައީ ހުހަށެވެ. ބިންޒާ ތާރިގުގެ އަތުގައި ހިފަހައްޓާލާފައި އަމާޒަށް ދުނިދަނޑި ޖައްސަވަން ދަސްކޮށްދޭން ފެށިއެވެ. އެއީ ފެށުމެވެ. ބިންޒާ އެދުރުކަމުގައިވެ ހަގުރާމައިގެ ތަމްރީނުތައް އޭނައަށް ޚާއްސަކޮށްގެން ދޭން ފެށުމުން ތާރިގު ފަރިތަވާން ފެށިއެވެ. ތަމްރީންތަކުގައި އެންމެ އަރިހުގައިވެ އެންމެ އެހީތެރިކަން ފޯރުކޮށްދެނީ އޭނައެވެ. އުސްތާޒަކީ އެހީތެރިއަކީ އެންމެ ގާތް އެކުވެރިއަކީވެސް އޭނައެވެ. މަންމައާއި ބައްޕަގެ ހަދާންތައް އާވެ ވާހަކަދައްކަވާއިރު ހިތްޕުޅު ހަމަޖެހި ފިނިކަމެއް ލިބެނީ އޭނަގެ ފަރާތުންނެވެ.

***

ސަބްތާގެ ވެރިކަން ކުރައްވާ ގަވަރުނަރު ޖޫލިއަންއަކީ ރޫމީންގެ ފަރާތުން އެރަށާއި ހަވާލުވެގެން ހުންނަވާ ފަރާތެވެ. މުސްލިމުން ތަންތަން ފަތަހަކުރަމުން އައިއިރު އޭނަގެ ކިއްލާ ފަތަކަ ކުރަން ކުރި މަސައްކަތް ނާކާމިޔާބުވިއެވެ. ސަބްތާ ނުވަތަ ކުއެޓާއަކީ މެޑިޓެރޭނިއަން އާއި ޔޫރަޕް ގުޅުވާދޭ އެންމެ މުހިއްމު އެއް ހިސާބެވެ. ޖޫލިއަންގެ ހިކުމަތްތެރިކަމުން އޭނަ މުސްލިމުންނާއި ކޮންމެވެސް ވަރެއްގެ ގުޅުމެއް ބާއްވާ ރެކިގަނެގެން ގުތުބާ ބިން ނާފިއުވެސް އެހެން ދިމާލަކަށް ފޮނުވީއެވެ. އަދި އުގުބާ ހަގުރާމަކުރަން ޖެހިވަޑައިގަންނަވާ ރޫމީންތަކެއް މި ސަރަހައްދުގައި ތިބިކަމަށް ބުނުއްވާ އޭނަގެ މިސްރާބު ބަދަލުކުރެއްވިއެވެ. ޖޫލިއަން ދޭތެރެއިން އެފްރިކާގެ ރަށްތަކަށް ދަތުރުކޮށް ވިޔަފާރިކޮށް އަސް ބާޒުފަދަ އެއްޗެހި ޔޫރަޕަށް ގެންގޮސް ހަދައެވެ. އެ މަސައްކަތުގައި އޭނަ ނާފަހަރު ގެންގުޅެއެވެ.

ޖޫލިއަންގެ ދެ އަންހެންދަރިންގެ ތެރެއިން ފްލޮރިންޑާއަކީ ރީތިކަމާއި ފަރިކަން ލިބިފައިވާ ފުރިހަމަ އަންހެންކުއްޖެކެވެ.

ޖޫލިއަންގެ ގަނޑުވަރުގެ ކޮޓަރިއެއްގެ ތެރެއިން މުއްސަދިކަމުގެ ކުލަވަރުތައް ފެނެއެވެ. އެނދުގައި އަޅާފައިވާ ރަޖާ ގަނޑާއި ދޮރުތަކުގައި ދަމާފައިވާ ފަރުދާތައްވެސް ހުރީ ބިލަމަގު މަލުގެ ކުލައިގައެވެ. އެނދުގެ ދެފަރާތުގައި ހުރި އުއްބައްތި ތައް ދިއްލާލާފައެވެ. ފްލޮރިންޑާ އެނދުގައި އޮށޯވެލައިގެން އޮތްއިރު އެނދުމަތީ ދެފައި ވަށްކޮށްލައިގެން އަރަ އިނީ ލުއުލުއާއެވެ. ލުއުލުއާއަކީ އޭނަގެ ބައްޕަ ބާޒާރުން ގަނެގެން ގެނެސްދެއްވި އަޅު އަންހެންކުއްޖެކެވެ.އެކުއްޖާއާއި ފްލޮރިންޑާއާއި ދެމެދު އަޚު ވަންތަކަން ހިނގަން މާ ގިނަ ދުވަހެއް ނުނެގިއެވެ.

"ރަށުގެ ވާހަކަ ކިޔާދީބަލަ ޔާ ލޫލޫ......"

"ފެހިކަން ގަދަ ގަސްތަކާއި ފަރުބަދަތައް އަދި ކުދި ގެތަކާއި ފޭލިގެތަކާއި ވާދީތަކުގެ އިތުރުން ކަނޑުގެ އައްސޭރިފަށް. އަޅުގަނޑުގެ އެކުވެރިންނާ ތާރިގްއާއި އެއްކޮށް މޫދު ކައިރިއަށްގޮސް ވާހަކަ ދައްކާލަން ތިބެން. އެތާ އޮންނަ ބޮޑު ހިލަގަނޑުމަތީ އަޅުގަނޑު އިންނަން. އެއީ ވަރަށް ރީތި ހަދާންތަކެއް. ތާރިގުއަކީ ވަރަށް ކުޅަދާނަ މޮޅު ބަތަލެއް. ފަތަން އެނގޭ. އަސްދުއްވަންވެސް ދަނޭ. އެހިސާބުގެ ހުރިހާ ފިރިހެންކުދިންނަށްވުރެ ތާރިގު ބާރުގަދަ....." ލުއުލުއާ ހިތާމަވެރިގޮތަކަށް ހިނިތުންވެލިއެވެ.

"ތާރިގު އަކީ އެކުވެރިއެއްތަ؟ "

"އާދެ....."

"އެންމެ ފަހުން ދިމާވީ ކޮންތާކުން؟ "

"އެމީހުން އަޅުގަނޑުމެން ވަގަށް ނަގައިގެންގޮސް ކޮށްޓަކަށް ލައިގެން އަސްގާޑިޔާއެއްގައި ޖަންގަލީގެ މަގަކުން ގެންދިޔަ. ތާރިގު އަޅުގަނޑުމެންގެ ފަހަތުން ދުވެފައި އައީ. އެކަމަކު އަސް ގާޑިޔާ އަތުލެވުމުގެ ނަސީބެއް ނުލިބުނު. ފްލޮރިންޑާ ގަބޫލުކުރައްވާނެ ކަމެއްވެސް ނޭގޭ. އޭނަ އަޅުގަނޑުމެންގެ ނަވުގެ ފަހަތުން ފަތާފައި ވަރަށް ދުރަށް އައި...." ލުއުލުއާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.

"ނޫން ލޫލޫ ބުނާ ކޮންމެ އެއްޗެއް ގަބޫލުކުރަން. ތީ ދޮގު ހަދާ ކުއްޖެއްނޫން.." ފްލޮރިންޑާ ދެރަވެސްވިއެވެ. އެކުވެރިންނާއި ވަކިވެގެން ލުުއުލުއާ އައިސްފައި ހުރުމުން އެހަދާންތަކާއި ވަކިވާން ދުވަސްނަގާނެއެވެ. އަދި އެކުއްޖާގެ އާ ދީނަކީވެސް ފްލޮރިންޑާ އަޖައިބު ކުރުވަނިވި ކަމެކެވެ. އެނަ އަޅުކަންކުރާގޮތް ތަފާތެވެ. އަޅުކަމަށް ފެށުމުގެ ކުރިން ފެނުން ބައެއް ގުނަވަންތައް ދޮވެލާއިރުވެސް އޭނަ ބަލަން އިންނަނީ ހައިރާންކަމުގެ ނަޒަރަކުންނެވެ.

***

ތާރިގުގެ ބައްޕާފުޅު އަހުގައި އެކި ދިމާލަށް ދަތުރުކުރައްވާ ދަރިފުޅުގެ ޚަބަރު ހޯއްދެވުމުގައި ވަރުބަލިކަމެއްނެތި އެކި ދިމާލަށް ދަތުރުކުރައްވައެވެ. އުއްމު ތާރިގުވެސް ދަރިފުޅުގެ އިންތިޒާރުގައި ވަގުުތުތައް ގުނުއްވައެވެ. އިރުއޮއްސުމުން އަނބުރާ ގަބީލާއަށް ވަޑައިގަންނަވަނިކޮށް މަގުމަތިން އަސްވާރަކާއި ދިމާވިއެވެ. އޭނަ ހުރީ މޫނު ނިވާކޮށްގެންނެވެ. ޒިޔާދު އެމީހާ ކައިރިންވެސް ޒިޔާދުގެ ވާހަކަ އެއްސެވިއެވެ.

"އެކުއްޖާ ހުރިތަން އެނގޭ. އެކަމަކު އެހިސާބަށް ފޯރެން އޮތީ އެންމެ ގޮތަކަށް. އެއީ އިސްލާމްދީން ދޫކޮށްލުން..." ކުސައިލާގެ ހަގުރާމަވެރިޔާ ހަރުކަށިގޮތަކަށް ބުނެލިއެވެ.

"އަހަރެން މިހިރަ މާތް ދީނަށްޓަކާ އަމިއްލަ ނަފުސް ކީއްކުރަން ދަރިންނާއި އަނބިމީހާވެސް ގުރުބާން ކުރަން މިހިރީ. ދުވަހަކު ދަރިފުޅު ލޮލަށް ފެނުމުގެ ނަސީބެއް ނެތަސް ހެޔޮ. ދީން ދޫކޮށެއްނުލާނަން..." ޒިޔާދު ވިދާޅުވިއެވެ.

"އެހެން ވިއްޔާ ދަރިފުޅު ހޯއްދެވުން ހުއްޓަވާލައްވާ.." އެމީހާ އިންޒާރުދިނެވެ.

"ކަލެއަކަށް އަހަންނަށް އަމުރެއް ނުކުރެވޭނެ.."

"މިއައީ މިންހާޒްގެ ފަރާތުން. ތާރިގުވީ މިންހާޒް ގާތު. ކުސައިލާގެ ލަޝްކަރާއި ގުޅިއްޖެއްޔާ ދަރިފުޅު އަނބުރާ ލިބިދާނެ...."

"އަހަންނަށް ކުސައިލާގެ މުނާފިގުކަން ރަގަޅަށް އެނގޭ. އަހަރެން އެކަހަލަ މީހެއްގެ ލަޝްކަރާއި ގުޅޭކަށް ނެތިން. ބަރުބަރަކަށް ވިޔަސް އަރަބިންނާ ގުޅެން އަހަންނަށް މާ ކަމުދޭ. ކަލޭމެން ބޭރުފުށުން އިސްލާމްދީނަށް ވަނަސް ތެދުވެރި މުޖާހިދުންކަމެއް ގަބޫލެއްނުކުރަން. މިންހާޒުއަށް އަންގާ. ދުވަހަކު ދަރިފުޅު އަނބުރާ ނުލިބުނަސް އެ ލަޝްކަރާ ނުގުޅޭނަމޭ..." ޒިޔާދު އަސް ދުއްވާލީ އަވަށާއި ދިމާލަށެވެ. އެމީހާ ގުޑިވެސް ނުލާ ބަލަން ހުރީ ޖެހި ތަބެއްފަދައިންނެވެ. ޒިޔާދުގެ އަގީދާއާއިމެދު ހައިރާން ނުވާވަރެއް ނޫނެވެ.

ޒިޔާދު ހުސްއަތާ އެނބުރި ވަޑައިގަތުމުން އުއްމު ތާރިގުގެ ހިތްޕުޅުކުދިކުދިވިއެވެ. އެލޯފުޅުން ކަރުނަފޮދު ހިކޭކަމަކަށް ނުވިއެވެ. ޒިޔާދު އަނބިކަބަލުންގެ ލޯފުޅުން ކަރުނަ ފޮދު ފޮހެދެއްވިއެވެ. ގުރުއާނުގެ ޔޫސުފް ސޫރަތުން ހިތްވަރު ހޯދަން އެދިވަޑައިގެންނެވި އެވެ. ޔައުގޫބު އަލައިހިއްސަލާމް ރަސޫލުބޭކަލަކަށް ވީ ހިނދުވެސް ލޯބިވާ ދަރިކަލުން ޔޫސުފް އަލައިހިއްސަލާމް އާއި ވަކިވެ ވަޑައިގަތުމުގެ އިމްތިހާނު ކުރިމަތިވެވަޑައިގަތެވެ. އެހިތާމައިގާ އެތައް އަހަރެއް އެކަލޭގެފާނު ހޭދަކުރެއްވިއެވެ. އެފަދައިން މާތްﷲ އަޅުތަކުން އިމްތިހާނު ކުރައްވައެވެ. ރަސޫލުބޭކަލުންނަކީ އެންމެ ލޯބިފުޅުވާ އަޅުތަކުންނަށްވިޔަސް އެބޭކަލުންނަށްވެސް އެފަދަ ބޮޑު އިމްތިހާނުތައް ދިމާވާއިރު އެހެން އިންސާނުންނަށްވެސް އެކަމާ ކުރިމަތިލާން ޖެހޭނެކަމަށް ގަބޫލު ކުރެވެންވާނެއެވެ.

***

މިންހާޒް ކުސައިލާގެ ގާތުގައި ތާރިގުގެ ވާހަކަ ދެއްކުމަށްފަހު ތާރުގި ގެނެސް ބައްދަލުކުރުވިއެވެ. ތާރިގުއާއި ދެކެވުނު ވާހަކަތަކަށްފަހު ހިތްޕުޅުގައި އޭނައާއިމެދު ހިތްހަމަނުޖެހުމާއި ނަފްރަތު އުފެދިވަޑައިގަތެވެ. ރަގަޅު މުސްލިމެއް ބާވައޭވެސް ހިތްޕުޅަށް އަރާ ވަޑައިގަތެވެ. އޭނަގެ ނިޔަތާއިމެދު ސުވާލު ކުރެވުނެވެ. އުގުބާގެ ލަޝްކަރާއެކު ހަގުރާމަކުރަން ދާއިރު ބަރުބަރުންގެ ވެރިޔަކަށް މިހިރަ މީހާގެ އިތުރުން ގިނަ ބަރުބަރުންނާއިމެދުވެސް އޭނަގެ އިތުބާރެއް ނެތެވެ. ކިތަންމެ ކުޑަވިޔަސް ތާރިގުގެ ވިސްނުންފުޅު ގޯހެއް ނޫނެވެ. އޭނަގެ ހިތްޕުޅުގައި މި ވެރިޔާއާއިމެދު ހިނގައިގަތްކަންތައް ޔަގީން ނުވިޔަސް އެއީ ހަގީގަތެވެ.

***

އުގުބާ ބިން ނާފިއު މަޣުރިބު ކަރަ ފަތަހަ ކުރައްވަން ފުރާވަޑައިގަންނަވަން އުޅޭ ޚަބަރު ލިބިވަޑައިގަތުމާއެކު ޒިޔާދު ގަސްތުކުރެއްވީ އޭނައާއެކު ހަގުރާމައަށް ވަޑައިގަތުމަށެވެ. ހަގުރާމައިގެ ހަތިޔާރުތަކާއި އަސް ތައްޔާރުކުރެއްވުގައި އަވަދިނެތި އުޅުއްވިއެވެ.

ދަރިފުޅުގެ ހިތާމައިގާ ކީރިތިކުރައްވާ ހަޅޭއްފުޅު ލައްވަން އިންނެވި އުންމު ތާރިގު ފިރިކަލުންނަށް ފަރިއްކޮޅު އެރުއްވިއެވެ.ޒިޔާދުގެ ފަހަތްޕުޅުގައި އިޝާ ނަމާދުކޮށްލައިގެން ތަސްބީހަ ވިދާޅުވާން އިންނެވިއެވެ. ކޮންމެވެސް މީހަކު ސަލާމް ގޮވުމުން ޒިޔާދު ނިކުންނެވިއިރު ދޮރުމަތީގައި ހުރީ މިންހާޒްއެވެ. ޒިޔާދުގެ މޫނުފުޅުމަތިން ކޯފާގެ އަސަރު ހިނގައިލިއެވެ.

"ކަލޭ ކީއްކުރަން ތިއައީ؟ ކޮބާ ތާރިގު؟ "

"ތިޔަކަމާ ވާހަކަ ދައްކަން މިއައީ. ތާރިގު ހެޔޮ ހާލުގައި ސަލާމަތުން އެބަހުންނެވި. ފާލުބަލާ މީހާ ބުނިފަދައިން ޒިޔާދުގެ ދަރިކަލުން ކުޅަދާނަ ޖެހިލުންކުޑަ ފަހުލަވާނަކަށްވާނެ. ވެރިޔަކަށްވާނެ. އެކަމާ އަޅުގަނޑަށް ޝުކުރުވެރިވާން ވީމަ ތިޔަ ދެކޮޅު ހައްދަވަނީ. ކުސައިލާއަކީ ބަރުބަރުންގެ ރަސްގެފާނު. އޭނަގެ އަރިސް ބޭފުޅެއްގެ ގޮތުގައި ތާރިގު ހުންނަވާނީ. އެކަމަކު ޒިޔާދުވެސް އަޅުގަނޑުމެންގެ ލަޝްކަރާއި ގުޅިވަޑައިގަންނަވަން ޖެހޭނެ...." މިންހާޒް ވާހަކަދެއްކީ ހަރުކޮށެވެ.

"ކަލޭ ތިޔަފަދަ އުއްމީދެއްގައި އައިއްޔާ ބޭކާރުކަމެއް. އަހަރެންނަށް ކުސައިލާ އެނގޭ. ކުރިންވެސް މުރުތައްދުވެ ދީނުން ބޭރުވެފައި ހުރީ. ދެންވެސް އޭނަ ތެދުމަގުގައި ހުންނާނެކަމާއިމެދު އަހަންނަށް ޝައްކު. އޭނަގެ އަމަލަށް ބަލާފައި ނިޔަތުގެ ގޯސްކަން އެބަ ފައުޅުވޭ. އަހަރެން ފަހަރެއްގައިވެސް އޭނަގެ ލަޝްކަރަކާއި ނުގުޅޭނަން.." ޒިޔާދު ވިދާޅުވިއެވެ.

"ރަސްގެފާނުގެ އެންގެވުންތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެ.."

"ކަލޭ މިތަނުންދޭ.." އުންމު ތާރިގު ކޯފާގެ ރާގަކަށް ވިދާޅުވިއެވެ.

"ޒިޔާދުވެސް ގޮވައިގެން ދާނީ..."

"އުންމު ތާރިގު. އަހަރެންގެ ކަނޑި ގެނެސްދީ..." ޒިޔާދު އެދިވަޑައިގެންނެވިއެވެ.

އުންމު ތާރިގު ކޮޓަރީގެ ދޮރު ހުޅުވާލައްވާފައި ވެންނެވިގޮތަށް ދެވަނަ ސިކުންތުގައި ތޫނު ކަނޑިއެއް އަތްޕުޅަށް ފޯރުކޮށްލަދިނެވެ. އެމަންޒަރު ބަލަން ހުރި މިންހާޒުގެ ލޮލުން ބިރުވެރިކަން ފެނިލިއެވެ.

"ކަލޭކަހަލަ ދީން ގަބޫލުނުކުރާ މީހަކާއި ޖިހާދުކުރުން މަށަށް ވާޖިބުވެއްޖެ. އަހަންނާއި ދެކޮޅަށް ލޯބިވާ ދަރިފުޅު ގެންގޮސް އެ މުނާފިގު ބައިގަނޑާއެކު ތިޔަ ގެންގުޅެނީ. ކަލެއަށް ހަލާކު ހުރި..." ޒިޔާދު ކަނޑި އެތިފަހަރެއް ހޫރާލެއްވިއެވެ. ދެމީހުން ހަގުރާމަފެށުމުން އުންމު ތާރިގު އެ މަންޒަރު ބައްލަވަން ހުންނެވީ އުއްމީދާއެކުގައެވެ. ނަމަވެސް މިންހާޒްގެ އަތުން ޒިޔާދު ޝަހީދުވެގެން ވެއްޓުނު މަންޒަރާއެކު އެކަމަނާގެ ހިތްޕުޅު މުޅިން ހަލާކުވިފަދައެވެ. ފިރިކަލުންނާއި ދަރިކަލުންގެ ނަމުން ވިދާޅުވެ ކީރިތި ކުރައްވަން ފެއްޓެވިއެވެ. މިންހާޒު ލިބުނު ފުރުސަތުގައި އަވަހަށް އެގެއިން ނުކުމެގެންގޮސް އޭނަގެ އަހަށް ސަވާރުވެ ކުރިއަށް ދުއްވާލައިފިއެވެ. ތާރިގުއަށް އެ ޚަބަރު ލިބި ވަޑައިގެންފިއްޔާ ބަދަލު ހިފާނެކަން ޔަގީންވެ އެކަން ފޮރުވަން ހިތުގައި އެކި ރޭވުންތައް ރޭވިއެވެ.

***

އުންމު ތާރިގުގެ ފިރިކަލުންނާއި ދަރިކަލުން ވަކިވެ ވަޑައިގަތުމުން ހިތާމަ ފުޅު ކުރައްވާ ހާލު ގެއިން ނުކުމެ ވަޑައިގެން އަވަށުން ނުކުމެވަޑައިގަތީ ދަރިކަލުންގެ ޚަބަރު ބެއްލެވުމަށެވެ. އެކަނިމާ އެކަނި ހިންގަވަނިކޮށް ދިމާވި ޝޭޚަކާއި ޝޭކުގެ ދަރިކަނބަލުންނާއި ދިމާވެ އެ ކަލޭގެފާނުގެ ފަރާތުން އެހީތެރިކަން ލިބިވަޑައިގަތެވެ. ދީނީ ބޭކަލަަށްވުމުން އުންމު ތާރިގަށް ހިތްވަރު ދެއްވިއެވެ. ނަމާދައި ދުޢާއިން ހިތްވަރު ހޯދަން އެކަމަނާއަށް ދެންނެވިއެވެ.

"އަޅުގަނޑުވެސް ދަތުރު މިކުރަނީ ދީނަށް ދައުވަތުދޭން. އަލަށް ދީނަށް ވަންނަ މީހުންނަށް ގުރުއާނާއި ހަދީސްތައް ކިޔަވާދީ ދީން ދަސްކޮށްދިނުމަށް ލިބިފއިވާ އިލްމުގެ ބޭނުން ހިފަމުން މިދަނީ...." ޝޭޚު ދެންނެވިއެވެ.

"މާތް ﷲ ކަލޭގެފާނަށް ތިކަންތައް ފަސޭހަކޮށް ދެއްވާށި..."

އުންމު ތާރިގު ފޭލިގޭގައި އޮންނެވިއިރުވެސް ދޭތެރެއަކުން ކީރިތިކުރައްވައެވެ.

***

ލަޝްކަރު ދަތުރަށް ފުރަން ތައްޔާރުވާން ފެށުމުން ތާރިގު ބޭނުންފުޅުވީ އެންމެ ފަހު ފަހަރަށް އޭނަގެ ގެއަށް ވަޑައިގެން މަންމަމެންގެ ހާލުކޮށް ބައްލަވާ ވަދާއީ ސަލާމް ކުރެއްވުމަށެވެ. ބިންޒާއާއެކު އަހުގައި ދަތުރުކުރައްވަމުން ދިޔަ މަގުމަތީގައި ބިންޒާ މަޑުކޮށްލިއެވެ. ތާރިގުއަށް އިންޒާރު ނުދީ ހުއްޓާ އެހެން ފަރާތަކުން ބައްޕާފުޅުގެ ޚަބަރު ލިބިވަޑައިގަތުމުން އަސަރުކުރައްވާނެ ވަރު އިތުރުވާނެއެވެ. އޭނަގެ ފަރާތުން އެނގުމުން އެކަންތަކާ ކުރިމަތިލަން ފަސޭހަވާނެއެވެ. އެކަމަކު ބިންޒާއަށް އެހިތްވަރެއް ނުލިބުނެވެ.

ގެއާއި އަރާ ހަމަޔަށް ވަޑައިގެންނެވިއިރު އިރު އޮއްސި އަނދިރިކަން ގަދަވެއްޖެއެވެ. ކޮޅުގައި އަލިފާން ރޯކޮށްފައިވާ ހުންނަ ޒާތުގެ ހޮޅިން ހަދާފައިވާ ބައްތި އެއް ހިފައިގެންގޮސް އެގޭގެ ދޮރު ހުޅުވާލެއްވިއެވެ. ގޭތެރެއަށް ވެރިވެފައިވާ ފަޅުކަމާއި ހިމޭންކަން ތާރުގުގެ ހިތްޕުޅުގައި ބިރުވެރިކަމުގެ ރާޅެއް ޖެހިއެވެ. "ޔާ އަބީ. ޔާ އުއްމީ........." ތާރިގު އޭނަގެ ބައްޕާފުޅާއި މަންމައަށް ގޮވަމުން ގޮސް ކޮޓަރިއާއި އަރާހަމަވެފައި ވަށައިގެން ނަޒަރު ހިންގަވައިލެއްވިއެވެ. ކަންވާރުތަކާއި ހިފާ ގެންގުޅޭ ސާމާނުތައް އެތަން މިތާގައެވެ. މިއިން ޒަމާނެއްގައި ބޭނުންކުރިހެނެއް ހިޔެއްނުވެއެވެ. އެނދު ތަންމަތިވެސް އެޅިގޮތަށެވެ. ތާރިގުގެ ހިތްޕުޅު އަވަސްވުމާއެކު ސިޑިއާއި ދިމާލަށް ހިންގައިވަގަތެވެ. އޭނައާއި ބައްދަލުކުރީ ފަޅުކަމެވެ. އެކަނިވެރިކަމެވެ. ތިރިއަށް ވަޑައިގެންނެވިއިރު މުސްކުޅި ފުރައިގެ އަވަށްޓެރިއަކު ހުރެފައި ތާރިގުއަށް ގޮވައިލިއެވެ.

"ބޭބޭ. ކޮބާ މަންމައާއި ބައްޕަ؟ "

"އަޅުގަނޑަށް އެނގިފައިވާ ގޮތުން މަންމާފުޅު އަރަބި ގާފިލާއަކާއެކު ދަތުރުކުރެއްވިތާ ދުވަސްގަނޑެއް ވެއްޖެ. ބައްޕާފުޅު............"

"އާނ ބޭބޭ ބުނެބަލަ. ބައްޕަވެސް ލަޝްކަރަކާއި ގުޅިވަޑައިގަތީތަ؟ " އަވަށްޓެރިޔާގެ މޫނަށް ވެރިވި ކުލަތަކާއެކު އިސްޖެހިގޮތުން އޭނަ ފަސްޖެހުނުކަން އެނގިވަޑައިގަތެވެ. އޭނަގެ އަތުގައި ހިފައިލަމުން ތާރިގުއަށް ހަލުވައިލެވުނެވެ. " ބައްޕާފުޅަށް ވީގޮތެއް ބުނެބަލަ ހެޔޮނުވާނެ. ކީއްވެ ފޮރުވަނީ؟"

ބިންޒާ ތާރިގުގެ ކޮނޑުގައި ހިފާލިގޮތުން އޭނައަށް ކަމެއް އެނގޭކަމުގެ އިހުސާސްކުރެވި ތާރިގު އޭނަ ކުރެން އެއްސެވިއެވެ. ދޮގުނަހަދާ ހަގީގަތް ސާފުކޮށްދޭން އެދިވަޑައިގަތެވެ. ބިންޒާ މޭގައި އަތް ޖައްސާފައި އެކިގޮތްގޮތަށް އަޑުނެރެ ބުނި އެއްޗެއް ތާރިގުއަށް ދޭހަވިއިރު ދެލޯބޮޑުވެ އަނގަ ހުޅުވުނެވެ. ހިތާމައިގެ ތަސްވީރެއްފަދައިން ހުއްޓުން އެރި ވަގުތުކޮޅެއް ދިޔައެވެ.

"ބިންޒާ ތިޔަބުނަނީ ބައްޕަ ގަތުލުކުރެވުނީއޭ ؟ " ތާރިގުގެ ސުވާލަށް ބިންޒާ ބޮލުގެ އިޝާރާތުން އާއެކޭ ބުނުމުން ތާރިގުގެ މޫނުފުޅުގެ ކުލަވަރު ބަދަލުވުމާއެކު ލޯފުޅުން ކަރުނަ އޮހިގަތެވެ. ބިންޒާ ހިތްވަރުދިނެވެ.

"އާނ ދަރިފުޅާ ތާރިގު. ބައްޕާފުޅު ޝަހީދުކޮށްލެވުނީ މިތާ. މަންމާފުޅުގެ އަޑަށް އަޅުގަނޑަށް އާދެވުނުއިރު އޭނަ އޮންނެވީ މިތާ....ބަނޑުފުޅަށް ޚަންޖަރު ޖަހާފައި ހުރީ. އަޅުގަނޑަށްވެސް އަހާ ނުލެވުނު ކޮންފަދަ ސުންޕާ ނުބައި ނުލަފާ މީހެއްކަން އެ އަމަލު ހިންގީ. މަންމާފުޅުގެ ހިތާމަ ބޮޑުކަމުން މީހެއްގެ ވާހަކަ ބުނެވޭވަރެއްނުވި. ފަހުން ހަމަޖެހުނީމަ އަހަން ކަމަށް އައިއިރު މަންމާފުޅު ދަތުރު ކުރައްވައިފި....."

"ކޮންފަދަ ޒާލިމެއް ބައްޕާފުޅު ޝަހީދުކޮށްލީ. އަހަރެންނަށް އެމީހަކު އެނގުނުއިރަކުން ވޭންދެނިވި ގޮތަކަށް ބައްޕާފުޅު އަވަހާރަކޮށްލިފަދައިން އެމީހަކު ނިންމާލާނަން..." ތާރިގު ވައުދުވިއެވެ.

"މަންމާފުޅުގެ ހާލެއްވެސް ނޭގޭ. މިވީގޮތުން ހަގުރާމައިގާ ނުގޮސް މަންމަ ހޯދަން ދާނީ......" ތާރިގު އަސް ދުއްވާލިއިރު ޚިޔާލުތައް ވަށާލާފައިވިއެވެ.

"ހިތްވަރުގަދަ މުޖާހިދަކަށްވެ ބައްޕާފުޅު ގަތުލުކުރެއްވި މީހަކުގެ ފަރާތުންވެސް ބަދަލު ހިއްޕަވާ........." އަވަށްޓެރިޔާ ތާރިގުގެ ކޮނޑުގައި އަތުން ޖަހައިލިއެވެ. ތާރިގުގެ ހިތާމަފުޅު އެއްފަރާތްކޮށްލެއްވިއެވެ. މޫނުފުޅު ރަތްވެގެން ދިޔައީ ކޯފާގެ އަސަރުތަކުންނެވެ. ގަދަ ބުމަ ކައިރިކޮށްލައްވާފައި ހުންނެވިއިރު ހެދުމުގެ ފަސްބައިގާ ހަރުކޮށްފައިވާ ޚަންޖަރުގެ މުށުގައި ހިފަހައްޓާލެވުނީ ބާރަކަށެވެ.

***

ފްލޮރިންޑާއާއި ލުއުލުއާއާއި ދެކުދިން ކައި ނިމުމަށްފަހު ލުއުލުއާ ތަށިތައް ނެގިއެވެ. އިރުކޮޅެއްވާންދެން ވާހަކަ ދައްކާލަަން ތިބުމަށްފަހު ފްލޮރިންޑާ ފެންވަރައި ނިމިގެން އައުމުން ލުއުލުއާ ހެދުމުގެ ގޮށްތައް އަޅުވާދިނެވެ. ރޭދާ އަޅާފައިވާ ދަނބުކުލައިގެ މެކްސީއެއްފަދަ އެހެދުމުގައި ކޮންމެވެސް ވަރަކަށް މިނާތައް ހަރުކޮށްފައެވެ. ލުއުލުއާ ލައިގެން އިނީ ގަޔަށް ދޫކޮށްއޮތް މުށިކުލައިގެ ލިބާހެކެވެ. ފްލޮރިންޑާގެ ރަންމުށިކުލައިގެ ދިގު އިސްތަށިގަނޑުގައި ބުރުހުން ފުނާއަޅާދޭން ފެށިއެވެ.

"ވަރަށް ރީތި އިސްތަށިގަނޑެއް"

"މިފަދަ އިސްތަށިގަނޑެއް ލިބުނީ ބައްޕަ ގެނެސްދެއްވާ ތެޔޮ ލައިގެން ހެން ހީވޭ. ލޫލޫގެ އިސްތަށިގަނޑުގައި މިހިރަ ރަތްކުލަވެސް ކިހާ ރީތި............" ފްލޮރިންޑާ ތައުރީފުކޮށްލިއެވެ.

"ތާރިގުގެވެސް އޮންނަނީ މިކަހަލަ ކުލައަކަށް ދާ އިސްތަށިގަނޑެއް...."

"އަނެއްކަ ހީނާފަތް އަޅާފައިތަ؟ " ފްލޮރިންޑާ އެހިއެވެ.

"ނޫން...." ލުއުލުއާ ވިސްނާލަފައި ކިޔާލިއެވެ. އަދި ފްލޮރިންޑާގެ އިސްތަށިގަނޑުގައި މަލުގެ ބޭންޑެއް އަޅުވާލަދިނެވެ. އިރުގަނޑެއްވާންދެން ތާރިގުގެ ވާހަކަ ފޯރިއާއެކު ދައްކަން ލުއުލުއާއަށް ހުރެވުނެވެ.

"ލޫލޫ ފޫހިވާނެއްނު. ވައި ޖައްސާލާ ހިނގާލާ ހަދައިލަން ދާންވީނު...."

"ނުކެރޭނެ. އެކަމުގެ ހުއްދައެއް ނޯންނާނެ. އަޅުގަނޑަކީ ޚާދިމާއެއްކަން ހަދާން ނައްތާނުލާނަން....." ލުއުލުއާ މައުސޫމްގޮތަކަށް ހިނިތުންވެލިއެވެ. ފްލޮރިންޑާ ހުއްދަދިނުމުން ގަސްތަކުގެ ތެރޭގައި ހިނގާލަންގޮސް މާ ބިނދެ ކުޅެހެދިއިރު ތާރިގުމަތިން ހަދާންވެ ލޮލުން ކަރުނަ ހިލޭގޮތްވިއެވެ. އޭނަގެ އެކުވެރިޔާ އުޅެނީ ކޮންފަދަ ހާލެއްގައިބާވައެވެ. ދުނިޔޭގައި އެބަހުރިހެއްޔެވެ؟ ފިލައިގެން ދެވޭނެނަމައެވެ. ނަމަވެސް އެފަދަ ނަސީބެއްވެސް ނެތެވެ. ފްލޮރިންޑާގެ ހިތްހެޔޮކަމުން އެކުއްޖާދެކެވެސް ހިތުގައި ލޯބި ޖެހިއްޖެއެވެ.

***

އުގުބާ ބިން ނާފިއު މަޣުރިބު ކަރަ ފަތަހަ ކުރަން ދަތުރުފުޅު ފެއްޓެވި ހިނދު ކުސައިލާއާއި އޭނަގެ ބަރުބަރު ލަޝްކަރުވެސް ބައިވެރިވިއެވެ. އެމީހުންވެސް މުސްލިމުންގެ ލަޝްކަރުގެ ބައެއްކަމުގައި ހިމެނުނެވެ. ކުސައިލާ އުގުބާ ދެކެ ގަންނާ ކުރައްވާ ބިރަކުން އޭނަގެ ހިތުގެ ދުޝްމިން ކަން ވަންހަނާކޮށް އިހުސާސްތައް ފައުޅުނުކޮށް ފޮރުވިއެވެ. އޭނަ އަމިއްލައަށް އުތުވިފައިވާ ހިތަށް ތަސައްލީ ހޯދަން މަސައްކަތް ކުރީ އެކަނިމާ އެކަނިއެވެ. ހިތުގެ މުނާފިގުކަމާއެކުގައިވެސް އޭނަ ބޭރުފުށުން އޭނަގެ ކޮމާންޑަރު އުގުބާއަށް ވަފާތެރިވިއެވެ. މަޣުރިބުގެ ފަތަހައިގާ އުގުބާއާއެކު އޭނަ ހިތްވަރާ ކުޅަދާނަކަމާއެކު ހަގުރާމަކޮށް ރަގަޅު އޮފިސަރެއްކަމުގައި ސާބިތުކޮށްދިނެވެ. ކުސައިލާ ރަގަޅު ފުރުސަތަކަށް ބަލަބަލާ ހުއްޓެވެ. އޭނަގެ މަގުސަދާއިމެދު ކިރިޔާވެސް ޝައްކެއްވަނީ އަބޫ މުހާޖިރު ދިނާރަށެވެ. އެކަމަކު އޭނަގެ ވާހަކަތައް އުގުބާ އަޑު އައްސަވަނީއެއް ނޫނެވެ.

***

ހޫނު މޫސުމްގެ ފަހުކޮޅެވެ. މީލާދީ ގޮތުން ހަ ސަތޭކަ އަށްޑިހަ ދެ ވަނަ އަަހަރެވެ. އެޓްލާންޓިކް ކަނޑުގެ ރާޅުތައް ލޮލުކޮޅަށް އޮބާފައިވާ ގޮނޑުދޮށަށް މަޑުމަޑުން ބޮސްދެމުން ދިޔައެވެ. ދުރުން އައި ސަވާރީންތަކެއް އެހިސާބަށް ނުކުތެވެ. އެމީހުން ގޮނޑުދޮށުގައި މަޑުކޮށްލިއެވެ. އެމީހުންގެ ވެރިޔާ ދުރުދުރަށް ދާންދެން ނަޒަރު ހުއްޓަވާލެއްވީ ލޮލުކޮޅަށް މޫދު ލޮލުން އޮބާފައިވާ ސަތަހައިން އެއްވެސް ކަހަލަ ހިކިފަސްތަނެއް ފެނިލައްވާތޯއެވެ. އިރުކޮޅެއްވާންދެން މަޑުކޮށްލެއްވުމަށްފަހު އަސް ދުއްވައިލެއްވީ ސީދާ ކަނޑާއި ދިމާލަށެވެ. މޫދު ލޮނުގަނޑު ދެފަރާތަށް ބުރުއްސަމުން އަސް ކުރިއަށް ދިޔައީ ގަދަ ނޫކުލައާއި ދިމާލަށެވެ. ފެންގަނޑު ފުންވާން ފެށުމުން އަހުގެ ދުވެލި މަޑުވިއެވެ. ސަވާރު އަހަށް މަޖުބޫރުކުުރީ ކުރިއަށް ދަތުރުކުރުމަށެވެ.

އޭރު އެހެން ސަވާރީއިންތައް ހައިރާންކަމާއެކު މިފެންނަ އަޖައިބުކުރުވާފަދަ މަންޒަރަށް ބަލަން ތިއްބެވެ.

ނުނިމޭ

comment ކޮމެންޓް