އޮސްޓްރިއަން އެއާލައިނުން ރާއްޖެއަށް ދަތުރު ފަށައިފި

އޮސްޓްރިއަން އެއާލައިނުގެ ފްލައިޓު ވީއައިއޭގައި -- ފޮޓޯ: އެމްއޭސީއެލް

އޮސްޓްރިއާގެ އޮސްޓްރިއަން އެއާލައިންސް އިން ރާއްޖެއަށް ދަތުރު ފަށައިފިއެވެ.

މިއީ ކޮވިޑު19ގެ ހާލަތާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް ދަތުރުފެށި ބައިނަލްއަގުވާމީ 12 ވަނަ އެއާލައިނެވެ.

އޮސްޓްރިއަން އެއާ އިން ރާއްޖެ އަށް ހަފްތާ އަކު ދެ ދަތުރު ކުރާނެއެވެ.

ކުރިއަށް އޮތްތަނުގައިވެސް ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކަކުން ރާއްޖެއަށް ދަތުުރު ފަށަން ނިންމާފައިވާއިރު، މިހާރު ރާއްޖެއަށް ދަތުރު ކުރާ ބައެއް އެއާލައިންތަކުން ވަނީ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަން ނިންމައިފައެވެ.

އަންނަ ނޮވެމްބަރުގެ ނިޔަލަށް 18 އެއާލައިނަކުން ރާއްޖެ އަށް ދަތުރު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލިފަހުން މިމަހުގެ 21ގެ ނިޔަލަށް 31،801 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ސަރުކާރުގެ އަމާޒަކީ ކޮވިޑުގެ ހާލަތުގެ ފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ލައްކަ އަކަށް އެރުވުމެވެ.

comment ކޮމެންޓް