ޖިހާދުގެ ކޮރަޕްޝަނުން ދައުލަތަށް 9 ބިލިއަން ރުފިޔާ ގެއްލުންވި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު -- ސަންފޮޓޯ/ ފަޔާޒު މޫސާ

ކ. ފުށިދިއްގަރުފަޅުގައި ޓުއަރިސްޓު ޒޯނެއް ތަރައްގީ ކުރުމަށް ވީ އެއްބަސްވުމުގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ކޮރަޕްޝަން ހިނގުމުގެ ސަބަބުން ދައުލަތަށް 9.32 ބިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބިފައިވާކަން ހާމަ ވެއްޖެ އެވެ.

ކ.ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން ޖިހާދުގެ މައްޗަށް މިއަދު ވަނީ ދައުވާ ކޮށްފަ އެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް 2011 ވަނަ އަހަރު ނޮވެމްބަރު 29 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމުގައި ވާގޮތުން އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދު ކުރާކަން ނުޖެހޭނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް ޖިހާދު އަމަލުކޮށްފައިވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ކަނޑައެޅިގެން ހިލާފަށް ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ. ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި އޮތް 50 ޕަސެންޓުގެ ބަދަލުގައި 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކުރީ ޖިހާދު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުރެގެން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޖިހާދުގެ އެ އަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެން އޮތް ފައިދާއިން ހަމަ އެކަނި ބިމު ކުލީގެ ގޮތުގައިވެސް 604.7 މިލިއަން އެމެރިކާ ޑޮލަރު (9.32 ބިލިއަން ރުފިޔާ) އުނިވެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ވަޒީރުންގެ މަޖިލީހުން އެމައްސަލަ ނިންމި އިރު ބިމުކުލީގެ ގޮތުގައި 50 އަހަރުގެ ތެރޭގައި 411.7 މިލިއަން އެމެރިކާ ޑޮލަރު (6.34 ބިލިއަން ރުފިޔާ) ލިބޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ޕްރައިމް ލޮކޭޝަން ޗާޖުގެ ގޮތުގައި 50 އަހަރު ތެރޭގައި 192.9 މިލިއަން ޑޮލަރު (2.97 ބިލިއަން ރުފިޔާ) ލިބޭނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ޖިހާދު އެއްބަސް ވުމުގައި ސޮއިކޮށްފައި ވަނީ އެއިން އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށެވެ.

ޖިހާދުގެ މައްޗަށް ދައުވާކޮށްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުންނެވެ.

ގާނޫނުގައި ވާގޮތުން އެ ކުއްކުރާ މީހެއްގެ އަދަބަކީ ފަސް އަހަރަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުމެވެ.

comment ކޮމެންޓް