މެލޭޝިއާގައި ކުއްލި ހާލަތު އިއުލާން ކުރަން ބޮޑުވަޒީރު އެދިވަޑައިގެންފި

މެލޭޝިއާގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން ވަނީ ކުއްލި ހާލަތު އިއުލާން ކުރަން އެދިވަޑައިގެންފަ -- ފޮޓޯ: ގެޓީ

ކުއަލަލަމްޕޫރު (އޮކްޓޯބަރު 25): މެލޭޝިއާގައި ކުއްލި ހާލަތު އިއުލާން ކުރަން ރަސްގެފާނު އަރިހުގައި ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން މިދިޔަ ހުކުރު ދުވަހު އެދިވަޑައިގެންފި ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފި އެވެ.

ކަމާ ގުޅުން ހުރި ދެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ބުނި ގޮތުގައި މެލޭޝިއާގައި ކުއްލި ހާލަތު އިއުލާން ކުރަން އުޅެނީ އެގައުމުގެ އަންނަ އަހަރުގެ ބަޖެޓު އަންނަ މަހުގެ ހަޔެއްގައި ޕާލިމެންޓަށް ހުށަހަޅަން ހަމަޖެހިފައި ވަނިކޮށެވެ. އަދި އެ ބަޖެޓު ފާސް ނުވެއްޖެ ނަމަ އެއީ މުހިއްޔުއްދީންއަށް އިތުބާރު ނެތުން ކަމަށް ބެލެވި، އާއްމު އިންތިހާބަކަށް މަގުފަހިވުން އެކަށީގެންވެ އެވެ. ނަމަވެސް އެގައުމުގައި ކުއްލި ހާލަތު އިއުލާން ކޮށްފި ނަމަ ބަޖެޓު ހުށަހެޅުން ފަސް ކުރެވޭނެ އެވެ.

ރޮއިޓާސްއަށް މައުލޫމާތު ދިން އޮފިޝަލުން ވިދާޅުވި ގޮތުގައި ކޮރޯނާވައިރަހުގެ ސަބަބުން އެއްވެ އުޅުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރަށް ކުއްލި އަމުރުގެ ދަށުން ފިޔަވަޅު އަޅަން މުހިއްޔުދީން ބޭނުންފުޅެއް ނުވެ އެވެ.

މެލޭޝިއާގެ ގާނޫނު އަސާސީގައި އޮތް ގޮތުން، ގައުމީ ސަލާމަތަށް ނުވަތަ އިގުތިސާދަށް ނުވަތަ އިޖުތިމާއީ ހަމަޖެހުމަށް ނުރައްކާވެފައިވާ ކަމަށް ރަސްގެފާނު ދެކިވަޑައިގަންނަވާ ނަމަ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭނެ އެވެ. އެގައުމުގައި އެންމެ ފަހުން އެފަދަ ހާލަތެއް އިއުލާން ކުރީ 1969ގައި މަދަނީ ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

މެލޭޝިއާގެ ޕާލިމެންޓުން އެންމެ ދެ ގޮނޑީގެ ތަފާތަކުން މިދިޔަ މާޗް މަހު ވެރިކަމަށް ވަޑައިގެންނެވި މުހިއްޔުއްދީންއަށް މެމްބަރުންގެ އަގުލަބިއްޔަތު ގެއްލިފައިވާ ކަމަށް އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ. އަދި އާ ސަރުކާރެއް އެކުލަވާލެވޭ ވަރަށް އަންވަރަށް ތާއިދު އޮތް ކަން ސާބިތުކޮށްދެއްވުމަށް އޭނާ ވަނީ މި މަހުގެ 13އިގައި ރަސްގެފާނާ ބައްދަލު ކުރައްވާފަ އެވެ.

މެލޭޝިއާގެ ރަސްގެފާނަށް އެގައުމުގެ ބޮޑުވަޒީރު މަގާމުން ދުރު ކުރުމުގެ ބާރު ލިބިވަޑައިގެންފައި ނުވެ އެވެ. ނަމަވެސް ބޮޑުވަޒީރަށް ޕާލިމެންޓުގެ އަގުލަބިއްޔަތު ނުލިބޭ ކަމަށް ރަސްގެފާނު ދެކިވަޑައިގަންނަވާ ނަމަ ޕާލިމެންޓު އުވާލުމާއި އާއްމު އިންތިހާބެއް ބާއްވަން އެންގެވުމުގެ ބާރު ލިބިވަޑައިގެންފައިވެ އެވެ.

އަންވަރު އެފަދައިން ވިދާޅުވުމުންނާއި މެލޭޝިއާގައި އަނެއްކާވެސް ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވެފައި ވުމުން މުހިއްޔުއްދީންގެ ވެރިކަމަށް އޮތް ގޮންޖެހުންތައް ވަނީ އިތުރުވެފަ އެވެ.

ކުއްލި ހާލަތު އިއުލާން ކުރަން މުހިއްޔުއްދީން އެދިލެއްވިކަން ބޮޑުވަޒީރުގެ އޮފީހާއި ޝާހީ ގަނޑުވަރުންވެސް ކަށަވަރު ކޮށް ނުދިން ކަމަށް ރޮއިޓާސްއިން ރިޕޯޓު ކުރި އެވެ.

މެލޭޝިއާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 24،000އަށް ވުރެ އިތުރުވެފަ އެވެ. އެއީ މީގެ އެއް މަސް ކުރިއާ އަޅާ ބަލާއިރު ދެ ގުނަ އިތުރު އަދަދެކެވެ. އަދި މިދިޔަ ހުކުރު ދުވަހު އެކަނިވެސް އެގައުމުން ވަނީ ކޮވިޑް ބަލީގައި 10 މީހަކު މަރުވި ކަމަށް ރިޕޯޓުކޮށްފަ އެވެ. އެހެންކަމުން އެގައުމުން ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 221އަށް އަރާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް