ކެލާއިން ފެނުނު މެންގްރޫވް އަށް ދިވެހި ނަމެއް، "ކެލަވަކި"

ކެލާ އިން ފެނިފައިވާ ގަހަށް ކިޔުމަށް ހަމަޖެހިފައިވަނީ ކެލަވަކި --- ފޮޓޯ : އެންވަޔަރަންމެންޓް މިނިސްޓްރީ

ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކަމަށްވާ ބުރުގެރިއާ ހެނެސީގެ ގަހަށް ދިވެހި ނަމެއް ދީފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ބާވަތުގެ މެންގްރޫވް ގަސް ރާއްޖެއިން ފެނުނީ މި އަހަރުގެ މާޗު މަހު ހއ. ކެލާ ކަނޑޫފާ ސަރަހައްދުގައި ކުރިއަށްގެންދިޔަ އިކޮލޮޖިކަލް ސާވޭގައި އެރަށުގެ ކުޅީގެ ސަރަހައްދުން ކަމަށެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީއިން ބުނެފައިވަނި ދިވެހި ބަހުގެ އެކެޑަމީއިން އެ ގަހަށް ދީފައިވާ ނަމަކީ "ކެލަވަކި" ކަމަށެވެ. އެހެންކަމުން އެ މެންގްރޫވްގެ ބާވަތް ފެނިފައިވާ ރަށަށް ނިސްބަތްކޮށް އެއަށް ވަނީ ނަންދީފަ އެވެ.

މިނިސްޓްރީން ބުނީ ކެލާގައި ކުރެވުނު ސާވޭއިން އެބާވަތުގެ ހަތަރު ގަހެއް ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.

އެ ގަސް އައިޑެންޑިފައި ކޮށްދެއްވީ ގަހުގެ މައުލޫމާތު ފޯރުކޮށްދިނުމުން އައިޔޫސީއެން މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް އަދި އެމްއެސްޖީ ރެޑް ލިސްޓް ކޯޑިނޭޓަރ ޑރ. ޔޮންގ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ކަނޑޫ އާއިލާއަށް ނިސްބަތްވާ އެ ގަހުގައި އަޅާ މޭވާ ވައްތަރީ ބޮޑަވަތްކާ ކަމަށާއި ނަމަވެސް މޭވާ ބޮޑަވަކިއަށްވުރެ ކުރުވެފައި ފަލަ ކަމަށެވެ.

ހެނެސީ ގަހަކީ ކަނޑޫފަލަށް ނިސްބަތްވާ ގަސްތަކުގެ ތެރެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ދެބާވަތުގެ ތެރެއިން އެއް ބާވަތެވެ. މި ބާވަތުގެ ގަހަކީ އައިޔޫސީއެން ރެޑް ލިސްޓްގައި "ކްރިޓިކަލީ އެންޑެންޖާޑް" ނުވަތަ ނެތިދާނެ ކަމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ކެޓެގަރީ ލިސްޓްގައި ހިމެނޭ ބާވަތެކެވެ.

އެ ބާވަތުގެ ކަނޑޫފަލަކީ އޮސްޓްރޭލިއާ، ޕަޕުއާ ނިއު ގިނީ، އިންޑޮނޭޝިއާ، މެލޭ ޕެނިންސުލާ، ތައިލެންޑް އަދި މިޔަންމާރުން ފެނިފައިވާ ބާވަތެކެވެ.

އެ ބާވަތުގެ ގަސްތައް މަދުވަމުން އަންނައިރު 2010 ވަނަ އަހަރަށް ކުރެވުނު ސާވޭއަކުން ދައްކާގޮތުގައި ދުނިޔޭގައި އެ ބާވަތުގެ ބޮޑުވެފައި ހުރީ 200 ގަހެވެ.

comment ކޮމެންޓް