"ދެން އެކަމާ ނުވިސްނާ. ދެން ހުރިހާކަމެއް ވެސް ވާނީ ރަނގަޅަށް..." ޒީޝާން ބުނެލިއެވެ. އޭރު އެތުންފަތް މަތީގައިވަނީ ނުފިލާ ހިނިތުންވުމެކެވެ. އޭނާ މަޑުމަޑުން އަރްޒަންއާ ގާތަށް ޖެހިލިއެވެ. އެއަށްފަހު އަރްޒަންގެ ކަރުގައި އޭނާގެ އެއް އަތް އަޅުވައިލިއެވެ.

ޒީޝާން ދިޔައީ ހިނދެއް ހިނދަކަށް އެ ދެމެދުގައި ވީ ދުރުކަން ނައްތައިލަމުންނެވެ. އެ ތުންފަތްމަތީގައިވަނީ ނުފިލާ ހިނިތުންވުމެކެވެ. ކީއްވެކަމެއް ނޭނގެއެވެ. ޒީޝާންގެ އެ ގާތްކަމުން އަރްޒަން ނުތަނަވަސްކުރުވަމުން ދިޔައެވެ.

"ޒީ..." އަރްޒަން ޒީޝާންގެ އަތް ނައްޓައިލަމުން ޒީޝާންއަށް ގޮވައިލިއެވެ. އަނެއްކާވެސް، ޒީޝާން އަރްޒަންގެ މޫނުގައި ހިފައްޓައިލަމުން އޭނާއާ ދިމާލަށް އަރްޒަން އަނބުރައިލިއެވެ. އޭނާ މަސައްކަތް ކުރީ އަރްޒަން އާ ކައިރިވާށެވެ. އަރްޒަން މިފަހަރުވެސް ޒީޝާންއަށް ފުރުސަތު ދޭކަށް ބޭނުމެއް ނުވިއެވެ. އޭނާ މަޑުމަޑުން ޒީޝާން ދުރުކޮށްލިއެވެ.

"ޒޭން. އަހަރެން އަތްލީމަ ކަމުނުދަނީތަ؟" ދެރަވެފައި ޒީޝާން އަހައިލިއެވެ. އެ އަޑުގައިވި މާޔޫސްކަން ޚުދު އަރްޒަންއަށް ވެސް އަސަރުތަކެއް ކުރުވިއެވެ.

"ޒީ... އަހަންނަށް ވަރަށް އެބަ އުނދަގޫވޭ... އަހަރެމެން އަދި މެރީ އެއް ވެސް ނުކުރަމެއްނު" ޒީޝާން އޭނާއަށް ބަލަން އިންގޮތުން ނުބުނަން ހުރެފައިވެސް އަރްޒަން ބުނެލިއެވެ. އޭނާ ބެލީ ޒީޝާންއަށް ވިސްނައިދެވޭތޯއެވެ. އަރްޒަންއާ ދުރަށް ޖެހިލަމުން ޒީޝާން ދުރަށް ނަޒަރު ހުއްޓައިލިއެވެ. ޒީޝާންގެ އެ އަމަލުން، އަރްޒަންއަށް ޒީޝާން ހިންހަމަ ނުޖެހުނީކަން ނަގައިގަނެވުނެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ.

"ޒީ. އެނގެއެއްނު އަހަރެން ލޯބިވާކަން. އެންޑް އައި ވިލް ނެވަރ ލީވް ޔޫ... އައި ޕްރޮމިސް" އަރްޒަން ބުނެލިއެވެ.

"އަހަރެން ވެސް ވަޢުދުވިން އަރްޒަންގެ މީހެއްގެ ގޮތުގައި އަބަދުވެސް ހުންނަން ދުނިޔޭގައި ހުރިހާ ދުވަހަކު. އަހަންނަކީ ވަޢުދަށް ރައްކާތެރިވާ މީހެއް. ޒޭން ވެސް ޖެހޭނެ އަހަންނަށް ވަފާތެރިވާން. ތިވެވުނީ ވަރަށް ބޮޑު ވަޢުދެއް. މި ޒަމާނުގައި ބުނާ ބަހުގައި ތެދުވެރިވެވޭނީ ވަރަށް މަދު މީހުންނަށް. އެ ބަތޫލްއެއް ކައިރިއަށް އަލުން ގޮސްގެން ނުވާނެ. އެއަށްވުރެ ފޫހިވާ އަންހެނަކު ނޭނގެ މި ދުނިޔޭގައި ހުންނާނެކަމެއް." ޒީޝާން ކުއްލިއަކަށް ދެބުމަ ގޮށްޖަހައިލަމުން އަރްޒަން އަށް ބަލައިލިއެވެ.

"އޮފްކޯޒް ލަވް. އަހަރެން އަނބުރާ އޭނަ ކައިރިއަށް ދާނެތަ ޒީ ހުއްޓާ... ދެން ރުޅި ނާދެބަލަ!. އަހަރެން ހުންނާނީ އަބަދުވެސް ޒީގެ މީހެއްގެ ގޮތުގައޭ. ނައު ސްމައިލް!" އަރްޒަން ހިނިތުންވުމެއް ޒީޝާންއަށް ދިނެވެ. އެއަށްފަހު ޒީޝާންގެ ކޯތާފަތުގައި އޭނާ އަތް ޖައްސައިލިއެވެ.

"ވަފާތެރިވަންޏާ ޖެހޭނެ އުމުރަށް ވަފާތެރިވާން!" ޒީޝާން މަޑުމަޑުން ބުނެލިއެވެ. އޭނާ ހިނިތުންވެލިއެވެ.

ހެނދުނު އައި ގޮތަށް މެންދުރުވީ އިރުވެސް ޒީޝާން އުޅުނީ އަރްޒަންމެން ގޭގައެވެ. ކައިނިމިގެން އަރްޒަން ދިޔައީ ފެންވަރާލާށެވެ. ޒީޝާން އުޅުނީ މެންދުރު ކެއި ތަށިތައް ނަގާށެވެ. ފެންވަރައިގެން މަޑު ފެހިކުލައިގެ ސޯޓަކާ ހުދު ކުލައިގެ ގަމީހެއް ލައިގެން އައިސް އަރްޒަން ޖައްސައިލީ ސޯފާގައެވެ. އިސްތަށިގަނޑުގައި އޭރުވެސް، ކޮންމެވެސް ވަރެއްގެ ތެތްކަމެއް ހުރުމުން، ބޯ ދޮވެފައިކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. ޒީޝާން ހުރީ އަރްޒަންއަށް ކަޅި ޖަހައިނުލާ ބަލާށެވެ. ހާދަ ފިރިހެންވަންތައެވެ. އެއީ ހަމައެކަނި އޭނަގެ ޙައްގެކެވެ. އިތުރު އަންހެން ކުއްޖަކު އަރްޒަންއަށް ބަލައިލަން ވެސް އޭނަ ނުރުހޭނެއެވެ. އޭރުވެސް އެ ތުންފަތް މަތީގައި ހިނިތުންވުމެއް ދުވެލަ ދުވެލާ ހުއްޓެވެ.

ސޯފާގައި އިށީނދެ ޓީވީ ހުޅުވާލިއިރު މެންދުރު ދެ އެއްގެ ޙަބަރު އަންނަނީއެވެ. ޙަބަރު ކިޔަނީ ބަތޫލްއެވެ. ބޯޓު ވެއްޓުނު ހާދިސާއާ ގުޅޭ ޚަބަރަކަށް ވާތީ އަރްޒަން އެ ޚަބަރު އަޑު އަހާލާނަމޭ ހިތާ ރިމޯޓް އެއްފަރާތުގައި ބާއްވައިލަމުން ހަމަޖެހިލިއެވެ. އެއަށްފަހު، އޭނާގެ ސަމާލުކަން ޚަބަރަށް ހުއްޓައިލިއެވެ. ސިހުނީ ޓީވީ ނިއްވައިލުމާއެކުގައެވެ. އެނބުރި ބަލައިލިއިރު ޒީޝާން ހުރީ ދެބުމަ ގޮށް ޖަހައިލައިގެންނެވެ. މޫނުމަތީގައިވަނީ ރުޅިވެރިކަމެވެ. އަރްޒަންއާ ޒީޝާންގެ ނަޒަރު ބައްދަލުވީ ހިނދު ކޮޅަކަށެވެ.

ދެވަނަ ސިކުންތުގައި ޒީޝާން އޭނާގެ އަތުގައި އޮތް ރިމޯޓް އަތުގެ ކޮޅަށް ހޫރައިލިއެވެ. ފާރުގައި ޖެހިފައި، ޓައިލްސްތަކު މައްޗަށް ވެއްޓުނު ރިމޯޓް ދެފަޅިވެގެން ދިޔައެވެ.

"ޒީ. ކީއްތިކުރީ؟" އަރްޒަންއަށް ވެސް ހިންހަމަނުޖެހިފައި ބުނެވުނެވެ.

"ބަތޫލް ޓީވީން ފެނުނަސް ޒޭން ޖެހޭނެ ބަތޫލްއަށް ބަލަން. އަދިވެސް އޭނަތަ ތި ހިތުގަ ވަނީ؟ ތީ މިހާރު އަހަރެންގެ މީހެއް. ހަމައެކަނި އަހަރެންގެ!"

ރުޅިވެރިކަމާއެކު ޒީޝާން ވާހަކަދެއްކިއެވެ. އެ އަމަލުން އަރްޒަންއަށް ވެސް ސިހުން ގެނުވިއެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް ޒީޝާން އޭނާއާ ވާހަކަ ދެއްކި ގޮތެއް ނޫނެވެ.

"ޒީ... ތީ ޒީ އަހަންނާ ދުވަހަކުވެސް ވާހަކަ ދެއްކި ގޮތެއް ނޫން...؟" އަރްޒަންއަށް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލެވުނެވެ. އިތުރަށް ބުނާނެ އެއްޗެއް ވެސް އަރްޒަންގެ ދުލު ކުރިއަށް ނައީއެވެ.

"ސޮރީ ސޮރީ... ބަތޫލް ފެނުނީމަ ނޭނގެ މިހާރު ވާގޮތެއް. ވަރަށް ރުޅިއާދޭ އޭނަ ދެކެ." ޒީޝާން އިސްޖަހައިލަމުން ބުނެލި އެވެ.

"ޒީއަށް އެނގެން ޖެހޭނެ އަހަރެން، އަހަރެން ދެން އެ ބަތޫލް ކައިރިއަށް ނުދާނެކަން. ރިމޯޓު ހަލާކުކޮށްލީމަ ހުރިހާކަމެއް ހައްލުވީތަ؟ އެޓްލީސްޓް ވާހަކަ ދައްކައިގެން މައްސަލަތައް ޙައްލު ކުރެވެން ވާނެދޯ!" ޒީޝާންއަށް ބަލަމުން ވާހަކަ ދެއްކި އަރްޒަންގެ އަޑުގައި ކޮންމެވެސް ވަރަކަށް ހިތާމައިގެ އަސަރުވެއެވެ.

"އައި އެމް ސޮރީ. އައި ޖަސްޓް ކުޑުންޓް ކޮންޓްރޯލް މައި އޭންގަރ ވެން އައި ސޯ ހާރ!" ޒީޝާން މާފަށް އެދުނެވެ.

"އިޓްސް އޯކޭ. ދެން އެކަހަަލަ ކަމެއް ނުކުރައްޗޭ!. އަހަރެން އުޅުނީ ޚަބަރު ބަލައިލަން. އެނގެއެއްނު އަހަރެން ޒީ ދޫކޮށްނުލާނެކަން!" އަރްޒަން ބުނެލިއެވެ. އޭނާ ޒީޝާންއާ ގާތަށް ޖެހިލާ އޭނާގެ ދެ އަތް ޒީޝާންގެ ގައިގައި ވަށައިލިއެވެ. އެގޮތުގައި ހޭދަ ކުރެވުނީ ދެތިން ސިކުންތެވެ. އަރްޒަންގެ ފޯނު ރިންގް ވީ އެވަގުތެވެ.

ޒީޝާންއާ ދުރަށް ޖެހިލަމުން، އަރްޒަން ފޯނު ނަގާ ގުޅަނީ ކާކުތޯ ބަލައިލިއެވެ. ގުޅަނީ އަންވަރެވެ. ފޯނު ނެގުމާއެކު، އަންވަރު ބުނީ ކުންފުނީގެ ފަރާތުން ބާއްވާ ބައްދަލުވުމަކަށް މިރޭ އައުމަށެވެ. އަރްޒަން އާއެކޭ ބުނުމަށްފަހު، ފޯނު ބޭއްވިއެވެ. އެއަށްފަހު، އޭނާ އެ ވާހަކަ ޒީޝާންއާ ހިއްސާކޮށްލިއެވެ.

ދެ ހަފްތާ ފަސް

*****

ރީތިވެގެން އަރްޒަން ނުކުތްއިރު ޒީޝާން ހުރީ ސިޓިން ރޫމުގައެވެ.

"ޒީ... ކިހިނެއް ގެއަށް ވަނީ؟ އަހަންނަށް ދޮރު ހުޅުވިފަތަ ހުރީ؟ " އަރްޒަން އަހައިލިއެވެ. އޭނާ ފަސް އެނބުރި ދޮރަށް ވެސް ބަލައިލައިފިއެވެ.

"ސާބަސް ޒޭން. މިހާރު އެހާ ހަނދާންވެސް ބަލި ވީތަ؟ އަހަރެން ކުރީ ދުވަހު ކޯޑު އެހީމަ ކިޔައިދިން ހަނދާންވެސް ނެތީތަ؟ " ޒީޝާން އަރްޒަންގެ ނިތްކުރިމަތީގައި ޖަހައިލަމުން ބުނެލިއެވެ.

"އޯ... އެހެން ދޯ!" އަރްޒަން ވިސްނައިލަމުން ބުނެލިއެވެ. އޭނާ ޒީޝާންއަށް ބަލައިލުމަށްފަހު، ހިނިތުންވެލި އެވެ.

އަރްޒަން ދިނީ ދައުވަތެއްކަމަށް ނިންމާ ޒީޝާން އަރްޒަން އާ އިތުރަށް ކައިރިވެލިއެވެ. އެއަށްފަހު އަރްޒަންގެ ގަމީހުގެ ގިރުވާނުގައި ހިފާ ގުދުކޮށްލަމުން އަރްޒަން ނުވިސްނާހުރިފަދަ ހަދިޔާއެއް ދިނެވެ. އަރްޒަން ޒީޝާން ދުރުކޮށްލުމުން އޭނަ ފަސް އެނބުރިލިއެވެ. އޭރު ޒީޝާންގެ ތުންފަތް މަތީގައިވި ހިނިތުންވުން އަރްޒަންއަށް ވެސް ސިއްރެއްނުވިއެވެ. ޒީޝާންގެ އެ އަމަލުން އޭނާއަށް ލިބުނީ ނުތަނަވަސްކަމެވެ. ހާސްކަމެވެ. އެއްޗެއް ބުނަން އަނގަ ހުޅުވައިލި ނަމަވެސް އިސާހިތަކު އެ ބަސްތައް ދިރުވައިލަމުން ބޯ ކަހައިލި އަރްޒަން ފުންނޭވާއެއް ދޫކޮށްލިއެވެ. ޒީޝާންގެ ބަދަލުވެފައިވާ މިޒާޖާ ބެހޭގޮތުން އޭނާ ވާހަކަ ދައްކާނީ ކާކާހެއްޔެވެ؟ އަޔާން އާ ހެއްޔެވެ؟ މިއަަދަކީ އަޔާން ހޮސްޕިޓަލުން ގެއަށް ދޫކޮށްލި ދުވަސްކަމުން އަރްޒަން ނިންމައިގެން ހުރީ މިރޭ އަޔާން ގާތަށް ގޮސްލުމަށެވެ. އަދި އެ ވާހަކަ އަޔާން އާ ހިއްސާކުރުމަށެވެ.

"ޒީ. އަހަރެން މިރޭ އަޔާންމެން ގެއަށް ދާނަން... އަހަރެން ދާއިރު ޒީ ވެސް މާލެ ދާނީ ދޯ..." އަރްޒަން ބުނެލިއެވެ.

"އާނ އަހަންނަށް ހަމަ އެންމެ ރަނގަޅު." ޒީޝާން ހިނިތުންެވެލިއެވެ.

*****

ރައުދާ އިނީ މި ފަހުން ކަމާލު އޭނާއަށް ހިފައިދިން އެއް ކޮޓަރީގެ އެޕާޓްމެންޓްގައެވެ. ޓީވީ ހުޅުވައިލައިގެން އިންނަމަވެސް، އޭނާއަށް ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމަށް ސަމާލުކަން ދެވޭގޮތެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ސިކުނޑީގައި ވަނީ އަޔާންއާ އޭނާގެ ހަނދާންތަކެވެ. މިފަހަކަށް އައިސް ކަމާލު އޭނާއާ އިންނަން ކިޔަން ފެށިފަހުން ހީވަނީ އެ ޚިޔާލުތައް ވަކިން ބޮޑަށް ރައުދާއަށް އުނދަގޫ ކުރާހެންނެވެ. އެ ދެމީހުން ވަކިވާން ދިމާވި ސަބަބާމެދު ވެސް ވިސްނެނީއެވެ. ވާނުވާއެއް ނޭނގެއެވެ. ބައެއްފަހަރު ކަމާލު ފެނުމުން އަޔާންމަތިން ހަނދާންނެތި ކަމާލުއާ އެކީ ދިރިއުޅުމެއް ބިނާކުރަން ބޭނުންްވެއެވެ. އަނެއްބައިފަހަރު އަޔާން މަތިން މާބޮޑަށް ހަނދާންވަނީއެވެ.

ކަމާލު އެޕާރޓްމެންޓްގެ ދޮރު ހުޅުވައިލާފައި ވަނީވެސް ރައުދާ އެފަދަ ވިސްނުންތަކެއްގައި އިންދައެވެ. އޭނާ އައިސް ރައުދާއާ ޖެހިގެން ކަހަލަ ގޮތަކަށް އިށީނދެލިއެވެ. އެއަށްފަހު ރައުދާއަށް ބަލައިލިއެވެ. އެހާ ގާތުން ރައުދާ ފެނުމުން ކަމާލަށް އޭނާގެ ނަފްސު ކޮންޓްރޯލް ކުރަން ވެސް އުނދަގޫވިފަދައެވެ. އޭނާ ރައުދާގެ އިސްތަށިގަނޑުގައި މަޑުމަޑުން އަތް ޖައްސައިލިއެވެ. އެއަށްފަހު އިންނަން ރަން ކިޔާނީ ކޮންއިރަކުންތޯ އަހައިލިއެވެ.

"އަހަންނަށް އަދި ވަގުތު ކޮޅެއް ދީ..." ރައުދާ މަޑުމަޑުން ބުނެލިއެވެ.

"މިހާރުވެސް ކިހާ ވަގުތެއް ދެވިއްޖެ! ދެން އަހަރެން ބޭނުންވަނީ އިންނަން. އެއްބައި ފަހަރު ހީވަނީ ދެންމެ ދެންމެ އަހަންނާ އިނދޭފާނެޔޭ. އަނެއްބައިފަހަރު ތި ވަނީ ކިހިނެއްތަ؟" ކަމާލު ގާތަށް ރުޅި އަންނަ ގޮތްވިއެވެ. އޭނާ ރައުދާއަށް ބަލައިލިއިރު، ރައުދާ އިނީ އިސްޖަހައިލައިގެންނެވެ.

"އަހަރެން މިރެއާ ހިސާބަށް ރައުދާއަށް ވިސްނަން ފުރުސަތުދޭނަން. އެއަށްފަހު، ރައުދާގެ ޖަވާބު އަންނަ ގޮތަކުން ދެން ކަންތައް ކުރަން ޖެހޭގޮތް އަހަންނަށް އެނގޭނީ..." ކަމާލު އެހެން ބުނެލުމަށްފަހު ނުކުމެގެން ދިޔުމުން ރައުދާއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. ބޮލުގައި ހިފައްޓައިލުމާ އެކުއެކީ ރައުދާ އަށް ސޯފާގައި އޮށޯވެވުނެވެ.

*****

އަރްޒން އަޔާންމެން ގެއަށް ދިޔައިރު ނިއުމާ ސިޓިންރޫމުގައި ހަރަކާތްތެރިވަމުން ދިޔައެވެ. އޭނާ އުޅުނީ ގޭތެރެ ފޮޅާ ސާފުކޮށްލުމުގައެވެ.

"އަނހާ. އަރްޒަން. އަވަހަށް އާދޭ.... އަޔާންވެސް ދެންމެ ކައިގެން ކޮޓަރިއަށް އެވަނީ..." ނިއުމާ ބުނެލިއެވެ. އަރްޒަން އަޔާންގެ ކޮޓަރި ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް އިރު އަޔާން އޮތީ ފޯނާ ކުޅޭށެވެ.

"އަންނާނަމޭ ބުނީމަ މަ ނުކައި ހުރެހުރެފަ އެންމެފަހުން ގޮސް ކައިގެން މިއައީ... "

"އަހަރެން ޒީއާއެކީ ކައިގެންނޭ މިއުޅެނީ..." އަރްޒަން ބުނެލިއެވެ.

"ދެމީހުން އަބަދު އެކީތަ؟" އަޔާން ދިމާކޮށްލިއެވެ.

"ޒީ ނުފެންނަތާ ވެސް ލައްކަ ގިނަ ދުވަސްވެއްޖެ. އެއްރެއަކުން އާދެބަލަ ގޮވައިގެން ދޯ! ދިމާވެސް ކޮށްލެވޭނީ އޭރުންނެއްނު... " އަޔާން ބުނެލިއެވެ.

"ޔާން. ތިހެން ބުނީމަ އަހަރެން އެބައޮތޭ ޒީ އާ ބެހޭގޮތުން ޔާން ގާތު ޑިސްކަސް ކޮށްލަން ބޭނުންވެފަ އޮތްކަމެއް..." އަރްޒަން ސީރިއަށް ވެލިއެވެ. އަރްޒަންގެ މޫނުމަތިން ފެނުނު އަސަރުތަކުން އަޔާންވެސް އޭނާގެ ލާނެއްކަން އެއްފަރާތުގައި ބާއްވާފައި ސީރިއަސް ވެލިއެވެ.

"އަހަރެން ބުނީ ޒީ މިހާރަކަށް އައިސް ވަރަށް ތަފާތު. އައިމީން ޒީގެ މުޅި ޕާސަނާލިޓީ ވެސް ވަރަށް ތަފާތު. ނޭނގެ ބުނާކަށް... ހީވަނީ އެހެން މީހެއްހެން... " އަރްޒަން ބުނެލިއެވެ.

"ތިބުނީ؟" އަޔާން އިތުރު ތަފްސީލް ބޭނުންވިއެވެ.

"މި ބުނީ މިހާރަކަށް އައިސް ބައެއްފަހަރު މާ ބޮޑަށް ރުޅިގަދަވަނީ. އަނެއްކޮޅުން އުޅުން ވެސް ވަރަށް ބޮޑަށް ތަފާތުވެއްޖެ." އަރްޒަން ބުނެލިއެވެ.

"މިވާހަކަ މީހަކު ގާތު ބުނަން ބޭނުންވެގެން އުޅޭތާ ވެސް ދުވަސްގަނޑެއްވެއްޖެ. ޔާން ނޫނީ ނުހުންނާނެ ވިއްޔަ މިގޮތަށް ޚިޔާލު ހޯދާލަން ވާހަކަ ދައްކާލެވޭނޭ މީހެއް ވެސް. " އޭނަ އިތުރުކޮށްލިއެވެ.

"ތިބުނީ އެ ހާދިސާއާށް ފަހުއޭތަ އެހެންވަނީ... އެ ހާދިސާ މަތިން ހަނދާންވާ ކޮންމެ ފަހަރަކު ޚުދު އަހަރެންގެ ގައިން ވެސް ހީބިހި ނަގާ... އެކަމަކު ޒޭން ގާތު ވާހަކައެއް ބުނަންތަ؟ އެފަދަ ބޮޑުކަމެއް ހިނގާއިރު އެކަމަކާ ކޯޕް ކުރަން ކޮންމެ މީހެއްގެ ވެސް ހަށިގަނޑު މަސައްކަތް ކުރާނީ ވަކިގޮތަަކަށް. މީ އަހަންނަށް ވިސްނޭގޮތް އިނގޭ..." އަޔާން ބުނެލިއެވެ.

"އަހަންނަކަށް ނުވިސްނުނު ތިބުނި އެއްޗެއް!" އަރްޒަން ބުނެލިއެވެ.

"ޒޭން!. އެ ހާދިސާގެ ސަބަބުން ޒޭން އާ އަހަންނަށްވެސް ނަފްސާނީ ގޮތުން އަސަރުތަކެއް ކުރި. އަހަރެން ނަފްސާނީ ޢިލްމު ނުކިޔެވިޔަސް ކޮންމެވެސް ވަރަކަށް އެކަމާ ބެހޭ މަޢުލޫމާތު އެނގޭ. ބައެއް މީހުން މި ހާދިސާގެ ސަބަބުން ޕީޓީއެސްޑީ ފަދަ ބޮޑެތި ބަލިތައް ވެސް ތަޙައްމަލް ކުރާނެ. އަހަރެމެންނަށް އެ ވަރު ނުވިޔަސް އެއްބައި މީހުންނަށް ވެދާނެ. ދެން އަނެއްކޮޅުން ޒީ... ވެދާނެ މި ހާދިސާގެ ސަބަބުން އޭނާއަށް ލިބުނު ނަފްސާނީ ގެއްލުމެއްގެ ސަބަބުން އެގޮތަށް އުޅުން ބަދަލުވީކަމަށް ވެސް. ވިތް ޓައިމް އިޓްމައިޓް ހީލް. އަހަންނަށް ހީވަނީ ޒޭން މާ ބޮޑަށް ކޮންސާން ވަންޏާ ސައިކޮލޮޖިސްޓަކަށް ދައްކައިލަން. "

"ޒޭން. ދެން ނުވިސްނަބަލަ. އަހަރެން މިބުނީ އަނެއްކާ ޒީ ނަފްސާނީ ބޮޑު ބައްޔެއްގެ ޝިކާރައަކަށް ވީއެކޭ ނޫނޭ... އެބަހުރި ދޯ ދުނިޔޭގަ ހަމަ ކުޑައިރު ދިމާވާކަމެއްގެ ސަބަބުން ވަރުން މަދުން ނޫނީ ނުފެންނަ މަލްޓިޕުލް ޕާސަނާލިޓީ ޑިސްއޯޑާ ކުރިމަތިވާމީހުންވެސް. އެހެންވީމަ އަހަރެން މި ބުނަނީ އެކަހަލަ ހާދިސާއެއްގެ ސަބަބުން ހަމަ ޕޮސިބަލް ކަމެކޭ ތަންކޮޅެއް އުޅުން ތަފާތު ވުމަކީވެސް... ވެދާނެއެއްނު އެކަމާ ކުރިމަތިލާން ޒީގެ ސިކުނޑި ވިސްނައިދެނީ އެގޮތަށްކަމަށް. " އަރްޒަންއެއްޗެއް ނުބުނުމުން އަޔާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

" އަހަރެން ޒީ ގާތު ތިވާހަކަ ބުނާނީ ކިހިނެއް؟ ހަމަހުރެހުރެފަ ގޮސް ހިނގާށޭ ސައިކޮލޮޖިސްޓެއް ކައިރިއަށް ދާން އަހަންނަށް ހީވަނީ މިހެންމިހެންނޭ ބުނީމަ ކިހިނެއްވާނީ؟" އަރްޒަން އަޔާންއަށް ބަލައިލިއެވެ.

"އަހަންނަށް ޔަޤީން ޒީގެ ބިހޭވިއާ އެހާ ބޮޑަށް ޗޭންޖްވިއްޔާ ޚުދު އޭނާގެ މައިންބަފައިންނަށް ވެސް އެކަން ފާހަގަކުރެވޭނެ. އެމީހުންގެ ޚިޔާލެއް އެނގޭތަ އެއްވެސް ވަރަކަށް؟" އަޔާން ސުވާލުކޮށްލިއެވެ.

"ނޫން. ޒީ ގިނައިން އުޅެނީ އަހަރެން ގާތު. މަންމަމެން ހިންހަމަ ނުޖެހޭނެހޭ އެހީމަ ބުނީ މަންމަމެންނަށް އަންޑަސްޓޭންޑް ވެޔޯ އަހަރެން ގާތަށް އަބަދު އަންނަނީ އަހަރެން އެކަނި ހުންނާތީކަން...!" އަރްޒަން ބުނެލިއެވެ.

"ދެން އެހެންވިއްޔާ ރަނގަޅު ވަގުތެއް ބަލައިގެން އެ ވާހަކަ ޒީ އާ ދައްކައިލަބަލަ. އާރާ އިޒް އޯލްސޯ ޓޭކިން ތެރަޕީ މިހާރު، ވިތް މެޑިކޭޝަންސް... ކުރިން ދުވަހަކު ޖިނާން ބުނީ. ހީކުރިވަރަށް ވުރެވެސް ބޮޑަށޯ އާރާއަށް އަސަރު ކުރީ. ކުރިން އާރާގެ ފެމެލީ މައްސަލަތަކެއް ދިމާވެގެން އާއިލާ ރޫޅި އެކަމުގަވެސް ނަފްސާނީ އަސަރުތަކެއް އާރާއަށް ކުރިކަމަށްވަނީ. އެހެންވެ ޑޮކްޓަރުވެސް ބުންޏޯ މި ފަހަރު މިކަމާ ހެދި މާ ބޮޑަށް ސަކަރާތްވީ ކަމަށްށޯ ބެލެވެނީ. " އަޔާން އަރްޒަންއަށް އޮޅުން ފިލުވައިދިނެވެ.

"އަހަރެން ވެސް ބަލާނަން ޒީއާ ވާހަަކަ ދެއްކޭތޯ. ޒީ މިހާރު ވަރަށް އާރާއާ ގުޅާތަން ވެސް ނުފެނޭ... "

"އެހީތެރިކަމަށް އެދުމަކީ މައްސަލައެއް ނޫންކަމަށް ވިސްނައިދީ. ސަމްޓައިމްސް އިޓްސް އޯކޭ ޓު ނޮޓް ބީ އޯކޭ!" އަޔާން ބުނެލިއެވެ.

"އޯކޭ އަހަރެން ބަލާނަން އިނގޭ ތި ވާހަަކަ ކޮންމެވެސް ވަރަކަށް ދައްކައިލެވޭތޯ... ރަނގަޅު ވަގުތެއްގައ ދޯ ވާނީ ތިކަންކުރަން!" އަރްޒަން ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

އަޔާން ފާހާނާއަށް ވަނުމުން އަރްޒަން އޭނާގެ ފޯނުން ފޭސްބުކަށް ވަދެލިއެވެ. ފުލުފުލުގައި ނޮޓިފިކޭޝަންސް އަންނަން ފެށީ ދެނެވެ. އެ ޕޯސްޓް ހުޅުވައިލާ އޭގައިވި ވީޑިއޯ ބަލައިލި އަރްޒަންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އިނގިލީގެ ހަރަކާތްތައް މަޑުޖެހި އަތަށް ކުޑަ ތުރުތުރު އެޅުމެއް ވެރިވިއެވެ. ހިތުގެ ތެޅުން އިންތިހާ އަވަސްވެ އޭނާއަށް ހިންދިރުވައިލެވުނެވެ. އޭސީގެ ފިނިކަން ހުރި އެ ކޮޓަރިތެރޭގައި ވެސް އޭނާގެ ނިތުން ދާހިއްލާލައިފިއެވެ.

އެ ވީޑިއޯ ޕްލޭ ވަމުން ދިޔަވަރަކަށް އޭނާގެ ހާސްކަން ވެސް ދިޔައީ ދެގުނަ ވަމުންނެވެ. ނޭވާ އަވަސްވެ މީހާގެ ހަމަޖެހުން އެކީ ގެއްލެމުން ދިޔައެވެ.

"ކިހިނެއް؟" ވައިއަޑުން އަރްޒަންއަށް ބުނެވުނެވެ.

(ނުނިމޭ)

comment ކޮމެންޓް