ސަފާރީގައި ހިނގީ ވަރަށް ވެސް ކުޑަކަމެއް، އެއީ ރޭޕެއް ނޫން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި ކަމަށް ބުނެ އާންމުންގެ ތެރޭ ވާހަކަ ދެކެވެނީ އެ ކަން ހިނގަި ދިޔަ ގޮތަށްވުރެ ބޮޑުކޮށްލައިގެން ކަމަށް ދޭހަވާފަދަ މޭރުމަކުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދައްކަވައިފިއެވެ.

މިރޭ ދިވެހިރާއްޖޭގެ އަޑުން ފޮނުވި ޕްރޮގްރާމެއްގައި އެހުންތެރިޔަކު ފޮނުވި ސުވާލެއްގެ ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މައްސަލާގައި ޕްރޮސީޖަރަލް މައްސަލަތަކެއް އެބަހުރި ކަމަށާއި ނަމަވެސް ކަންހިނގައި ދިޔަ ގޮތަށް ބަލާއިރު އާންމުންގެ ތެރޭ ވާހަކަ ދެކެވުނީ ކަން ހިނގި ގޮތަށްވުރެ މާ ބޮޑުކޮށް ކަމަށެވެ.

"ތީގައި ވަރަށް ތެދަށް ދަންނަވާނީ. ބައެއް ކަންކަން، އެންމެ ފުރަތަމަ އޭނަ [ވިކްޓިމް] ގެންގޮސް ދޫކޮށްލުމުގައްޔާއި އެކަންތަކުގައި އެބަހުރި ޕްރޮސީޖާ އިން ބޭރު ކަންތައްވެސް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެންމެ ފުރަތަމަ އެ ހާދިސާގެ ވާހަކަ އަޑުއިވުމުން އެހީ ބޮޑު ރޭޕް ކޭސްއެއް ކަމަށް ހީކުރެއްވި ކަމަށެވެ.

"ހަމަ ތެދެއް މި ދެންނެވީ އަޅުގަނޑުވެސް އެ ވާހަކަ އަޑުއެހީމާ، އެ ވާހަކަ ފެތުރިގެން އައީމާ އަޅުގަނޑަށް ވެސް ތަސައްވަރު ކުރެވުނީ ހަމަ ވަރަށް ބޮޑު ރޭޕް ކޭސް އެކޭ މިއީ. އެހެންނަމަވެސް އެ މައްސަލަ ގާތުން ބަލާލީމާ [އެނގޭ އެހެން ނޫންކަން.] އަޅުގަނޑަށް ދެން މިކަހަލަ ތަނެއްގައި އެހާ ފަސޭހައެއް ނޫން އެ ހިނގާފައި އޮތް ކަންތައް ނުވަތަ އެ އިބާރާތް ބޭނުން ކުރާކަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.

"އެހެން ނަމަވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ އާންމު ޕަބްލިކް ތަނެއްގައިވެސް ހުރެފައިވެސް ބަޔެއްގެ ތެރޭގައި ހުރެފައިވެސް މިީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއްގެ ވާހަކަ އެއީ. އަދި ކުރީމަ ކަމެއް ކުރިކަންވެސް ނެނގޭ ވަރުގެ ކަމެއް ހިނގާފައި އޮތީ،" ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަފާރީގައި ހިނގައި ދިޔަ ކަންތައް ރިޕޯޓު ކުރެވިގެން އައި އިރު އެ މައްސަލައިގެ ވިކްޓިމްގެ ބަޔާންވެސް އެކި ގޮތްގޮތަށް އެކި ފަހަރު މަތިން ބަދަލުވެފައިވާ ކަމަށެވެ.

"އޭތި ބޮޑުވެ ނޫސްތަކަށް އައި ގޮތާ، އެ ހުރިހާ އެއްޗަކަށް ބަލާއިރު އަސްލުގައި ހަގީގަތާ ހިލާފު ވާހަކައެއް މި ދެކެވެނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޕްރޮސީޖަރަލް މައްސަލަ ދިމާވީ ބަޔާނަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ކަމަށް ބެލެވިދާނެ ކަމަށެވެ.

"އެހެންވީމާ އެއީ ކަމަށް ވެދާނެ ޕްރޮސީޖަރަލް އިޝޫ ކުރިމަތިވި ކަމަށް ވެދާނެ، ފުރަތަމަ އެޓެންޑު ވި ފުލުހުން އެއީ މައްސަލަ އަކަށް ނުހެދުން. ފަހުން ރިޕޯޓު އައީމާ ސީރިއަސް ވެގެން ބަލަމުން ދިޔައީ،" މިނިސްޓަރު ވިދާޅުވިއެވެ.

"ޕްރޮސީޖަރަލް މައްސަލަ ނެތެކޭ ނުބުނެވޭނެ،"

މިނިސްޓަރު ވިދާޅުވީ އެ މައްސަލާގައި އާންމުންގެ ތެރޭގައި މި ވާހަކަ ދެކެވޭ ކަހަލަ ބޮޑު ރޭޕް ކޭސްއެއް ނެތް ކަމަށެވެ.

"އާންމުންގެ ތެރޭގައި މި ވާހަކަ ދެކެވޭ ކަހަލަ ބޮޑު ރޭޕް ކޭސްއެއް އަސްލުގައި އެޔަކު ނެތް. މިއީ ހަގީގަތެއް،" މިނިސްޓަރު އިމްރާނު ވިދާޅުވިއެވެ.

މައްސަލާގައި ހައްޔަރު ކުރެވުނު މީހުން ދޫކޮށްލި މައްސަލައާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ އެ މައްސަލާގައި ތުހުމަތު ކުރެވުނު މީހުންނަށް ތުހުމަތު ކުރެވިގެން ދިޔަ ގޮތާއި ގުޅިގެން މައްސަލަ ކުރިއަށް ގެންދިޔުމުގައި ޕްރޮސީޖަރަލް މައްސަލަ އެބަހުރި ކަމަށެވެ.

"ނަމަވެސް ރޭޕް ކޭސް އެއް ހިނގައިގެން އެކަމުގައި އަޅަން ޖެހޭ ފިޔަވަޅެއް ނޭޅިޔޭ ނުބުނެވޭނެ" އިމްރާން ވިދާޅުވިއެވެ.

ހުޅުމާލޭ ފަޅުގައި އަޅާފައިވާ ސަފާރީއެއްގައި ޖޫން މަހުގެ 26 ވަނަ ދުވަހުގެރޭ ހިނގި ހާދިސާ އާއި ގުޅިގެން ދެ މމީހަކު ހައްޔަރު ކުރުމަށްފަހު ފުލުހުން އެމީހުން ދޫކޮށްލާފައިވަނީ ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެއެވެ.

comment ކޮމެންޓް